"ޒިކުރާ މިސްކިތުގެ މައްސަލަ މަޖިލީހަށް ހުށަހެޅިތާ ދެ އަހަރު، އަދި ކޮމެޓީއާ ހަމައަށް ނުދޭ"

ޒިކުރާ މިސްކިތް ހުރި ތަން މިހާރު -- ސަން ފޮޓޯ

ޒިކުރާ މިސްކިތް އިމާރާތްކުރަން ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލަ މަޖިލީހަށް ހުށަހެޅިތާ ދެ އަހަރު ވީ އިރުވެސް އެ މައްސަލަ ކުރިއަށް ނުގެންދާތީ އިސްލާމިކް މިިނިސްޓްރީގެ ކުރީގެ ޕާމަނަޓް ސެކެޓްރީ މުސްއަބު އަބްދުﷲ ފާޑުވިދާޅުވެއްޖެ އެވެ.

ދާރުލް ޒިކުރާގެ ނަމުގައި 10 ބުރީގެ މިސްކިތެއް އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ސޮއިކުރީ ޖުލައި، 9، 2018، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

އެ މަޝްރޫއު އެސްޖޭއާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރަށާއި އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މުސްއަބު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ހުށަހެޅިތާ ދެ އަހަރު ވީއިރު، އަދިވެސް ކޮމެޓީއާ ހަމައަށް މައްސަލަ ނުދާ ކަމަށެވެ.

"100 އެތައް މިލިއަނެއްގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް، ޑޮކިއުމެންޓްތަކާ އެއްކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އެޑްރެސްކޮށް ފޮނުވިތާ ދެ އަހަރު. އަދި ކޮމެޓީއާ ހިސާބަށް ނުދޭ." މުސްއަބު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ) -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އޭނާ އެ ޕޯސްޓު ކުރެއްވީ، ސުޕަ މެޖޯރިޓީއާއެކުވެސް ހިޔާނާތް ނުބެލުނު ކަމަށާއި ކޮމެޓީއަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވުމާ ގުޅިގެން ރައްދު ދެއްވަމުންނެވެ. އީވާ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަށެވެ.

އެ ޕޯސްޓުގައި ހިޔާނާތް ކިޔުއްވަނީ ކޯއްޗަކަށްތޯ މުސްއަބު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ތިޔަ ބޭފުޅުންނަށް ސިޔާސީ ފައިދާއެއް ހޯދަން ނޫނިއްޔާ ހިތްހަމަ ނުޖެހޭ ބައެއް ދުއްވާލަން ވީމަ އެއީ ހިޔާނާތް،" މުސްއަބު ވިދާޅުވި އެވެ.

އެއްބަސްވުމާ އެއްގޮތަށް ޒިކުރާ މިސްކިތުގެ މަސައްކަތް ކުރިއަށް ނުގެންދާތީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން އެއްބަސްވުން ބާތިލުކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ނަގައިދިނުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ވަނީ ދައުވާކޮށްފަ އެވެ.

އެހެން ނަމަވެސް ގެއްލުމުގެ ގޮތުގައި 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ވަނީ މިއަހަރުގެ ކުރީކޮޅު ހުކުމްކޮށްފަ އެވެ.

https://sun.mv/147813

comment ކޮމެންޓް