އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ދެކޮޅަށް އިސްރާއީލުން ރޭވި ރޭވުން ފެނަށް

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުވުމަށް އިސްރާއީލު ކުރަމުން ގެންދާ މަސައްކަތްތައް ނާކާމިޔާބު ވެއްޖެކަން ގާތްގަނޑަކަށް މިހާރުވަނީ ކަށަވަރުވެފައެވެ.

އިސްރާއީލުގެ ވަފްދުގެ މަސައްކަތްވަނީ ނާކާމިޔާބުވެފައި

އެމެރިކާގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުންނާއި އެމެރިކާއާއި އިސްރާއީލުގެ މުހައްލިލުން ވިދާޅުވާގޮތުގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަކީ އިސްރާއީލަށް ނުރައްކާވާނެ ކަމެއްކަން ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ ކަމާބެހޭ މަސްއޫލުވެރިންނަށް ވިސްނައި ދިނުމަށް އިސްރާއީލުން ފޮނުވި އަމަނާބެހޭ ވަފްދުގެ ބޭފުޅުން ގެ މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

އިސްރާއީލުގެ ވަފްދުގައި ހިމެނޭ އިސް ދެ ބޭފުޅުންނަކީ އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު މައީރު ބެން ޝަބާތު އާއި ޖާސޫސީ އިދާރާ (މޫސާދު) ގެ ވެރިޔާ ޔޫސީ ކޮހިން އެވެ. އެދެބޭފުޅުން މިމައްސަލާގައި އެމެރިކާގެ މަސްއޫލުވެރިންނާ ކުރެވި މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަކީ އިސްރާއީލަށް ސަލާމަތީގޮތުން އޮތް ނުރައްކަލެއްކަން ތަކުރާރުކޮށް ބަޔާންކޮށްދެއްވި ނަމަވެސް އެމެރިކާގެ މަސްއޫލުވެރިންވަނީ އީރާނުން ނިއުކްލިޔާ ބޮމާ ދިމާއަށްކުރާ ދަތުރު ހުއްޓުވޭނެ ހަމައެކަނި މަގަކީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ ރުޖޫއަވުންކަމާއި އެކަމާގެން ކުރިޔަށްދާނެކަން އިސްރާއީލުގެ ވަފްދަށް އަންގާފައެވެ.

2015 ވަނައަހަރު އިސްރާއީލު ކުރި މަސައްކަތްވެސްވަނީ ނާކާމިޔާބުވެފައި

2015 ވަނައަހަރު އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ސޮއިކުރަން އުޅުނުއިރު އޭރުގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރަށްވެސް އެކަން ނުކުރުމަށް އިސްރާއީލުން ބޮޑެތި ފިއްތުންތައް ކުރިމަތި ކުރިއެވެ. އޭރު އެކަންކުރެއްވީ ސީދާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ވަޑައިގެންނެވެ. އެމެރިކާގައި ހަރަކާތްތެރިވާ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ބޭނުންވެސް ކޮށްގެންނެވެ. ނަމަވެސް އެކަމުގައި ނަތަންޔާހޫއަށް ކާމިޔާބެއް ނުލިބުނެވެ. 2015 ވަނައަހަރު އޮބާމާގެ ސަރުކާރުންވަނީ އީރާނާއެކު ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކޮށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ

އީރާންވަނީ ޔުރޭނިޔަމް ފައްކާކުރާ މިންވަރު 60 އިންސައްތައަށް މައްޗަށް ޖައްސާފައި

2015 ވަނައަހަރު ސޮއިކުރިމި އެއްބަސްވުމުގައި ހިމެނޭ ބައިތައް ތަންފީޒުކުރުން އީރާނުން ހުއްޓާލީ 2018 ވަނައަހަރު ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެއެއްބަސްވުމާ ޚިލާފަށް އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެއްބަސްވުމުން (އެކަހެރި ގޮތެއްގައި) އެމެރިކާ ވަކިވުމުންނެވެ. ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނޭ ބައިތައް ތަންފީޒުކުރުން ހުއްޓާލުމަށްފަހު އީރާންވަނީ ޔުރޭނިޔަމް ފައްކާކުރާ މިންވަރު 60 އިންސައްތައަށް މައްޗަށް ޖައްސާފައެވެ. މިއީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ އީރާން ގާތްވުން ކަމަށް އެމެރިކާ ޔަގީން ކުރެއެވެ. މިގޮތަށްކުރިޔަށްދާނަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިއުކްލިޔާ އެތަށް ބޮމެއް އީރާނުން އުފައްދާނެކަމާއި ބާރުގެ ބޭނުންކޮށްގެން މިކަން ކުރެވެން ނެތްއިރު ދެން ކުރެވޭނެ ހަމައެކަނި ކަމަކީ ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރަން ފެށުންކަމަށް އެމެރިކާ ދެކެއެވެ.

އީރާނުން އެއްބަސްވުމަށް އަމަލުކުރާނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ބުނަނީ އީރާނުން ޔުރޭނިޔަމް ފައްކާކުރަންޖެހޭނީ 3 އިންސައްތަށް ކަމަށެވެ. އެއީ މަދަނީ ބޭނުންތަކަށް ނިއުކްލިޔާ އެނާޖީ ބޭނުންކުރެވޭ މިންވަރެވެ. މިއީ އަސްކަރީ ބޭނުންތަކަށް ޔޫރޭނިޔަމް ބޭނުންކުރެވޭ ވަރަށްވުރެ މާދަށް މިންވަރެކެވެ. އީރާން ބުނާގޮތުން ދެން އެ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށާނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލައި ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމުންނެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާވަނީ އެއްބަސްވެފައި

މިދެކަންތަކާބެހޭގޮތުން އެމެރިކާއާއި އީރާނުގެ މަސްއޫލުވެރިން ވިއެނާގައި މިހާރުވަނީ ދެބުރެއްގެ ވާހަކަތައް (ޔޫރަޕް މެދުވެރިއަކަށް ވެގެން) ޗައިނާއާއި ރަޝިއާވެސް ބައިވެރިވާގޮތަށް ބާއްވާފައެވެ. ތިންވަނަ ބުރުގެ ވާހަކަތައް މިއަދު ފެށޭއިރު އީރާން ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރާނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އެއްބަސްވެފައިވާ ކަމަށް އީރާން ބުނެއެވެ. އެމެރިކާވެސް ވަނީ މި މައްސަލާގައި އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ މަގުމަތީގައިވާކަން ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ރައީސް ބައިޑެން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާނުގެ ސިޔާސަތު ބަދަލުކުރުމަށް އެމެރިކާ ކުރި ހުރިހާ މަސައްކަތްތަކެއް ފޭލްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އަދި އީރާނާ ހަނގުރާމަކޮށް ތަޅާފޮޅައިގެން އެމެރިކާއަށް މަގްސަދު ހާސިލް ނުކުރެވޭނެ ކަމަށްވެސް ބައިޑެން ދެކެވަޑައިގަންނަވައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އިގްތިސާދީ ގޮތުން އީރާން ކުރިއަރައިގެން ދިޔުމަކީވެސް އިސްރާއީލުގެ ކަންބޮޑުވުމެއް

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ އިގްތިސާދީ ގޮތުން ވަރަށް ބާރަށް އީރާން ކުރިއަރައި ސަރަހައްދުގައި މިހާރަށްވުރެ ބޮޑަށް އީރާނުގެ ބާރާއި ނުފޫޒު ގަދަވާނެކަމަށް އިސްރާއީލު ދެކެއެވެ. އިސްރާއީލުގެ ސްޓްރެޓެޖީ އަކީ އަބަދުވެސް ސަރަހައްދުގެ ހުރިހާ ގައުމުތަކަށް އަސްކަރީގޮތުން ބިރު ދެއްކޭފަދަ ބާރުގަދަ ހާލަތުގައި އޮންނަ ގައުމަކީ އިސްރާއީލު ކަމަށް ހެދުމެވެ. ހުރިހާ ބާރެއް އިސްރާއީލު އަތުގައި އޮވެފައި އެހެންގައުމުތަށް އިސްރާއީލަށްވުރެ ބަލިކަށިކޮށް ބޭއްވުމެވެ. ނުވަތަ އިސްރާއީލާ ތިލަފަތް ހަމަވާވަރުގެ އެހެން ގައުމެއް އޮތުމުގެ ފުރުސަތު ނުދިނުމެވެ.

އިސްރާއީލުވަނީ ނިއުކްލިޔާ ހަތިޔާރާއި އެނޫންވެސް ފަނާކުރަނިވި ހަތިޔާރު އުފައްދާފައި

މިބާރުވެރިކަން ހޯދުމަށްޓަކައި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ސިއްރިޔާތުގައި އިސްރާއީލުވަނީ ނިއުކްލިޔާ ހަތިޔާރާއި އެނޫންވެސް ފަނާކުރަނިވި ހަތިޔާރާ އަދި މިސައިލާއި އެނޫންވެސް ކޮންވެންޝަނަލް ހަތިޔާރުވެސް އުފައްދާފައެވެ. އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފެއްދިނަމަވެސް އެއީ ކަމެއްކަމަކަށް އެމެރިކާވެސް އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ނުހަދައެވެ. އަނެއްކޮޅުން އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުވެސް އަބަދު ލިބެމުންދާ ގައުމަކީ އިސްރާއީލުކަމަށްވާތީ އިސްރާއީލު އޮންނަނީ ބޭނުން ކޮންމެ ބިރެއް އަސްކަރީގޮތުން ސަރަހައްދުގެ ގައުމުތަކަށް ދައްކައި އިސްރާއީލު ބޭނުންކޮންމެ ގައުމަކަށް ބޮންއެޅޭފަދަ ހާލަތެއްގައެވެ. އެއީ އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގެނެގެން އުޅޭއުޅުން މިނޫންގޮތަކަށް ދެމެހެއްޓެން ނޯންނާނެކަން އިސްރާއީލު ދެކޭތީއެވެ. މިނޫންގޮތެއް މެދުވެރިވެއްޖެނަމަ ފަލަސްތީނުގެ ބިންތަކުން ފާބައި ފަލަސްތީނުގެ ހައްގުތައް ފަލަސްތީނުގެ ރައްޔިތުންނަށް ދޭން އިސްރާއީލަށް މަޖްބޫރުވެދާނެތީއެވެ.

އީރާންދެކެ ޖެހިލުންވަނީ އީރާނުން އިސްވެ ހަމަލާދީފާނެތީ އެއްނޫން

އިސްރާއީލު އީރާން ދެކެ ޖެހިލުންވަނީ އެއްގޮތަަކަށްވެސް އީރާނުން އިސްވެ އިސްރާއީލަށް ހަމަލާ ދީފާނެތީ އެއްނޫނެވެ. އިސްރާއީލު ހިންގާ އުދުވާނަށް ސީދާ ގޮތެއްގައި ރައްދު ދެވޭ ހާލަތުގައި މިހާރުވެސް އޮތް އީރާން އިތުރަށް ބާރުގަދަވެ އިސްރާއީލަކީ ސަރަހައްދުގެ ގައުމުތަށް ބިރު ގަންނަ ހަމައެކަނި ގައުމަކަށް ވެފައި އޮންނަ އޮތުން ނިމުމަކަށް އަތުވެދާނެތީއެވެ.

އަމިއްލަ ޓެކްނޮލޮޖީގައި އީރާނުން ބާރުވެރިކަން ހޯދާފައިވުމަކީވެސް އިސްރާއީލުގެ ކަންބޮޑުވުމެއް

އިސްރާއީލުގެ އުދުވާނަށް ރައްދު ދެވޭފަދަ އަސްކަރީގޮތުން ބާރުގަދަ ހާލަތުގައި އޮތް ހަމައެކަނި ގައުމަކީ މިހާރުވެސް އީރާނެވެ. މި ބާރުވެރިކަން އީރާން ހޯދާފައިވަނީ ބޭރު ގައުމެއްގެ ހަތިޔާރަށް ބަރޯސާނުވެ އީރާންގެ އަމިއްލަ ޓެކްނޮލޮޖީގައި ކަމަށްވުމަކީވެސް އިސްރާއީލުގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. އެމެރިކާ މެދުވެރިކޮށް އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާ އަދި ސައެންސްވެރިން މެރުމާއި ސައިބާ ހަމަލާތައްފަދަ ކުދި އަނިޔާތައް އީރާނަށް ދީގެންވެސް މިހާލަތު ބަދަލުކުރުމުގައި އެމެރިކާވެސް އަދި އިސްރާއީލުވެސްވަނީ ނާކާމިޔާބުވެފައެވެ.

އިސްރާއީލު އެންމެ ފަހުން އަވަހަރަކޮށްލި އީރާނުގެ ނިއުކްލިޔާ އިސް ސައެންޓިސްޓް ޕްރޮފެސަރ މުހްސިން ފަޚްރީ ޒާދާ

އީރާނަކީ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތައް ހިމެނޭގޮތަށް އިސްރާއީލުގެ ކޮންމެތަނަކަށްވެސް ހަމަލާދެވޭވަރުގެ ބަލިސްޓިކް މިސައިލް ގެ އެތަށް ވައްތަރަކާއި ކްރޫޒް މިސައިލްގެވެސް އެތަށް ވައްތަރެއް އުފައްދާ ގައުމެކެވެ. އެހެންކަމުން އިސްރާއީލު ބޭނުންވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖުއަވާއިރު އެ އެއްބަސްވުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމު ހުއްޓާލުންވެސް ހިމެނުމަށެވެ. ނަމަވެސް މިކަމަށް އީރާން ކަނޑައެޅިގެން ދެކޮޅު ހެދުމުގެ ސަބަބުން މިކަންކުރެވޭނެމަގު އެމެރިކާއަށްވަނީ ބަންދުވެފައެވެ. އިސްރާއީލު ކަންބޮޑުވާ ދެވަނަ މައްސަލައަކީ މިއެވެ. ނަމަވެސް މިކަން ނުކުރެވޭނެކަން އެމެރިކާ މިހާރުވަނީ ގަބޫލުކޮށްފައެވެ.

އިސްރާއީލު ފިޔަވައި ސަރަހައްދުގެ ގައުމަކުން ނިއުކްލިޔާ ބާރުވެރިކަން ހޯދުމަކީ ކޮށްގެންވާނެ ކަމެއްނޫން

އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާއެކުވެސް އީރާނުން ސިއްރިޔާތުގައި ނިއުކްލިޔާ ބޮން އުފައްދަފާނެކަމުގެ ބިރު އިސްރާއީލު އިޙްސާސް ކުރެއެވެ. އިސްރާއީލުން ސިއްރިޔާތުގައި ނިއުކްލިޔާ ބޮން އުފައްދާފައިވީނަމަވެސް ސަރަހައްދުގެ އެހެން ގައުމަކުން ނިއުކްލިޔާ ބޮމެއް އުފެއްދުމަކީ ނުވަތަ ނިއުކްލިޔާ ބާރުވެރިކަމެއް ހޯދުމަކި އިސްރާއީލުގެ ބާރުވެރިކަމަށް ގޮންޖަހާލުންކަމާ މިއީ އެއްވެސް ހާލެއްގައި ވެގެންވާނެ ގޮތެއް ނޫންކަމަށް އިސްރާއީލު ދެކެއެވެ.

މީގެއިތުރުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އުވާލުމުން އީރާނަށް މިހާރަށްވުރެ އަސްކަރީގޮތުން މާބޮޑަށް ވަރުގަދަވެގެންދާނެކަމާއި އޭރުން ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމުގައި އިސްރާއީލުން ދޫދޭން ޖެހިދާނެކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް