ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި ދެ މީހަކު ހޯދަނީ

އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ މިއަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން، އެ ދެމީހުން ބޫޓު ހަރުގަނޑު ކައިރީ ހިނގަމުން ގޮސް، ހަރުގަނޑުގެ އެއް ކޮޅުން ބޫޓެއް ހިފައިގެން ދެ އެވެ.

ބޫޓު ނެގުމަށްފަހު ސީސީޓީވީ އަށް ދެމީހުން ގެއްލިފައި ދެން ކެމެރާއަށް އަރާ އިރު، އެމީހުންގެ އަތުގައި ބޫޓެއް ނޯވެ އެވެ. ނަމަވެސް އެތަނުން އެކަކުގެ ކޮނޑުގައި އޮތް ދަބަހުގެ ޒިބު އަޅުވަމުން ދެމީހުން ނުކުމެގެން ދާތަން ވީޑިއޯ އިން ފެނެ އެވެ.

އެ ދެމީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އެ މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 482691 އެވެ.

comment ކޮމެންޓް