އެމެރިކާއިން އެސްޓްރާޒެނެކާ ވެކްސިންގެ 60 މިލިއަން ޑޯޒް ގައުމުތަކަށް ފޮނުވަނީ

އެމެރިކާއިން ވަނީ އެގައުމުގެ އެސްޓްރާޒެނެކާ ވެކްސިން ސްޓޮކުން ޑޯޒްތަކެއް އެހެން ގައުމުތަކާ ހިއްސާ ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޭޕްރިލް 27): އެމެރިކާއިން އެގައުމުގެ ރައްޔިތުންނަށް ދޭން ހޯދާފައިވާ އެސްޓްރާޒެނެކާ ވެކްސިން ސްޓޮކްގެ ތެރެއިން 60 މިލިއަން ޑޯޒް އެހެން ގައުމުތަކަށް ދޭން އެމެރިކާއިން އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން އެސްޓްރާޒެނެކާ ވެކްސިން ޑޯޒްތަކުގެ ކޮލިޓީ ބެލުމަށް ފަހު ފުރަތަމަ 10 މިލިއަން ޑޯޒް ފޮނުވާނެ އެވެ. އަދި އިތުރު 50 މިލިއަން ޑޯޒް އުފެއްދުމުގެ އެކި ސްޓޭޖުތަކުގައި ހުރި ކަމަށާއި އެ ޑޯޒްތައް މެއި، ޖޫން ހިސާބުގައި ފޮނުވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމެރިކާއިން ވެކްސިން ފޮނުވާނީ ކޮން ގައުމުތަކަށް ކަމެއް އެގައުމުން ހާމަ ނުކުރެ އެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސަކީ ވިދާޅުވި ގޮތުގައި އެގައުމުން ވެކްސިން ފޮނުވާނެ ގައުމުތައް ކަނޑައަޅާނެ ގޮތެއް ނިންމުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެމެރިކާގައި އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރަން އެފްޑީއޭއިން އަދި ހުއްދަ ދީފައި ނުވި ނަމަވެސް އެގައުމުން ވަނީ އެ ވެކްސިންގެ އެތައް މިލިއަން ޑޯޒް ގަނެފަ އެވެ. އަދި އެމެރިކާއިން ވެކްސިން ބައްކުރާ ކަމަށް ބުނެ އެގައުމަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެމެރިކާއިން ވަނީ މިހާތަނަށް ފައިޒާ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ 230 މިލިއަން ޑޯޒް އެގައުމުގެ ރައްޔިތުންނަށް ދީފަ އެވެ. އަދި އެއް ޑޯޒް ނުވަތަ އެއަށް ވުރެ ގިނަ ޑޯޒް ޖަހާފައިވާ 18 އަހަރުން މަތީގެ މީހުންގެ މިންވަރު މިހާރު 54 ޕަސެންޓަށް އަރާ ކަމަށް ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުންޏެވެ.

ދުނިޔޭގައި ކޮވިޑް-19 ވެކްސިން ދެމުންދާ މިންވަރު ޓްރެކް ކުރަމުންދާ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ ނޫސް އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި މުޅި ދުނިޔޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ އެއް ބިލިއަން ޑޯޒް ވަނީ ޖަހާފަ އެވެ. ނަމަވެސް އޭގެ ތެރެއިން 58 ޕަސެންޓު ޖަހާފައި ވަނީ ތިން ގައުމެއްގަ އެވެ. އެއީ އެމެރިކާ، ޗައިނާ އަދި އިންޑިއާގަ އެވެ. އަދި އާބާދީގެ ނިސްބަތުން ބަލާ އިރު އެންމެ ގިނައިން ވެކްސިން ޖަހާފައި ވަނީ އިސްރާއީލުންނެވެ. އެގައުމުގައި ކޮންމެ 10 މީހުންގެ ތެރެއިން ހަ މީހަކަށް ވަނީ ވެކްސިން ޖަހާފަ އެވެ.

އެމެރިކާއިން މިހާރު ކޮވިޑްގެ 32.2 މިލިއަން ކޭސް ފެނިފައިވާ އިރު އެގައުމަކީ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އަދި އެގައުމުން ބަލި ޖެހިގެން 586،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

comment ކޮމެންޓް