ނައިފަރުގައި އެއް މަސް ތެރޭ 300 މީހުންނަށް ކޮވިޑް ޖެހިއްޖެ

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ކޮވިޑް19 ގެ ކޭސްތަކެއް ފެނި ޅ. ނައިފަރު ބަންދުކުރިތާ މަހެއް ވެފައިވާއިރު މިހާތަނަށް 300 އަށް ވުރެ ގިނަ މީހުންނަށް އެ ރަށުން ބަލި ޖެހިއްޖެ އެވެ.

ބޮޑު އާބާދީއެއް އޮންނަ ނައިފަރު މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު މޮނީޓަރިން އަށް ލީ ފަހުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 313 އަށް އަރާކަމަށް އެ ރަށުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން އާންމު ކޮށްފައިވާ ހިސާބުތައް ދައްކަ އެވެ.

ރޭ އެ ހޮސްޕިޓަލުން އާންމުކުރި ހިސާބުތަކަށް ބަލާއިރު 217 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 95 މީހަކު އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ. އިއްޔެ އެރަށުން 15 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ނައިފަރުގައި ބަލި ފެތުރެން ފެށުމާއެކު ރޭއާއި ހަމައަށް 2،745 މީހެއްގެ ސާމްޕަލް ނަގާާފައިވާ ކަމަށާއި އޭގެ ތެރެއިން 90 މީހެއްގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް ރޭގެ މައުލޫމާތުތަކުން ދައްކަ އެވެ.

ނައިފަރުގެ އިތުރުން އެ އަތޮޅުގައި މީހުން ދިރިއުޅޭ އަނެއް ތިން ރަށުންވެސް ވަނީ ކޮވިޑް ކޭސްތައް ފެނިފަ އެވެ. ހިންނަވަރުން ޖުމްލަ 49 މީހަކު ޕޮޒިޓިވްވި އިރު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ ހަތަރު މީހުންނެވެ. އެރަށުން ބަލި ޖެހުނު 45 މީހަކު ވަނީ ބަލިން ފަސޭހަ ވެފަ އެވެ.

އެ އަތޮޅު ކުރެންދޫ އިން 17 މީހުންނަށް ބަލި ޖެހުނު އިރު 13 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. މިވަގުތު ފަރުވާ ދެމުންދަނީ ހަތަރު މީހަކަށެވެ. އޮޅުވެލިފުށިންވެސް 19 މީހަކަށް ބަލި ޖެހުނެވެ. އޭގެ ތެރެއިން މިވަގުތު އޮތީ އެކްޓިވް ދެ ކޭސް އެވެ.

ޅ. އަތޮޅުގެ ރަށްރަށަށް ކޮވިޑް ފެތުރިފައިވަނީ އެ އަތޮޅުގައި އޮންނަ ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.

ފާއިތުވި މަހެއްހައި ދުވަސް ތެރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށައިފަ އެވެ. މިއާއެކު މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް އޮތީ މޮނީޓަރިންގަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 28،000 ހުރަސްކޮށްފައިވާއިރު ރޭގެ ނިޔަލަށް 28،202 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 126 އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 71 އަށް އަރައިފަ އެވެ. ބަލިން ފަސޭހަވީ 24،421 މީހުންނެވެ. މިވަގުުތު އެކްޓިވް ކޭސްގެ ގޮތުގައި 3،252 ކޭސް އެބައޮތެވެ.

comment ކޮމެންޓް