ޔާރާއެ ލޯބިދޭށޭ... 32

"ގުޑް ޖޮބް..." ފުލުސްމީހާ ހިނިތުންވެލިއެވެ.

"ޓީމް ވަން އެންޑް ތްރީ..." ފުލުސްމީހާ އަތުން އިޝާރާތްކޮށްލި އެވެ.

ޔުނީފޯމުގައި ތިބި ބަޔަކު އައިސް ފުލުސްމީހާގެ ކުރިމަތީގައި ސަފު ހަދައިލި އެވެ.

"ޓީމް ޓޫ... އެރެސްޓް..." ފުލުސްމީހާ ދެން ވާހަކަ ދެއްކީ، ފޯނުންނެވެ.

********

ޖުއާންގެ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައި ޒެނިލް ހުއްޓެވެ. އަތުގައި ޖުއާން ދިން ލިޔުންތައް ހުރިއިރު، އިރުއިރުކޮޅައި އެ ލިޔުންތަކަށް ބަލައިލަ އެވެ. ކެވިން އާއި މެދު ވިސްނަންވީ ކިހިނެއް ކަމެއްވެސް ޒެނިލްއަކަށް ނޭނގުނެވެ. ޖިލްވާ ބުނީތީ އިތުބާރު ކުރަން ބޭނުންވިޔަސް، ހުރިހާ ހެއްކެއް ހުރީ ޖިލްވާ ދެއްކި ވާހަކަތަކާއި ދެކޮޅަށެވެ.

"މީގެ މާނަ އަކީ، ކެވިން ޖިލްއަށް ވެސް އޮޅުވާލީއޭތަ؟..." އިރުކޮޅަކު ވިސްނަން ހުރެފައި ޒެނިލް އަހައިލި އެވެ.

"އާނ!... ޖިލް ދޮގު ހަދައިގެން އެވަރުގެ ވާހަކައެއް ދެއްކުމުގެ އެއްވެސް މާނައެއް ނެތެއްނު..." ޖުއާން ހާމަކުރީ އޭނައަށް ވިސްނޭ ގޮތެވެ.

"އަހަންނަށް ނުވިސްނެނީ، ޖިލްއަށް ކެވިން އެވަރުގެ އޮޅުވާލުމެއް އޮޅުވާލީ ކީއްވެ ކަން..." ޒެނިލް ބުންޏެވެ.

ޒެނިލް ދެއްކި ވާހަކައަށް ޖުއާންވެސް ވިސްނައިލި އެވެ.

"އަނެއްކާ ކެވިން ޖިލްދެކެ ލައިކް ވަނީބާ؟..." ޒެނިލްގެ ހިތަށް އެރި އެއްޗަކުން މުޅި ތަބީއަތު ބަދަލު ވިއެވެ.

ޒެނިލް އޭނާގެ އަތުގައި އޮތް ލިޔުންތައް އެތައް ފަހަރަކު ބަލައިިފި އެވެ. އެވަރުންވެސް އެއީ ހަގީގަތް ކަމަށް ގަބޫލުކުރަން އޭނައަށް އުނދަގޫ ވަނީ އެވެ. ފަސްއަހަރު ކުރިން ކާރު އެކްސިޑެންޓެއްގައި ކެވިންގެ އަންހެނުންނާއި، ދަރިފުޅު ދުނިޔެ ދޫކުރިކަން ލިޔުންތަކުން އެނގެން އޮތެވެ. ވީއިރު، ޔޫންއަށް ކެވިން އޭނާގެ ދަރިފުޅުގެ ހިތް ހަދިޔާ ކުރާނީ ކިހިނެއް ހެއްޔެވެ؟

"ޖުއާންއަށް ޔަޤީންތަ އޭނަ ފަހުން އެހެން ކައިވެންޏެއް ނުކުރާ ކަން؟... ނޫނީ، އެހެން ގޮތަކުންވިޔަސް ދަރިއަކު ނުލިބޭކަން..."ޒެނިލް އަހައިލި އެވެ.

"އާނ!... އެ އެކްސިޑެންޓަށްފަހު، އޭނަ އުޅުނީ މިލިޓަރީ ޓްރެއިނިންއެއްގަ... އެތާ އުޅެމުން ކައިވެނި ކުރުމަކީ ވާނެ ކަމެއް ނޫން... އެހެންނޫނަސް، އަހަންނަށް މި ހުރިހާ ޑޮކިޔުމަންޓެއް ހޯދަން ހެލްޕްވީ ކެވިން އާ އެކީ، ކޯހުގަ އުޅުނު ކުއްޖެއް... އޭނަ ޔަގީންކޮށް އެބަ ބުނޭ، އިތުރު ކައިވެންޏެއް ނުކުރާ ކަމަށް..." ޖުއާން އިތުރު ތަފުސީލް ދިނެވެ.

********

މެންދަމުން އަލިވެ އެކެއް ޖެހިކަން ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިން އިއުލާން ކުރި އެވެ. ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރި ތެރޭގައި ބަހައްޓާފައިވާ އަރާމު ތަންމަތީގައި ޖިލްވާ އޮތީ ނިދާލާފަ އެވެ. ކައިރީގައި ޔޫންވެސް ނިދާލާފައި އޮތެވެ.

ޖިލްވާއަށް ހޭލެވުނީ އޭނަގެ ކޮޓަރި ބެލްކަންޏާއި ދިމާއިން އެއްޗެއް ވެއްޓުނު އަޑު އިވުމުންނެވެ. ހޭލެވުނުއިރު، ބިރުވެރިކަމުގެ އެއްވެސް އަސަރެއް އެމޫނުގައި ނުވެއެވެ. އެކަމަކު، ކޮޓަރިން ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރު ހުޅުވާފައި ހުއްޓައި ފެނުމުން، ޖިލްވާގެ މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ.

"ކާކު؟..." ޖިލްވާގެ އަޑުގައި ވީ ހާސްކަމެވެ.

ވަޔާއިއެކު ދޮރުފޮތިގަނޑު ވިހުރެން ފެށި އެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮޓަރީގެ އެކި ދިމަދިމާއަށް ޖިލްވާއަށް ބަލައިލެވުނީ ޝައްކެއްގެ މަތީގައި އިނދެގެންނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ޒެލް!..." ޖިލްވާ ބިރުން ޔޫން އާއި ވީހާވެސް ކައިރިއަށް ޖެހެން ފެށި އެވެ.

ޒެނިލްއަށް ގޮވައިލި ނަމަވެސް، އެއީ ޒެނިލްގެ ކަމެއް ނޫންކަން ޖިލްވާއަށް އެނގުނެވެ. ހަމަ ގައިމުވެސް ޖިލްވާ ނިދިއިރު، ބެލްކަނީގެ ދޮރު ހުރީ ލައްޕާފަ އެވެ. ވީއިރު އެ ދޮރު ހުޅުވެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ކުއްލިއަކަށް ކޮންމެވެސް މީހަކު ޖިލްވާގެ އަނގަމަތީގައި އަތް އެޅި އެވެ. ހަޅޭްއްލަވައިގަންނަން ޖިލްވާ ކުރި މަސައްކަތް ވީ ބޭކާރެވެ. އެމީހަކު ހުރީ އެއަށްވުރެ ބާރަށް ޖިލްވާގެ އަނގަމަތީގައި އަތް އަޅައިގެންނެވެ.

ނޭވާ ނުލެވިގން ޖިލްވާގެ ދެލޯ ފުރެން ފެށީ ކަރުނައިންނެވެ. ދެލޯ ރަތްވެ، މުޅި ހަށިގަނޑު ރޯމަހެއްގެން ތެޅެން ފެށި އެވެ. ކަަރުނަތައް އިސާހިތަކު ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

"ހެލޯ ޖިލްވާ!..." ޖިލްވާގެ ކަންފަތް ކައިރިން އިވުނީ ބަރު ފިރިހެން އަޑެކެވެ.

ކޮންމެވެސް ތަނަކުން އިވިފައިވާ އަޑަކާއި ވައްތަރުވި ނަމަވެސް، ޖިލްވާގެ ހާލަތު ވަނީ އެއިން ކަމަކަށް ވިސްނައިލެވޭ ވަރަށްވުރެ ގޯސްވެފަ އެވެ.

"މިގޮތަށް ބައްދަލު ކުރަން އަހަރެން ދުވަހަކުވެސް ހިތަކަށް ނާރުވަން... އެކަމަކު ކީއްކުރާނީ؟... ހާލަތު އަހަންނަށް އެކަން ކުރަން މަޖުބޫރު ކުރުވައިފި..." ޖިލްވާ ބިރުން ގުޑިލަންވެސް ނުކެރި އިންދައި އެމީހަކު އަނެއްކާވެސް ވާހަކަ ދައްކަން ފެށި އެވެ.

މާގިނައިރެއްނުވެ، ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެއާއިއެކު ކޮޓަރިތެރެ އަލިވެގެން ދިޔަ އެވެ. ވީގޮތެއްވެސް ޖިލްވާއަކަށް ނޭނގުނެވެ. އެމީހަކު އޭނަގެ މޫނުމަތިން އަތް ނެގިކަން އިހުސާސް ވިއެވެ. އޭގެ ފަހުން ފެނުނީ ދުވެފައި އައި ޒެނިލް އެވެ.

"ޖިލް!... އޯކޭތަ؟..." ޒެނިލްގެ މޫނުމަތިން ފެނުނީ ހާސްކަމެވެ.

ޒެނިލް ޖިލްވާގެ ހަށިގަނޑު ސީދާކޮށް، ބުރަކަށީގައި މަޑުމަޑުން ފިރުމަން ފެށި އެވެ. ޖިލްވާއަށް ރަނގަޅަށް ނޭވާ ލެވެން ފެށީ އޭގެ ފަހުންނެވެ.

"ސޮރީ ޖިލް... ސޯ ސޮރީ..." ޒެނިލް އޭނާގެ މޭގައި ޖިލްވާ ލައްކޮށްލި އެވެ.

ޒެނިލްގެ ފަހަތުން ކޮޓަރިއަށް ވަން ފުލުހުން ދުވެފައި ބެލްކަންޏާއި ދިމާއަށް ދިޔަ އެވެ. ޖުއާންވެސް ހާސްވެގެން ދެކޮޅަށް ދުވެދުވެ ހުއްޓެވެ. އެކަމަކު، ފުލުހުންނަށް ފެނުމުގެ ކުރިން އެމީހަކު ދުވެ، ފިލައިފި އެވެ.

"ވީ ލޮސްޓް ހިމް..." ފުލުހުންގެ ތެރެއިން އިސްކޮށް ހުރި މީހާ ޖުއާންގެ ކައިރީގައި ބުންޏެވެ. "މިފަހަރު މިހެން ވިޔަސް، އަދިވެސް އަހަރެމެންގެ މަސައްކަތް ހުއްޓައެއް ނުލާނަން..."

ފުލުހުން ދިޔުމުން، ދޮރުތައް ރަނގަޅަށް ތަޅުލާފައި ޖުއާން އައެވެ. ޖިލްވާ އިނީ ސިޓިންގްރޫމުގައި ބަހައްޓާފައިވާ ސޯފާގަ އެވެ. ބިރުން ކޮޓަރިއަށްވެސް ވަންނަން ނުކެރިފަ އެވެ. ޔޫން ނިދާލާފައި އޮއްވައި، އެކުއްޖާ ނަގައިގެން ގެނެސް އުނގަށް ލައި ބޮނޑިކޮށްލައިގެން އިންއިރު، ޖިލްވާގެ މޫނުން ފެންނަމުން ދިޔައީ ސިހުމެވެ.

"ޖިލް ހާސްނުވޭ... އަހަރެމެން އޭނަ ވަންނަން ފުރުސަތު ދިނީމަ އެ ވަދެވުނީ... ޖިލްއަށް ނޭނގުނަސް، އޭނަ އަންނާނެކަން އަހަރެމެންނަށް އޮތީ އެނގިފަ... އަހަރެމެން އެންމެން މި ތިބީ އެމީހަކު ޖިލްއަށް ހަމަލާ ދީފާނެކަމަށް ވިސްނައިގެން..." ޖިލްވާ ހަމައަކަށް އެޅުވޭތޯ ޒެނިލް މަސައްކަތް ކުރި އެވެ. "ހިނގާ ކޮޓަރިއަށް... އަހަރެން ޖިލް ކައިރިން ދުރަކަށް ނުދާނަން..."

********

ކޮޓަރި ތެރެއަށް ވަދެގެން ދިޔަ ކެވިން ހުރީ ވަރުބަލިވެފަ އެވެ. ލައިގެން ހުރި ކަޅުކުލައިގެ ކޯޓު ބާލައި، ހަރުގައި އަޅުވައިލި އެވެ. އެނދުގައި އޮށޯވެލުމާއިއެކު، ކެވިންއަށް ދެލޯ މަރައިލެވުނެވެ. އޭގެ ފަސްއަހަރު ކުރީގެ ހަނދާންތައް ކުރިމަތީގައި ސިފަވާން ފެށި އެވެ.

ލޯބިވާ ދަރިފުޅާއި، އަންހެނުން ދުނިޔެ ދޫކުރީ ކެވިންގެ ކުރިމަތީގަ އެވެ. ދަރިފުޅަށް އެއް އަހަރު ފުރުމުގެ އުފާ ފާޅުކުރުމަށް އޮފީސް ނިންމާލުމަށްފަހު ކެވިން އޭނާގެ ގެއަށް ދިޔައީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. އެކަމަކު އެ އުއްމީދުތައް ފުނޑުފުނޑުވާން ގިނައިރެއް ނުނެގި އެވެ. އަންހެނުންނާއި ދަރިފުޅުގެ އިންތިޒާރުގައި ކާރުގައި މަޑުކޮށްލައިގެން އިންދައި، މުޅި ގެއިން ފެނުނީ ކަޅު ދުންގަނޑެއް އެރިތަނެވެ. އޭގެ ފަހުގައި އެއްޗެއް ގޮވި އަޑާއިއެކު މުޅި ގޭގައި އަލިފާން ރޯވި އެވެ. ކެވިން ގެއަށް ވަދެ އަންހެނުންނާއި ދަރިފުޅު ސަލާމަތް ކުރި އެވެ. އެކަމަކު، ހަސްފަތާލަށް ނުގެންދެވި އުޅެނިކޮށް، އެ ދެމައިން ދުނިޔެ ދޫކުރީ އެވެ.

އުނދަގޫ ގޮތަކަށް ކެވިން އޭނާގެ ދެލޯ ހުޅުވައިލި އެވެ. އޭރު ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ކޯތާފަތް ތެންމާލައިފި އެވެ.

"ވަރަށް ހަނދާންވޭ..." ފާރުގައި ހަރުކޮށްފައިވާ ތުއްތު ކުއްޖާގެ ތަސްވީރަށް ބަލަން އޮވެ ކެވިން ބުނެލި އެވެ.

********

ޖިލްވާ ނިދުމުން ޒެނިލް އެ ކޮޓަރިން ނުކުތެވެ. އޭރު ފުލުހުންގެ މީހަކާއިއެކު ޖުއާން ހުރީ ސިޓިންގްރޫމުގަ އެވެ.

"އަޅުގަނޑުމެން މިގޭގެ ސެކިޔުރިޓީ ބަލަހައްޓާނަން..." ޒެނިލް ފެނުމުން ފުލުސްމީހާ ބުންޏެވެ. "ގޭގެ އެކި ހިސާބުތަކުގަ އަހަރެމެންގެ އޮފިސަރުން ތިބޭނެ..."

"އޭނަ އެހެން ގޮތަކުން ޖިލްއަށް އެޓޭކް ކުރަން އުޅެފިއްޔާ؟..." ޒެނިލް ހާސްވެފައި އަހައިލި އެވެ.

"ހާސްނުވޭ!... އެމީހަކު ހައްޔަރު ކުރެވޭ ވަރަށް އަހަރެމެންގެ އަތުގަ މިހާރު ހެކި އެބަހުރި... އަހަރެމެންގެ ޓީމްތައް މިހާރު ވީ އެ މަސައްކަތުގަ...." ފުލުސްމީހާ ބުންޏެވެ.

"ކީއްވެތޯ އެމީހަކު ޖިލްއަށް ހަމަލާ ދޭންވީ؟... ޖިލްއަކީ މި ގައުމުގެ މީހެއްވެސް ނޫން... އެއްވެސް މީހަކާ ދުޝްމަނު ކަމެއްވެސް އޮތީކީ ނޫން..." ޒެނިލް ވިސްނައިލާފައި ބުންޏެވެ.

(ނުނިމޭ)

comment ކޮމެންޓް