އަސްލަމްގެ ރައްދު: ހިޔާނާތް ފޮރުވަންޖެހޭ ސަބަބެއް ނެތް، ޝޯވ ކުޅޭކަށް ނޫޅެން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަސްލަމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރުސީގެ ހިޔާނާތް ފޮރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޝޯވ ކުޅެން ބޭނުން ނުވާ ކަމަށް އެ މައްސަލައިގެ ތަހުގީގާ ގުޅޭ ކަންކަން ބައްލަވާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު އަދި ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފު ކުރުމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ސަލާމަތީ ހިދުމަތްތަކާ ބެހެ ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ހުށަހެޅުމުގައި ހަސަން ލަތީފް ވަނީ ތަހުގީގަށް މައުލޫމާތު ހޯއްދަވަން އަސްލަމް ނޫޅުއްވާކަމަށް ތުހުމަތު ކުރައްވާފައެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވައި، އަސްލަމް މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ބެލުމަކީ 241 ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ޖުޑިޝަރީ ކޮމިޓީ އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީއެއް މީގެ ކުރިން އެކުލަވާލި ކަމަށާއި، މެމްބަރު ހަސަން ލަތީފް ހިމެނޭ ގޮތަށް އެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއެއްވެސް އެކުލަވާލި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ ސަބް ކޮމިޓީން ދަނީ ގުޅުން ހުރި ހުރިހާ މުއައްސަސާތަކުން އެކަމާ ގުޅޭ ހުރިހާ މައުލޫމާތުތައް އެއްކުރަމުން. އޭގެ އިތުރުން މާލިއްޔަތު ކޮމިޓީންވެސް ޕެރަލަލްކޮށް އެމްއެމްޕީއާރުސީގެ މައްސަލަ ދަނީ ބަލަމުން،" އަސްލަމް ވިދާޅުވި އެވެ.

https://sun.mv/151543

އަދި އޭނާ ވިދާޅުވީ ވަކި މައްސަލައެެއްގެ މައުލޫމާތުތަކެއް ހޯދުމަށް ހަސަން ލަތީފު 241 ކޮމިޓީއަށް ހުށަހެޅުމުން، އެ މައްސަލަ ޖޮއިންޓް ކޮމިޓީން ބަލަމުންދާތީ އެކަން މަޖިލީހުގެ ރިޔާސަތަށް ދެންނެވި ކަމަށެވެ.

"އެ ކޮމިޓީއަށް [ސަބް ކޮމިޓީއަށް] ފޮނުއްވަން ވީނޫންތޯ؟ ރައްޔިތުންގެ މަޖިލީހަކީ އެމީހަކު ހިތުހުރި ގޮތަކަށް ކަން ކުރެވޭނެ ތަނެއް ނޫން. މިތަނުގެ ކަންކަން ހިނގަން ޖެހޭނީ ހަމަޖޭ އުސޫލުގެ ދަށުން. ކޮމިޓީތަކާ ހަވާލުވެފައިވާ މެންޑޭޓްގެ ތެރެއިން ކޮމިޓީތައް މަސައްކަތް ކުރަން ޖެހޭނީ،" އަސްލަމް ވިދާޅުވި އެވެ.

"ކޮންމެ ކޮމިޓީއަކުން އެއް މައްސަލައެއް ވިހި، ތިރީސް ގޮތަކަށް މައްސަލަ ބަލައި، ވިިހި ތިރީސް ގޮތަށް ބަހުސްކޮށް ނިންމުން ނިނަމައިގެން. އޭރަށް ކުޅޭ ކުޅޭ ތަނަކަށް ނުންތޯ މަޖިލިސް ވާނީ،"

އަސްލަމް ވިދާޅުވީ އޭނާ އެދެނީ މަޖިލީހަކީ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ، އަދި ރައްޔިތުން އިތުބާރު ކުރާ ތަނަކަަށް ހެދުމަށް ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލުމަށް ނުވަތަ މައުލޫމާތުތަކެއް ނުހޯޑުމުގެ ނިޔަތެއް އޭނާ ނުގެންގުޅުއްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ މައްސަލަ ނުބަލާކަށް ނެތިން. އަދި މެމްބަރަކު އެދޭހާ ގޮތަކަށް ކަންކުރާކަވެސް ނެތިން. ޖޮއިންޓް ކޮމިޓީން ބަލަންވީ، ނޫނީ މަޖިލިސް ތަޅުމުން ފާސްކޮށްގެން ބަލަންވީ. އަޅުގަނޑު އަމަލު ކުރާނީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ތި މައްސަލަ ނުބަލަން އޮތް އެއްވެސް ސަބަބެއް ނެތް. ތިކަން ކުރިއަށް ނުގެންދަވީ އެއްވެސް ސަބަބެއް އޮތީއެއް ނޫން... އަޅުގަނޑަކީ ޝޯވ ކުޅެން، ކަމެއް ކުރިކަން ދައްކަން [ނުވަތަ] ހަބަރަށް އެރުވުމަށް ކަންކުރާ މީހެއްވެސް ނޫން. ހަބަރު ޖަހައިގެން އޭގެން ކްރެޑިޓް ނަގައި، މެޑަލް ޖަހަން ބޭނުންވާ މީހެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެކަމުގައި އެނާއަށް އެއްވެސް ނުފޫޒެއް ނެތް ކަމަށާއި އަދި އެއްވެސް މީހަކަށް އޭނާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

"އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހެއް ނެތް. ރައީސް ނަޝީދަކަށް، ރައީސް ސޯލިހަކަށް އަދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށްވެސް އަޅުގަނޑަށް ނުފޫޒު ނުފޯރުވޭނެ. އަޅުގަނޑު މަސައްކަތް ކުރާނީ، މަޖިލިސް ގަވައިދާއި އަޅުގަނޑު ގަބޫލުކުރާ ގޮތުގެ މަތިން،"

ހަސަން ލަތީފު އެދިވަޑައިގެންވި މައުލޫމާތުތައް ހޯދުމަށް ރައީސް ނަޝީދު މިހާރު ވަނީ ކަމާ ގުޅުން ހުރި މުއައްސާތަކުގައި އެދިފައެވެ. އަދި އެ މައުލޫމާތު އެ މުއައްސަސާތަކުން ހާމަކުރުމުން މަޖިލިސް މެމްބަރުންނަށް އަރުވާނެ ކަމަށް އެމަނިކުފާނު މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

https://sun.mv/151539

comment ކޮމެންޓް