މެޖޯރިޓީއާއެކު ވެސް ހިޔާނާތް ނުބެލުނު، ކޮމިޓީއަކަށް އިތުބާރެއް ނެތް: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާ ނަމަވެސް، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތަށް މަޖިލީހުން ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށާއި، މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން މައްސަލަ ބަލަން މިހާރު އިތުބާރު ނުކުރައްވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، އެތައް ބަޔަކަށް ވައްކަމުގެ ތުހުމަތު ކުރެވޭއިރު، އެ މައްސަލަ އަވަހަށް ބެލުން ވަރަށް މުހިންމު ކަމަށެވެ. އަދި މީހަކަށް ވަގަށް ގޮވެން ވާނީ ވެސް ތަހުގީގީ އިދާރާތަކުން މައްސަލަ ރަނގަޅަށް ބަލައި ނިމުމުން ކަމަށެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު މަޖިލިސް ރައީސަށް ހަސަން ލަތީފު ހުށަހެޅުއްވީ، އެކަމުގައި މިހާރުގެ މަޖިލިސް މެމްބަރުންނާއި ކުރީގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެވޭތީ، އެ ހިޔާނާތުގެ ތަހުގީގު މިިހާރު ގޮސްފައިވާ ހިސާބު ކަމާ ބެހޭ މުއައްސަސާތަކުން ސާފު ކުރުމަށެވެެ. އެހެންވެ، ރިޔާސަތުން ހަސަން ލަތީފު ހުށަހެޅުއްވި މައުލޫމާތު ހޯދުމަށް 241 ކޮމިޓީގައި އެދުމުން، ކޮމިޓީން ވަނީ އެކަމަށް ފަސްޖެހިފަ އެވެ.

"ހިތާމައާއެކު ދަންނަވަން ޖެހެނީ އަޅުގަނޑަކަށް ނުފެނޭ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުވެސް މިކަން ބަލަން ބޭނުންކުރާ ތަނެއް ނުފެނޭ. ބުނެވޭކަށް ނެތް ރައްޔިތުންގެ މަޖިލީހުން ވެސް ފުރިހަމަ އެއްބާރުލުން ދީފި އޭ އެމްއެމްޕީއާރްސީ މައްސަލަ ބަލާކަށް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މައްސަލަ ނުބެލިގެން އުޅެނީ މަޖިލީހުގެ ރިޔާސަތުގެ ސަބަބުން ނޫން ކަމަށެވެ. މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލީހުގެ އެކި ކޮމިޓީތަކަށް މައުލޫމާތު ފޮނުއްވައި، މައްސަލަ ބެލުމަށް ކޮމިޓީތަކުގައި އެދިވަޑައިގެން، އެމަނިކުފާނަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

https://sun.mv/151541

"އެހެން ނަމަވެސް، ކޮމިޓީތަކަށް ފޮނުވީމަވެސް، އަދި މިތަނާ ހިސާބުގައި ވެސް މި މައްސަލަ ހުއްޓޭކަން އެއީ އެއް ދެން މިހާރު އަޅުގަނޑުމެންނަށް އޮޅުވާލެވޭނެ ކަމެއް ނޫން،" އީވާ ވިދާޅުވި އެވެ.

އީވާ ވަނީ އެ މައްސަލައިގައި މެމްބަރު ހަސަން ލަތީފު މައުލޫމާތު ހޯދުމަށް އެދުނުތާ ތިން ހަފްތާ ވެގެން ދިޔައިރުވެސް އެ މައްސަލަ ނުހިނގައިގެން އުޅޭތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އީވާ ވިދާޅުވީ ހަސަލް ލަތީފް އެދިވަޑައިގަތީ ހިޔާނާތުގައި ހިމެނޭ ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ މައްސަލަ ވަކިން ބެލުމަށް ކަމަށެވެ.

"އަޅުގަނޑަށް އެކަމަށް ތާއީދުކުރެވެނީ، ރައްޔިތުންގެ ހާއްސަ ސަމާލުކަމެއް އޮވޭ އެމީހުންގެ މަންދޫބުންނާ އެމީހުންގެ މައްޗަށް ވެރިކަން ކުރަން ތިބި މީހުންނާ، އެމީހުންގެ މައްޗަށް މުއައްސަސާތަކާ ހަވާލުވެގެން ތިބި، އެމީހުން ވޯޓެއް ލައިގެން ހެޔޮ ވެރިކަމެއް ކުރާނަމޭ، އިންސާފުވެރި ވާނަމޭ ކިޔައިގެން ދައުލަތާ ހަވާލުވެފަ ތިބި މީހުން، ހިޔަނާތްތެރިވިތޯ ބެލުން، ހާއްސަ ސަމާލުކަމެއް ރައްޔިތުންގެ އޮވޭ،" މެމްބަރު ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ވައްކަމުގައި ހިމެނޭ ވިޔަފާރިވެރިންގެ މައްސަލަތައް ވެސް ބެލުން މުހިންމު ކަމަށާއި، އެހެން ނަމަވެސް ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތަކށް ރައްޔިތުން ހާއްސަ އަހަންމިއްޔަތު ކަމެއް ދޭނެކަން ގަބޫލުކޮށް އެކަން ބަލައިދޭން ޖެހޭނެ ކަމަށެވެ.

ހިޔާނާތުގެ މައްސަލަ، ތެދުވެރިކަމާ އިހުލަސްތެރިކަމާއެކު ބަލަން ބޭނުންވާކަން ދެން ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމައިގެން ކަމަށް އީވާ ވިދާޅުވި އެވެ.

https://sun.mv/151553

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުތައް ބޭނުންކޮށްގެން، ހޯދުނު މައުލޫމާތެއް ހޯދައިގެން، ހިޔާނާތް ހާމަކުރަން އީވާ ގޮވާލެއްވި އެވެ.

އީވާ އެދިވަޑައިގަތީ މުޅި މަޖިލީހުގެ ކޮމިޓީއަކުން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި މައްސަލަ ބަލައި ނިންމައިދިނުމަށެވެ.

"އަޅުގަނޑަކަށް މިހާރު އިތުބާރެއް ނުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މިހާރު މި އޮންނަ ކޮމިޓީތަކަށް ފޮނުވައިގެން، ދެން މި މައްސަލަ ބެލޭނެ ކަމަކަށް. އަޅުގަނޑަކަށް މިވަގުތު އިތުބާރެއް ނުކުރެވޭ. އަޅުގަނޑަށް އިތުބާރު ކުރަނީ ހުދު މަނިކުފާނަށް. އެހެންވީމަ އަޅުގަނޑު އެދެނީ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން، މި ތަޅުމުގައި މި މައްސަލަ ހާމަކަން ބޮޑު ގޮތެއްގައި ބައްލަވައިދެއްވަން،" އީވާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބޮޑުންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ވެސް ކުރެވެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި 300 އެއްހާ މީހުން ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ. ނަމަވެސް އެ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް