އިންޑިއާ ސަރުކާރަށް ފާޑު ކިޔާ ޓުވީޓުތަކެއް ނަގަން އެންގުމުން ނުރުހުން ފާޅުކޮށްފި

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ހޮސްޕިޓަލްތައް ފުރުމުން މެޑިކަލް އޮކްސިޖެން ލިބުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 26): އިންޑިއާގެ ސަރުކާރުން ކޮވިޑް-19އާ ގުޅިގެން އަމަލު ކުރާ ގޮތަށް ފާޑު ކިޔާފައިވާ ޓުވީޓުތަކެއް ނަގަން އެގައުމުގެ ސަރުކާރުން ޓުވިޓާއަށް އެންގުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.

އިންޓަނެޓުން ލިބެން ހުންނަ މައުލޫމާތާ ބެހޭ ގޮތުން އެކި ގައުމުތަކުގެ ސަރުކާރުން ކުރާ އަމުރުތަކުގެ ޑޭޓާބޭސްއެއްގައިވާ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ޓުވީޓުތަކެއް ސެންސަރު ކުރުމަށް ކުއްލި އަމުރެއް ފޮނުވައިފަ އެވެ. އަދި ގާނޫނީ އެންގުމަކަށް އަމަލު ކުރި ކަމަށް ޓުވިޓާއިން ބުނި ނަމަވެސް ފިޔަވަޅު އެޅީ ކޮން ޓުވީޓުތަކާ ގުޅިގެން ކަމަށް އެ ކުންފުނިން ހާމަ ނުކުރެ އެވެ.

ނަމަވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ސެންސަރު ކުރި ޓުވީޓުތަކުގެ ތެރޭގައި، ކޮވިޑްގެ މަރުތަކުގެ ޒިންމާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނަންގަވަން ޖެހޭނެ ކަމަށް ވެސްޓް ބެންގާލްގެ ސިޔާސީ އޮފިޝަލަކު ވިދާޅުވާ ޓުވީޓެއް ހިމެނެ އެވެ. އަދި ކޮރޯނާވައިރަސް ފެތުރެމުން ދަނިކޮށް ސިޔާސީ އެއްވުންތައް ބޭއްވުމުން މޯދީއަށް ފާޑު ކިޔާފައިވާ ޓުވީޓެއް ވެސް ހިމެނެ އެވެ. އެއީ ވެސްޓް ބެންގާލްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް މިދިޔަ މަހުގެ 27 އިން ފެށިގެން ކުރިއަށްގެންދާ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބޭއްވި އެއްވުންތަކާ ގުޅިގެންނެވެ.

ދަ ހިންދޫ ނޫހުގައިވާ ގޮތުން ޓުވިޓާއިން ވަނީ އިންޑިއާ ސަރުކާރުގެ އަމުރަށް 50 އަށް ވުރެ ގިނަ ޕޯސްޓު ނަގައިފަ އެވެ.

"ޓުވިޓާގެ ގަވާއިދުތަކާ ހިލާފު ނުވި ނަމަވެސް ވަކި ޖުރިސްޑިކްޝަނެއްގައި ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިފި ނަމަ، އެ ކޮންޓެންޓް ހަމައެކަނި އިންޑިއާ އިން ނުފެންނަ ގޮތަށް އަޅުގަނޑުމެން ހަދާފާނަން،" ޓުވިޓާ އިން ބުންޏެވެ.

އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އައިޓީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމުގެ ސަރުކާރުން ނަގަން އަންގާފައި ވަނީ މީހުންނަށް އޮޅުވާލެވޭ ފަދަ ނުވަތަ ހާސްކަން އުފެދޭ ފަދަ މައުލޫމާތު ހިމެނޭ ޓުވީޓުތަކެކެވެ.

އިންޑިއާ ސަރުކާރުގެ އެ އަމުރަށް ސޯޝަލް މީޑިއާގައި ފާޑު ކިޔާ މީހުން ވަނީ "އިންސާނީ ކާރިސާއެއް" ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އިސްކަން ދެނީ މީހުންގެ ހިޔާލު "ސެންސަރު ކުރުމަށް" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ ޓުވިޓާއިން އެ އަމުރަށް ތަބާވުމުން އެކަމާ ބެހޭ ގޮތުންވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

އިންޑިއާގައި މިއަހަރު ފެށުނު އިރު ކޮވިޑް-19އިގެ ކޭސްތައް މަދުވުމުން އެގައުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާ، އާއްމު ދިރިއުޅުމަށް ރުޖޫއަވާން ފެށި އެވެ. ނަމަވެސް އެގައުމުން ކޮވިޑްގެ އާ ވޭރިއެންޓުތައް ފެނި، ހިންދޫ ދީނީ ހަފްލާއަކަށް އެތައް މިލިއަން މީހުން އެއްވުމަށް ފުރުސަތު ދިނުމުންނާއި ވެސްޓް ބެންގާލްގެ އިންތިހާބާ ގުޅުން ހުރި އެއްވުންތަކާ ހެދި އެގައުމުގައި މިހާރު ވަނީ ކޮވިޑްގެ ކޭސްތަކާއި މަރުތައް ރެކޯޑު އަދަދުތަކަށް އަރައިފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ހޮސްޕިޓަލްތައް ފުރި، މެޑިކަލް އޮކްސިޖެން އާއި ކޮވިޑްގެ އަލާމާތްތަކަށް ފަރުވާ ދޭން ބޭނުން ކުރާ ބޭސްތައް ހޯދުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެގައުމުގައި މިހާތަނަށް 17 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 192،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް