ހިޔާނާތް ނުފޮރުވޭނެ، ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: މަޖިލިސް ރައީސް

މަޖިލީސް ރައީސް ނަޝީދު- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ނުފޮރުވޭނެ ކަމަށާއި އެ މައްސަލާގައި ބައެއް މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވީ، އެމަނިކުފާނު ރިޔާސަތުގައި އިންނަވާހާ ހިނދަކު، އެމްއެމްޕީއާރުސީގެ ހިޔާނާތު ނުފޮރުވާނެ ކަމަށެވެ.

"މިތަނުގައި ކިތަންމެ ބޮޑު މެމްބަރެއްވިޔަސް، މިތަނުގައި ކިތަންމެ ބޮޑު އަމީރަކަށްވިޔަސް، އަޅުގަނޑު މި މަގާމުގައި އިންނަ ކަމުގައިވާ ނަމަ، އެކަމުގެ އަޑި އަޅުގަނޑު ހޯދާނަން،" ރައީސް ނަޝީދު ވިދާޅުުވި އެވެ.

ރައްޖޭގެ ހަޒާނާއިން އެތައް މިލިއަން ރުފިޔާ ގެއްލުނު މައްސަލާގައި 270އެއްހާ މީހުންނަށް ދައުވާކުރުމަށް އެ މައްސަލަ ބަލާ އެސެތް ކޮމިޝަނުން މިހާރުވެސް ފާހަގަކޮށްފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެ ދައުވާތައް ކުރިއަށް ދާނެކަމީ އަޅުގަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަައްތެރި ބައެއް މެމްބަރުންްގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމުފުޅު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތްވެސް ވެދޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރާއި މަޖިލސިް އުފެދިފައިވަނީ އެކަމުގެ ހަގީގަތް ހޯދައި، އެ ފައިސާ ހޯދުމަށް ކަމަށާއި އެހެން ކަމުން އެކަމުގައި އެންމެގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، މީގެ ކުރިން އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައި ވަނީ، ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ އަދި މިހާރުގެ ބައެއް މަޖިލިސް މެމްބަރުން ހިމެނޭ ކަމަށެވެ. އަދި ދައުލަތުގެ ކުރީގެ އަދި މިހާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިހާތަނަށް އައި އިރު، އެ މައްސަލާގައި ޖަލު ހުކުމެއް އިއްވައި، ޖަލުގައި އޮންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. އެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ވިޔަފާރިވެރި ހާމިދު އިސްމާއިލްއަށް ވެސް ހުުކުމް ކުރި އެވެ. އަދީބާއި ޒިޔަތު ވަނީ ހާއްސަ ހުއްދައިގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ހާމިދު ވަނީ ހުކުމް ތަންފީޒުވެ، މިނިވަންވެފަ އެވެ.

comment ކޮމެންޓް