ކޮމިޔުނިޓީ ފަންޑުން ހޯނޑެއްދޫގައި ނޭޗާ ޕާކެއް

ހޯނޑެއްދޫ ނޭޗާ ޕާކް -- ފޮޓޯ: ބީއެމްއެލް

އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީކޮށްފިއެވެ.

ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ދިގެމައްކޮޑަގެ ނަމުން ނަންދެވިފައިވާ މި ނޭޗަރ ޕާކް މިއަދު ހުޅުވާފައިވާއިރު ޕްރޮޖެކްޓް ހިންގާފައިވަނީ ހޯނޑެއްދޫ ސްޕޯޓްސް އިންނެވެ.

މިއީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގި ޕްރޮޖެކްޓެކެވެ.

ހޯނޑެއްދޫ ނޭޗާ ޕާކް -- ފޮޓޯ: ބީއެމްއެލް

ޕްރޮޖެކްޓްގެ ދަށުން އެ ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިން ޕްލެޓްފޯމެއް ގާއިމްކޮށް ބެންޗު ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެ ސަރަހައްދުގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ވެސް ވަނީ ބަހައްޓާފައެވެ. ޕްރޮޖެކްޓުގެ ދަށުން އެ ސަރަހައްދުވަނީ އިތުރަށް ފެހިވެސް ކޮށްފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބު ކުރި މަހްދޫން އާދަމް ވިދާޅުވީ ޕްރޮޖެކްޓް ހިންގުމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ސަރަހައްދުގެ ގުދުރަތީ ރީތި ކަމަށް ބަދަލު ނާންނާނެހެން އަދި އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"މި ސަރަހައްދަކީ ހޯނޑެއްދޫގެ ރައްޔިތުންގެ އިތުރުން ކޯސްވޭއަކުން ގުޅާލެވިފައިވާ މަޑަވެލީގެ ރައްޔިތުންނަށްވެސް ބޭނުން ކުރެވޭނެހެން ތަރައްގީކޮށްފައިވާ ސަރަހައްދެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން. މި މަސައްކަތުގައި ބައިވެރިވި ހޯނޑެއްދޫގެ އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

comment ކޮމެންޓް