އަދީބާ އެކު ޑީލް ހެއްދެވި ނަމަ ހެއްދެވީ ރައީސް ނަޝީދު: މަވޯޓާ

އިބްރާހީމް ޝަރީފު: މަޖިލީހުގެ ރައީސް އަދީބާ އެކު ޑީލް ހެއްދެވި ކަމަށް ތުހުމަތު ކުރެއްވި ---

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބާ އެކު އެއްވެސް ޑީލެއް ހަދާފައި ނުވާނެ ކަމަށާއި ޑީލެއް ހެދި ނަމަ ހެއްދެވީ އެމްޑީޕީގެ ރައީސް، އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ތުހުމަތުކުރައްވައިފި އެވެ.

ދެހާސް ދިހަ ވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާ އެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ.

އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާ އެކު ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފަ އެވެ. އެ އިސްލާހު ހުށަހެޅުއްވީ އޭރު ވެސް މަރަދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި އިންނެވި ޝަރީފެވެ.

އެ މައްސަލާގައި މީގެ ކުރިން ވެސް ޝަރީފް ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް އަހުމަދު އަދީބު ބުނެގެން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް، ނަޝީދު ވިދާޅުވެގެން ކަމަށް އޭރު ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން، ޝަރީފް ވަނީ އަނެއްކާ ވެސް އެ ތުހުމަތުތައް ތަކުރާރު ކުރައްވައިފަ އެވެ. ޝަރީފްގެ ވާހަކަ ފެއްޓެވީ "ބިއްލޫރި ގޭގޭގައި ތިބޭ މީހުން ހެދުން ބާލަން ވާނީ، ބޮކި ނިއްވާފައި،" ކަމަށް ވިދާޅުވެ އެވެ.

ޝަރީފް ވިދާޅުވީ މިއަދު ތަޅުމުގައި އެވާހަކަތައް ދައްކަވަން ޖެހުނީ، ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، ތަޅުމުގައާއި މަޖިލީހުގެ ސައިކޮޓަރީގައި އޭނާއަށް އަމާޒުކޮށް ވަގަށް ގޮވާތީ ކަމަށެވެ.

"އަޅުގަނޑު އެމްއެމްޕީއާރްސީގެ އަދީބަކާ އެކު ޑީލެއް ނަހަދަން. ވަރަށް ކެރިގެން މި ދަންނަވަނީ، އަޅުގަނޑު މި މަޖިލީހުގައި ދިން ވޯޓެއްދީފައި އޮތީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން. ޑީލު ހެއްދެވީ މަނިކުފާނު،" މަޖިލިސް ރައީސް އަށް އިނގިލި ދިއްކުރައްވައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަ ނިންމަވާލެއްވުމުން މަޖިލިސް ރައީސް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

"މައުލޫމަތަށް ޓަކައި ދަންނަވަން އަޅުގަނޑާ މަރަދޫ ދާއިރާގެ މެމްބަރާ އެއްވެސް ބާވަތެއްގެ އެ ބާވަތުގެ މުއާމަލާތެއް އެއްވެސް އިރެއްގައެއް ހިންގަފަކާއެއް ނުވާނެ. މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަމިއްލަފުޅަށް ހިންގެވި މަސައްކަތެއްގެ ތެރޭގައި، އެހެން ބޭފުޅުން އޭގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރެއްވުމަކީ ބުއްދިވެރި ކަމެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ޝަރީފްގެ ވާހަކައާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ރިޔާސަތަށް އެފަދަ ބޮޑު ތުހުމަތެއް ކުރުމަކީ ތަހުގީގުކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"މިހާރު އައިސް އޮތް ސަރުކާރުގެ އެންމެ ބޮޑު އެއް މަގުސަދަކީ އެމްއެމްޕީއާރްސީގެ މައްސަލަ ބެލުން. އެ މައްސަލާގައި މަނިކުފާނުގެ އިސްތަށިފުޅުގައި ތުހުމަތު އެޅޭ ގޮތަށް ވާހަކަ ދެއްކެވީމާ ބޮޑު ތަހުގީގަކުން އެބަ ޖެހޭ ތަހުގީގު ކުރެވެން،" ޝިޔާމް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ޝިޔާމް ބޭނުންވާ ނަމަ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅުއްވޭނެ ކަމަށާއި އަދި މެމްބަރުން ބޭނުންވާނަމަ މަޖިލީހުގެ ކޮމިޓީއަކުން ވެސް މައްސަލަ ބެލިދާނެ ކަމަށެވެ.

"އެއީ އެއްވެސް ހާލެއްގައި ނުކޮށް ތިބެން ވެސް މިހާރު ރަނގަޅު ކަމެއް ނޫން. އިއްޒަތްތެރި މެމްބަރުން އެހެން ވިދާޅުވެފައިވާކަމުން، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެ މަގަށް މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަނެއްކާ ވެސް ތެދުވެވަޑައިގެން މަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ އެ ވާހަކަ ތަޅުމުގައި ދައްކަން ޖެހުނީ، މެމްބަރުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

ނިމިދިޔަ މަޖިލީހުގައި ވެސް އަދި މި މަޖިލީހުގައި ވެސް ޕާޓީގެ ނިންމުމަކާ ހިލާފަށް އެއްވެސް ވޯޓެއް ދެއްވާފައި ނުވާނެ ކަމަށާއި ވޯޓު ދެއްވާފައި ވާނީ އެމްޑީޕީގެ ލީޑަޝިޕުން އަންގާ ގޮތަށް ކަމަށެވެ.

"އަޅުގަނޑު ދެންނެވި ވާހަކައަކީ، އަޅުގަނޑެއް އަހްމަދު އަދީބަކާ އެއްކޮށް ޑީލެއް ހަދާފައެއް ނޯންނާނޭ. އަހްމަދު އަދީބު ދިން އެއްޗެއް މަޖިލީހަށް ހުށަހަޅާފައެއް ނޯންނާނޭ. އަހަމްދު އަދީބު އަތުން ފައިސާއެއް ހޯދާފައެއް ނޯންނާނޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ވިޕްތަކާ ހިލާފުވެގެން މެމްބަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި ޝަރީފް ޕާޓީގެ ނިންމުމެއްގެ ބޭރުން ކަމެއް ކުރެއްވި ނަމަ އޭނާ އަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާއަށް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެއްވި އެވެ.

ޝަރީފް ވާހަކަ ދައްކަވާ ނިންމަވާލެއްވުމުން ރިޔާސަތުން ވަނީ ހަރުބަހެއް ބޭނުން ކުރައްވައި ދެ ވަނަ ފަހަރަށް ވެސް އެ ވާހަކަތަކަށް ރައްދުދެއްވައިފަ އެވެ.

"ދިވެހި ހަރު ބަހެއް އޮވޭ. އެއީ މިސްކިތު ހުޅުޖެހި މީހާއަށް ވީ ގޮތް. އެއީ ދިވެހި ހަރު ބަހެއް. މިތަނުގައި އިއްޒަތްތެރި މެމްބަރުން ހުށަހެޅުނު މައްސަލައާ،" ހިނިފުޅުވަޑުވަމުން މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރިޔާސަތުގެ ވާހަކައާ ގުޅިގެން ޝަރީފް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ވާހަކަދައްކަވައިފަ އެވެ. މެމްބަރު ވިދާޅުވީ އެމްޑީޕީން ވޯޓު ދިނީ ރައީސް ނަޝީދު މިނިވަން ކުރަން، އެމްޑީޕީގެ ލީޑަޝިޕުން އެގޮތަށް އެންގުމުން ކަމަށެވެ.

"މަނިކުފާނު ވިދާޅުވި ގޮތަކަށް ނޫން ގޮތަކަށް 18 ވަނަ މަޖިލީހުގައި އަޅުގަނޑު ދިން ވޯޓެއް ދައްކަވާ. އެހެންވީމަ އެއްވެސް ހައްގަކާ ނުލާ އަޅުގަނޑުމެންނާ ދިމާލަށް މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ލައްވާ އެއްޗެތި ގޮވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ހަގީގަތް ހާމަވާން ޖެހޭނެ. އެމްޑީޕީން އޭރު ވޯޓު ދިނީ މަނިކުފާނު ބަންދުގައި ހުރީމާ، ބަންދުން ސަލާމަތްކުރަން ދިން ވޯޓު. އަޅުގަނޑުމެން ގާތުގައި މިވެނި ކަމެއް މިވެނި ގޮތަކަށް ކުރާށޭ ބުނީމާ ކުރީ. އަޅުގަނޑުމެން އަމިއްލައަށް ވޯޓެއް ދީފައި އޮތް ނަމަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހަޅައިގެން އެ މައްސަލަ ނިމިފައި އޮތީހީ،" މެމްބަރު ވިދާޅުވި އެވެ.

އެހެންކަމުން، ހައްގަކާ ނުލައި ތުހުމަތުތައް ކުރާނަމަ، ދައްކާނެ ވާހަކަ ވަރަށް ގިނަ ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ މިސްކިތު ހުޅުޖެހި މީހާއަށް ވެގެން ނޫޅޭ ކަމަށާއި، މިއަދު އެވާހަކަ ދެއްކެވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް މިއަދު ހެނދުނު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ކަމަށެވެ. ހަލީމް އަކީ އެއްވެސް މީހަކަށް ވަގަށް ގޮވޭނެ ބޭފުޅެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވީ ދައްކަން ބޭނުންވި ނަމަވެސް، ނުދައްކަވާ ވާހަކަތައް ވަރަށް ގިނަ ކަމަށެވެ.

"އަޅުގަނޑު ނުދައްކާ ވަރަށް ބައިވަރު ވާހަކަ އެބަހުރި. ވަރަށް ބައިވަރު ވާހަކަ އެބަހުރި. ޕާޓީގެ މަސްލަހަތަށް ޓަކައި ނުދައްކާ ވާހަކަ ވެސް އެބަހުރި. އަޅުގަނޑުމެން އަތުގައި ރެކޯޑިން ވެސް އެބަހުރި. އަދި އެހެން އެއްޗެހި ވެސް އެބަހުރި، އެހެންވީމަ ހައްގަކާ ނުލާ އަޅުގަނޑުމެންނާ ދިމާލަށް އެެއްޗެހި ގޮވާނެ ކަމެއް ނެތް. ގޮވާކަމަށް ވަންޏާ އަޅުގަނޑުމެން ވެސް ދަންނަވަން ޖެހޭ އެއްޗެއް ދަންވަަމުން ގެންދަވާނަން." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ރިޔާސަތަށް ކުރެއްވި ތުހުމަތާ އެކު، ތަޅުން ހޫނުވެ އެމްޑީޕީ މެމްބަރުން ވަނީ އެއް މެމްބަރު އަނެއް މެމްބަރަށް ވަގަށް ގޮވައިފަ އެވެ.

comment ކޮމެންޓް