ކޮމިޓީއަށް ނުވުމުން، ހިޔާނާތުގެ ތަހުގީގު ގޮސްފައިވާ ހިސާބު ރިޔާސަތުން ބަލަނީ

މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު:

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކަމާ ގުޅުންހުރި މުއައްސަސާތަކުން ހޯދުމަށް އެދިފައިވާ މައުލޫމާތު ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެ، އެ މައުލޫމާތު ހޯދުމަށް ސީދާ މަޖިލީހުގެ ރިޔާސަތުން އެދިއްޖެ އެވެ.

މިދިޔަ މާޗު މަހު 21ގައި ރިޔާސަތަށް ފޮނުވި ސިޓީގައި ހަސަން ލަތީފު އެދިވައިޑައިގެންފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެކި އެކި މުއައްސަސާތަކުގައި ކުރީގައި އަދި މިހާރުގައި ވެސް ހިމެނޭ ބައެއް ފަރާތްތަކަށް ތުހުމަތުވާކަމަށް ދައުލަތުން ބުނެފައިފައިވަތީ، އެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެކަމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތް، ކަމާ ގުޅުންހުރި މުއައްސަސާތަކުން ސާފުކުރުމަށެވެ.

ސަލާމާތީ ހިދުމަތްތަކުގައި ކުރިން ތިބި ފަރާތްތަކާއި މިހާރު ތިބި ފަރާތްތަކާއި، މިނިވަން މުއައްސަސާތަކުގައި އޭރާއި މިހާރު ތިބި ފަރާތްތަކާއި ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުން އަދި ދައުލަތުގެ އިސް މަގާމުތަކުގައި ކުރިންނާއި މިހާރު ތިބި ފަރާތްތަކަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމީޝަނުން ވަނީ ބުނެފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހަސަން ލަތީފު އެދިވަޑައިގެންފައިވާ ކަންކަން ހޯދުމަށް މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އަށް ފޮނުވި ކަމަށެވެ. އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިދިޔަ ހަފްތާގައި އަމީންއާންމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، 241 ކޮމިޓީން މީގެ ކުރިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެ ތަހުގީގުގެ މައުލޫމާތު ބޭނުންވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެން ކަމުން އެ މައުލޫމާތު ހޯދުން އެންމެ "އައުލާކަން ބޮޑީ" އެ ކޮމިޓީގެ ފަރާތުން ކަމަށެވެ.

"ކޮންމެއަކަސް މިކަމަކީ، ރާއްޖޭގެ ރައްޔިތުންގެ ނަޒަރު ހުއްޓިފައިވާ މައްސަލައަކަށްވެފައި އަދި ހަމަކަށަވަރުން ވެސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެކަމަށް ޝައުގުވެރިކަން ހުރި މައްސަލައެއްކަމުން، އިއްޔެ އާމީންއާންމަށް ދަންނަވައި، އަޅުގަނޑު އެދިއްޖައިން، ޕީޖީ އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އާއި ފުލުހުންގެ ކިބައިން، ހަސަން ލަތީތު އެދިވަޑައިގެންވި މައުލޫމާތު ސާފުކޮށްދިނުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ހިޔާނާތުގެ ހަގީގަތް ހޯދުމަށް ރައްޔިޔުން ކެތްމަދުވެފައިވާއިރު، އެ މައްސަލަތައް ގޮސްފައިވާ ހިސާބު ބެލުމަކީ މަޖިލީހުގެ ވާޖިބެއް ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ. އެހެން ކަމުން ކަމާ ގުޅުންހުރި މުއައްސަސާތަކުން އެ މައުލޫމާތު ދިނުމުން އެކަމުގެ މައުލޫމާތު މެމްބަރުންނަށް އަރުވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބޮޑުންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ވެސް ކުރެވެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި 300 އެއްހާ މީހުން ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ. ނަމަވެސް އެ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް