އިންފޮމޭޝަން ކޮމިޝަނަރުކަމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރު އޮފީސް އިމާރާތް ހުންނަ އިމާރާތް

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުވައިފި އެވެ.

ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލީ، މިދިޔަ މަހުގެ 22ގަ އެވެ.

މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ބޭނުންފުޅުވާ ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކަަށް ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވި ސިޓީ، މިއަދު މަޖިލިސް ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ރައީސް ފޮނުވި ތިން ނަން ތަރުތީބުން:

  1. އަލްއުސްތާޒު ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު: 5،843
  2. އަލްއުސްތާޒު އާހިދު ރަޝީދު، ހ. ގުރުވަ
  3. މަރިޔަމް އަލީމް، ގ. ދާސްތާން

އެ ތިން ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

އަމިއްލަ ނޫޙެއް އުފެއްދެވުމަށް މަގާމުން އިސްތިއުފާ ދެއްވި ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

comment ކޮމެންޓް