ބިދޭސިންނަށް ވާޗުއަލް ވޯކް ޕާމިޓް ކާޑެއް ދޫކުރަނީ

ރާއްޖޭގައި މަަސައްކަތް ކުރާ ބިދޭސިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ އާ ގަވާއިދުގެ ދަށުން ވޯކް ޕާމިޓް ކާޑު ދޫކުރަން ފަށާފައިވާ ކަމަށާއި ކާޑު ދޫކުރާއިރު ފިޒިކަލް ކާޑުގެ އިތުރުން ވާޗުއަލް ވޯކް ޕާމިޓް ކާޑު ދޫކުރަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ އާ ގަވައިދުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސިންނަށް ދޫކުރާ ވޯކް ވިސާ ކާޑުގެ ބަދަލުގައި ވޯކް ޕާމިޓް ކާޑު ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވޯކް ޕާމިޓް ކާޑު ދޫކުރުމުގައި ހަރަދުކުޑަ، އަވަސް އަދި ފަސޭހަ ގޮތެއްގެ މަތިން، އެ ކާޑު ބިދޭސީންނަށް ލިބޭނެ އަދި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޕްރިންޓްކޮށްގެން ދޫކުރާ ފިޒިކަލް ކާޑުގެ އިތުރުން ވާޗުއަލް ކާޑެއް ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ވަޒީފާދޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދައްކާ، ވޯކް ޕާމިޓާ ގުޅިގެން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަންކަން ފުރިހަމަކުރާތާ 48 ގަޑިއިރުގެ ތެރޭ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވާޗުއަލް ވޯކް ޕާމިޓް ކާޑު ލިބޭނެ ކަމަށާ އަދި ފިޒިކަލް ކާޑު ބޭނުންވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކުރުމުން ޕްރިންޓް ކޮށްފައިވާ ކާޑު ތިން ދުވަހުގެ ތެރޭ ކާޑު ދޫކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި ދެ ކާޑުގެ ސައްހަކަން އަދި ސައްހަ މުއްދަތު، ކާޑުގައިވާ "ކިއުއާރް ކޯޑު" ސްކޭންކޮށްގެން ބެލޭނެ އެވެ.

comment ކޮމެންޓް