އޭދަފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 99 އަށް އަރައިފި

ބ. އޭދަފުށީ މަގެއް މަތިން - ފޮޓޯ/ އޭދަފުށި ޓައިމްސް

ބ. އޭދަފުށީގައި ކޮވިޑް19 ހަލުވި ކަމާއެކު ފެތުރި، ރަށު ތެރެއިން ފެނުނު ކޭސްތަކުގެ އަދަދު 99 އަށް އަރައިފި އެވެ.

އޭދަފުށިން ކޮވިޑް ކޭސްތައް ފެނިގެން އެރަށަށް އަރައިފޭބުން މަނާކޮށް، މޮނީޓަރިން ހާލަތަށް ގެންދިޔައީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، ހަފުތާއެއްގެ ތެރޭގައި އެ ރަށު ތެރެއިން 99 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެރަށުން މިހާތަނަށް ހޯމް ކަރަންޓީނުވި މީހުން ހިމެނޭ ގޮތަށް ޖުމްލަ 137 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 37 މީހަކު ވަނީ މުޅިން ރަނގަޅުވެފަ އެވެ.

އޭދަފުށިން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ފެންނަމުންދާ އިރު، ރަށަށް ބަލި ފެތުރުނު ގޮތް ދެނެގަނެވިފައެއް ނުވެ އެވެ.

ނަމަވެސް މި މަހު 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް، ކޮވިޑް ފެތުރިފައިވާ މާލެއިން ގިނަ ބަޔަކު ވޯޓުލުމަށް އެރަށަށް ގޮސްފައިވެ އެވެ.

އޭދަފުށި ކައުންސިލުން މީގެ ކުރިން 'ސަން' އަށް ބުނެފައި ވަނީ އެރަށަށް ބަލި ފެތުރުނު ދެ ސިނާރީއޯއެއް ވާ ކަމަށެވެ. އެއްގޮތަކީ ވޯޓުލާން ރަށަށް ދިޔަ މީހުން ނުވަތަ މާލެ ދަތުރު ކުރާ ލޯންޗެއްގެ ފަޅުވެރިއެއްގެ ފަރާތުންނެވެ.

އޭދަފުށީގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައިވާތީވެ، އެޗްޕީއޭ އިން ވަނީ މި މަސް ތެރޭ އެރަށުން އެހެން ރަށްތަކަށް ދަތުރު ކުރި މީހުން އެ އިދާރާއަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި އެކެއް އޭޕްރީލްގެ ފަހުން އެރަށުން ދަތުރު ކުރި ފަރާތްތައް 10 ދުވަހަށް ކަރަންޓީންވުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އޭގެ އިތުރުން އެ ރަށުން ފޭބި ފަހުން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ކޮވިޑް ޓެސްޓު ހެދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް