7.2 ބިލިއަން ހަރަދުކުރިއިރު، އާމްދަނީއަށް 5.4 ބިލިއަން

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ މިހާތަނަށް އައިއިރު ދައުލަތުގެ ހަރަދު ހަތް ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ އެކަކުން މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ދައުލަތުން 7.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 5.4 ބިލިއަން ރުފިޔާ އެވެ.

އޭގެ ތެރެއިން 4.3 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތަށް އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކުހުގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވާ ޖީއެސްޓީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނުއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 594.3 މިލިއަން ރުފިޔާ ވެސް ދައުލަތަށް ލިބިފައިވެ އެވެ.

މި މުއްދަތުގައި ދައުލަތުން ހަރަދުކުރި 7.2 ބިލިއަން ރުފިޔާގެ ތެރެއިން 5.3 ބިލިއަން ރުފިޔާއަކީ ރީކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ދައުލަތުގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ދިނުމަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސަބްސިޑީއާއި އެހެނިހެން އިނާޔަތްތައް ދިނުމަށްވެސް 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަށް ހޭދަކުރި 439.4 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

މި މުއްދަތުގައި ދައުލަތުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް 293.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

comment ކޮމެންޓް