ހާލުގައި ޖެހިފައިވާ އިންޑިއާއަށް ޗައިނާއާއި އެމެރިކާއިން ސިއްހީ އެހީ ފޯރުކޮށްދެނީ

ވޮޝިންޓަން (25 އެޕްރީލް ): އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ އައު ވޭރިއަންޓަކާއެކު އެބަލީގެ ކޭސްތައް އާދަޔާޚިލާފަށް ގިނަވެ ދުވާލަކަށް އެތަށް ހާހަކުން މީހުން މަރުވަމުންދާތީ ހާލުގައި ޖެހިފައިވާ އިންޑިއާއަށް ސިއްހީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް ޗައިނާއާއި އެމެރިކާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑްގެ އާދަޔާ ޚިލާފު ކާރިސާއާމެދު ހަމްދަރުދީ ވާކަމަށާ މިހާލަތުގައި ފޯރުކޮށްދޭން ޖެހޭ ސިއްޙީ އެހީތެރިކަމާބެހޭގޮތުން އެގައުމާ މަޝްވަރާކުރަމުން ގެންދާ ކަމުގައެވެ. އަދި އިންޑިއާއަށް ބޭނުންވާ އެހީތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ މަސްއޫލުވެރިންނަށް ދީފައިވާނެ ކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވީ އިންޑިއާއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް ސާޖާ ގުޅިގެން، އެމެރިކާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށާ އިންޑިއާއަށް ބޭނުންވާ ސިއްހީ އެހީތައްދޭން އެމެރިކާ އޮތީ ތައްޔާރަށެވެ. ވައިޓްހައުސް އިން ބުނީ އިންޑިއާއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް ސާޖާ ގުޅިގެން އިންޑިއާގެ ސަރުކާރާއި އެގައުމުގެ ސިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުމާ ބެހޭގޮތުން، އިންޑިއާ ސަރުކާރާ މަޝްވަރާ ކުރަމުން ގެންދާކަމުގައެވެ. ނަމަވެސް އިންޑިއާއަށް ފޯރުކޮށްދޭ އެހީގެ ތަފްސީލު ޗައިނާވެސް އަދި އެމެރިކާވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮވިޑް ގެ ކޭސްތައް އިންޑިއާގައި އާދަޔާ ޚިލާފަށް ގިނަވަމުންދާތީ އެގައުމުގެ ގިނަ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވެފައިވާ މައްސަލައަކީ އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮކްސިޖަން ހުސްވުމުގެ ސަބަބުން، ކޮވިޑްގެ ބަލިމީހުން މަރުވުމުގެ ގިނަ ހާދިސާތަކެއް އިންޑިއާގައި ދަނީ ހިނގަމުންނެވެ. މިގޮތުން ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިންޑިއާގައި 2700 އަށްވުރެ ގިނަ މީހުންވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. ފާއިތުވި ދެތިން ދުވަހަށް ބަލާއިރު އިންޑިޔާގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ ދުވާލެއްގެ މައްޗަށް 3 ލައްކައަށްވުރެ މައްޗަށް ގޮސްފައެވެ.

އިންޑިއާގައި ކޮވިޑް ގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވެފައިވަނީ ފާއިތުވި ދިހަވަރަކަށް ދުވަހުގެ ތެރޭގައެވެ. ކުއްލިއަކަށް އިތުރުވި ކަމަށް ރިޕޯޓް ކުރި ކޭސްތަކުގެ އަދަދުވަނީ 17 މިލިއަނަށް އަރާފައެވެ. ނަމަވެސް މިމުއްދަތުގައި އިންޑިއާގައި ރިޕޯޓް ނުކުރާ ކޮވިޑް ގެ ކޭސްތައް މިއަށްވުރެ 10 ގުނަ އިތުރުވާނެކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނަ އެއް ސްޓޭޓް ކަމަށްވާ ނިއުދިއްލީގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރިގެން ބަލިމީހުން އެޑްމިޓް ނުކޮށް އަނބުރާ ފޮނުވާލަމުން ގެންދާކަން ޑޮކްޓަރުންވަނީ ކަށަވަރުކޮށްދިފައެވެ. ނިއުދިއްލީ ނޫން ސްޓޭޓެއް ކަމަށްވާ މަހާރާޝްޓްރާގެ ހާލަތުވެސް ހުރީ މިއާ ދާދި އެއްގޮތަކަށެވެ. މަހާރާޝްޓްރާގައިވެސް ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް 500 އާއި 600 އާ ދެމެދު ގެ އަދަދަކަށް މީހުން މަރުވާ ކަމަށް ވެއެވެ. މި ދެސްޓޭޓްގެ ބައެއް ސަރަހައްދުތަކުގައި މަރުވާ މީހުން އެންދުމަށް ބޭނުންވާ ދަރު ހޯދުމަށް ދަތިވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

އެމެރިކާއާއި ޗައިނާގެ އިތުރުން އިނގިރޭސިވިލާތުންވެސްވަނީ އިންޑިއާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އެމެރިކާއަކީވެސް އިންޑިއާ އެކޭ އެއްގޮތަށް ކޮވިޑް ކޮންޓްރޯލް ކުރުމަށް ފެށުނީއްސުރެ ނުކުޅެދިފައިވާ ގައުމެކެވެ. ނަމަވެސް އެމެރިކާގައި ވެކްސިންދޭން ފެށުމުން ހާލަތުވަނީ ކޮންމެވެސް ވަރަކަށް ރަނގަނޅުވާން ފަށާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް