ހިޔާ ފުލެޓުތަކުގެ ގުރުނެގުން 10 ދުވަސްތެރޭ ނިމޭނެ

ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން 10 ދުވަސް ތެރޭ ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލު އަހުމަދު ވިދާޅުވީ މާދަމާ ގުރުއަތުލުން ފަށާއިރު ދުވާލެއްގެ މައްޗަށް 600 ނަންބަރު ނެގޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން އެ ދުވަހެއްގެ ގުރުއަތު ނެގެ ފަރާތްތައް އޭގެ އެއްދުވަސް ކުރިން އިއުލާނު ކުރަނަން،" ސުހައިލު ވިދާޅުވިއެވެ. އަދި ގުރުއަތު ނެގުމާއެކު ފޯމުގައި ދީީފައިވާ ނަންބަރަށް އެސްއެމްއެސް އެއް ދާނެ ކަމަށާއި އެސްއެމްއެސްގައި އިންނަ ލިންކުން އިތުރު މައުލޫމާތުވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރުއަތު ނެގުން ކުރިއަށްދާގޮތް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ގުުރުއަތު ނަގާއިރު ނެގުނު ފްލެޓައި ފްލޯ އަދި ޓަވަރު އެނގޭނެހެން ޓީވީ ސްކްރީނުން ވެސް ފެންނާނެ އެވެ.

އެޗްޑީސީ އިން ބުނީ ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށް ނަގާ ގުއުއަތު ނެގުމުގެ ދެވަނަ ބުރު މާދަމާ ފަށާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ (H4) ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ (H5) ކެޓަގަރީ އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ (H6) ގެ އިތުރުން މާލޭ ރަށްވެހިންނަށް ހާއްސަ (H8) އަދި ކައިވެނިކޮށްގެން އުޅޭ އުމުރުން 18 އަހަރާ 41 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަ (H7) ކެޓަގަރީ އާއި މާލެދަފްތަރު (H9) އަދި ސިވިލް ސާވިސް މުވައްޒަފުްނަށް ހާއްސަ ކެޓަގަރީގެ ކުރުއަތުނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން އެޗްޑީސީ އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ގުރުއަތުނެގުން ކުރިއަށް ގެންގޮސްފައެވެ.

ގުރުއަތު ނެގުން އޮންނާނީ ސަރުކާރު ރަސްމީ ދުވަސްތަކުގައި ދެ ދަންފަޅި އަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ދަންފަޅި ހެނދުނު ނުވަޔަކުން މެންދުރު 12 އަށް އަދި ދެވަނަ ދަންފަޅި މެންދުރު އެކަކުން ތިނަކަށް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީ އިން މީގެ ކުރިން ބުންޏެވެ.

ގުރުއަތު ނަގާނީ ފްލެޓު ލިބޭކަމަށް ސަރުކާރުން ކަނޑައަޅާ، އެޗްޑީސީ އާ ހަވާލުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީކާޑު ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ފްލެޓު ލިބޭ ފަރާތްތައް ގުރުއަތުން ނެގުމަށްފަހު ތަޅުދަނޑި ހަވާލު ކުރުމާއި އެގްރިމެންޓުގައި ސޮއިކުރުމުގެ ކަންތައް ކުރިއަށްގެންދާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް އެޗްްޑީސީ އިން ބުންޏެވެ.

އެގްރިމެންޓު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް އެޗްޑީސީގެ އެމްޑީ ސުހައިލު ރޭ ވިދާޅުވި އެވެ.

"އެނގިލައްވާނެ މިއީ 6،700 ޔުނިޓު. ވަރަށް ތައްޔާރީތައް ވާންޖެހޭ މިއިން ކޮންމެ ކަމަކަށްވެސް. އަޅުގަނޑުމެން މި ބަލަނީ ގުރުއަތު ލައި ނިމުމާ އެއްކޮށް ހަމަ އެގްރިމެންޓު ކުރުމުގެ މަސައްކަތް ފަށަން. އެ ޓޭޑު ކަނޑައެޅުނުހާ އަވަހަކަށް އިއުލާނު ކުރާނަން،" ސުހައިލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގްރިމެންޓުގެ ކޮޕީ އެއް ވެބްސައިޓަށްލާ، ފްލެޓު ލިބޭ މީހުންނަށް އެ އެގްރިމެންޓު ފެންނާނެ ހެން ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ފްލެޓު ހަވާލު ކުރުމަށްފަހު އެ މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދޭން ވަނީ ނިންމައިފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. ޑައުންޕޭމަންޓް ނުދައްކާ ނަމަ، މަހު ކުއްޔަށް 7500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

comment ކޮމެންޓް