މާލޭގެ ދެ ސަރަހައްދެއްގައި ފްލެޓު އަޅަނީ

މާލެ މަލަމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިވެލޮޕްމެންޓް އެންޑް ސޭލް މޮޑެލް އަށް މާލޭގެ ދެ ސަރަހައްދެއްގައި މިކްސްޑް ރެޒިޑެންޝަލް ފްލެޓު ތަރައްގީ ކުރަން ނިންމައި ޝައުގު ވެރިކަން ހުރި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ މާލޭގެ ދެ ބިމެއްގައި މިކްސްޑް ރެޒިޑެންޝަލް ބިލްޑިން އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޕްރޮޖެކްޓް އޭ ގެ ގޮތުގައި ކަނޑައަޅާފައިވަނީ 231,073.78 އަކަފޫޓުގެ ބްލޮކް 307 އެވެ. ޕްލޮޓް އޭރިއާ އަކީ 18,946 އެވެ. އެ ބިމުގައި 14 ބުރީގެ އިމާރާތެއް އަޅަން ކަނޑައަޅާފައިވެއެވެ.

ޕްރޮޖެކްޓް ބީ ގެ ގޮތުގައި ކަނޑައަޅާފައިވަނީ 173,229.56 އަކަފޫޓުުގެ ބްލޮކް 319 އެވެ. ޕްލޮޓް އޭރިއާ އަކީ 14,288 އެވެ. އެ ބިމުގައި ވެސް 14 ބުރީގެ އިމާރާތެއް އަޅަން ކަނޑައަޅާފައިވެއެވެ.

މި ދެ ޕްރޮޖެކްޓަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށައި ނަމަވެސް ކޮންމެ ޕްރޮޖެކްޓަކަށް ހުށަހަޅަންވާނީ ވަކި ޕްރޮޕޯސަލެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

މި ދެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބެރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ ޖޫން މަހުގެ 16 ވަނަ ދުވަހެވެ.

މި ދެ މަޝްރޫއުގެ ބިޑް ރެޖިސްޓްރޭޝަން މި މަހުގެ 29 ގެ ކުރިން ނިންމަން ޖެހެއެވެ. އޮންލައިންކޮށް ރެޖިސްޓާ ކުރެވޭއިރު 29 އޭޕްރީލްގައި އީމެއިން މެދުވެރިކޮށް ބިޑް ޑޮކިޔުމެންޓު ހިއްސާ ކުރާނެ ކަމަށް އެފްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް