ހިޔާ ފްލެޓުތަކުގެ ގުރުނެގުން އާދިއްތަ ދުވަހު އަލުން ފަށަނީ

ހިޔާ ފްލެޓުތައް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އަންނަ އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓ ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން ބުނީ ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށް ނަގާ ގުއުއަތު ނެގުމުގެ ދެވަނަ ބުރު 25 އޭޕްރީލް ވަނަ ދުވަހު ފަށާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ (H4) ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ (H5) ކެޓަގަރީ އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ (H6) ގެ އިތުރުން މާލޭ ރަށްވެހިންނަށް ހާއްސަ (H8) އަދި ކައިވެނިކޮށްގެން އުޅޭ އުމުރުން 18 އަހަރާ 41 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަ (H7) ކެޓަގަރީ އާއި މާލެދަފްތަރު (H9) އަދި ސިވިލް ސާވިސް މުވައްޒަފުްނަށް ހާއްސަ ކެޓަގަރީގެ ކުރުއަތުނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން އެޗްޑީސީ އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ގުރުއަތުނެގުން ކުރިއަށް ގެންގޮސްފައެވެ.

ގުރުއަތު ނެގުން އޮންނާނީ ސަރުކާރު ރަސްމީ ދުވަސްތަކުގައި ދެ ދަންފަޅި އަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ދަންފަޅި ހެނދުނު ނުވަޔަކުން މެންދުރު 12 އަށް އަދި ދެވަނަ ދަންފަޅި މެންދުރު އެކަކުން ތިނަކަށް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ގުރުއަތު ނަގާނީ ފްލެޓު ލިބޭކަމަށް ސަރުކާރުން ކަނޑައަޅާ، އެޗްޑީސީ އާ ހަވާލުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީކާޑު ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ކޮންމެ ދުވަހަކުވެސް ގުރުއަތު ނަގާނީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކަމަށާއި ގުރުއަތު ނެގުމުގެ އެއް ދުވަސްކުރިން ޖެހިގެން އަންނަ ދުވަހު ގުރުއަތު ނަގާނެ ފަރާތްތައް އާންމު ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ގުރުއަތު ނެގުން ކުރިއަށްދާގޮތް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ގުުރުއަތު ނަގާއިރު ނެގުނު ފްލެޓައި ފްލޯ އަދި ޓަވަރު އެނގޭނެހެން ޓީވީ ސްކްރީނުން ފެންނާނެ ކަމަށާއި ފްލެޓު ލިބޭ ފަރާތުން ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށްވެސް އެ މައުލޫމާތު ހިމެނޭ އެސްއެމްއެސް އެއް ފޮނުވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ފްލެޓު ލިބޭ ފަރާތްތައް ގުރުއަތުން ނެގުމަށްފަހު ތަޅުދަނޑި ހަވާލު ކުރުމާއި އެގްރިމެންތުގައި ސޮއިކުރުމުގެ ކަންތައް ކުރިއަށްގެންދާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް އެޗްްޑީސީ އިން ބުންޏެވެ.

އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ އެވެ. އެ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. ޑައުންޕޭމަންޓް ނުދައްކާ ނަމަ، މަހު ކުއްޔަށް 7500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

comment ކޮމެންޓް