ރޭޕް ކޭސް: އަންހެން މީހާއަށް ނަފްސާނީ އަނިޔާ ލިބިފައިވާތީ އަދިވެސް ބަޔާން ނުދެވޭ

މާލޭގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ އާދަމް ވިޝާން (ކ) އަދި އަލީ ރަޝީދު --

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ މަގުމަތިން ހިނގާފައި ދަނިކޮށް ޖަހައިގަނެ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، އަނިޔާ ލިބުނު އަންހެން މީހާއަށް ލިބިފައިވާ ނަފްސާނީ އަނިޔާގެ ސަބަބުން އަދިވެސް ތަހުގީގަށް ބަޔާން ދެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ކުށުގެ ވެށިން ދެ ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ.

އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދެމީހުން ވެސް އިތުރު 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެމީހުންގެ ބަންދު އިތުރުކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންނެވެ.

އެމީހުންގެ ބަންދާ މެދު ގޮތް ނިންމަން މިއަދު ކުރިއަށް ދިޔަ ބަންދު މަޖިލީހުގައި ފުލުހުން ބުނީ އަންހެން މީހާއަށް ނަފްސާނީގޮތުން އަނިޔާ ލިބިފައިވާތީ ތަހުގީގުގައި އެފަރާތުގެ ބަޔާން އަދި ނެގިފައި ނުވާ ކަމަށެވެ.

އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މީގެކުރިން މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން، އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ދިނުމުގެ ގޮތުން، އޭނާގެ ގައިގައި ހިފައި، މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ. އަދި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދިންކަމުގެ މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ މައްސަލައިގައި ހުށަހަޅާފައިވާ ސްކްރީންޝޮޓް ތަކުން އަނިޔާ ލިބުނު އަންހެން މީހާ ގަދަކަމުން ގެންދާތަން ފެންނަ ކަމަށެވެ.

އަދި ތުހުމަތު ކުރެވޭ ކުށް ކުރުމުގައި އަނިޔާވެރިވި ކަމަށް ފުލުހުން ބުނާކަން ވެސް ކޯޓުން ފާހަގަކުރި އެވެ.

އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ލެމަން ގްރާސް ހުންނަ މަގުގަ އެވެ. އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ.

comment ކޮމެންޓް