ތެރަޕިއުޓިކް ދާއިރާއިން ކިޔަވަން ފެން ކުންފުނިން 4 ސްޕޮންސާޝިޕް ދީފި

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، އެމްޑަބްލިއުއެސްސީ އިން އެ ދާއިރާއިން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް ހަތަރު ދަރިވަރެއް ސްޕޮންސާކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، މާލޭ ވޯޓާ އެންޑް ސްވަރޭޖެ ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެ ދާއިރާއިން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް ހަތަރު ދަރިވަރެއް ސްޕޮންސާކޮށްދީފި އެވެ.

އެއީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ދަށުން، އެމްޑަބްލިއުއެސްސީ އިން ފަހިކޮށްދިން ފުރުސަތެކެވެ.

އެ ސްޕޮންސާޝިޕްއާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހް ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފަރާތުން މިއަދު ވަނީ ހާއްސަ ވާޗުއަލް ހަފްލާއެއް ބާއްވާފަ އެވެ. އެ ހަފްލާގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައިވެރިވެވަޑައިގެންފައިވެ އެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން ސްޕޮންސާކުރާ ހަތަރު ދަރިވަރުން ތަމްރީން ކުރެވޭނީ، އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މިދާއިރާތަކުންނެވެ.

ހަތަރު އަހަރު ދުވަހުގެ ކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ރާއްޖޭގައި ތެރަޕީ ހިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހިދުމަތްތަކެއް ނަމަވެސް، އެ ދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދުކާމައި އެކު މިހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެހެންކަމުން ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން އިން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމަށް މިފަދަ ފުރުސަތެއް، އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއްް ކަމަށާއި އަދި އެއީ މުޖްތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައި ދެކޭ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

comment ކޮމެންޓް