ކިޑްނެޕްކޮށް ރޭޕްކުރަން އުޅުނު މީހުންގެ ބަންދު އިތުރުކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ މަގުމަތިން ހިނގާފާ ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ.

މި ދެމީހުންނަކީ ވެސް މާލޭގައި، އެއް ގެއެއްގައި އުޅެމުން އަންނަ ދެމީހުންނެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތެވެ.

އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން، އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ދިނުމުގެ ގޮތުން، އޭނާގެ ގައިގައި ހިފައި، މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ. އަދި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދިންކަމުގެ މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ލެމަން ގްރާސް ހުންނަ މަގުގަ އެވެ. އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން، ފިރިހެން މީހާ ފުރަތަމަ އަންހެން މީހާ ގެންދަން މަސައްކަތް ކުރަނީ އަތުގައި ހިފާ ދަމާފަ އެވެ. އޭރު ވެސް އަންހެން މީހާ ގަދަ ދައްކަމުން ދެ އެވެ. އަދި އެ ދެމީހުންގެ ފަހަތުން އިތުރު ފިރިހެނަކު ވެސް ހިނގާފައި ދެ އެވެ.

ގޯޅި އާ އަރާ ހަމަވި ހިސާބުން އަންހެން މީހާ ބިން މައްޗަށް ވެއްޓެ އެވެ. އަންހެން މީހާ ވެއްޓުނީ މަގުމަތީގައި ތިބި އިތުރު ބައެއްގެ ފައިބުޑަށެވެ. ނަމަވެސް އެއިން އެއްވެސް މީހަކު އަންހެން ކުއްޖާއަށް އެހީތެރިވާކަށް ނޫޅެ އެވެ.

އެމީހުން ބަލަން ތިއްބާ ދެ ފިރިހެން ވެގެން، އަންހެން މީހާގެ ހަތަރެސް ފައިގައި ހިފައި އުފުލާލައިގެން ގޯޅި ތެރެއަށް ވައްދާ މަންޒަރު ސާފުކޮށް ވީޑިއޯ އިން ފެނެ އެވެ.

comment ކޮމެންޓް