އިންޑިއާގެ އިސްލާމީ މުފައްކިރު މައުލާނާ ވަހީދުއްދީން ޚާން ކޮވިޑްގެ އާލާސްކަންފުޅުގައި އަވަހާރަވެއްޖެ

މައުލާނާ ވަހީދުއްދީން ޚާން

ނިއުދިއްލީ (އެޕްރީލް 22) : އިންޑިއާގެ މަޝްހޫރު އިސްލާމީ މުފައްކިރު މައުލާނާ ވަޙީދުއްދީން ޚާން ކޮވިޑް ގެ އާލާސްކަންފުޅުގައި އަވަހާރަ ވެއްޖެއެވެ.

ވަޙީދުއްދީން ޚާން ގެ އާއިލާއިން ނެރުނު ބަޔާނެއް ބުނިގޮތުގައި އޭނާ އަވަހާރަވީ ކޯވިޑް-19 ޖެހިގެން ހާލުކޮޅު ގޯސްވުމާއެކު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެޕޯލޯ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ވަޙީދުއްދީން ޚާންއަކީ މޮޑަން ވިސްނުމުގެ އިސްލާމީ މުފައްކިރެކެވެ. މީހުން ކާފަރު ކުރުމާއި ހަރާމް ނުވާކަންކަން ހަރާމް ކުރުމުގެ ހަރުކަށި ފިކުރާ ދެކޮޅު ބޭފުޅެކެވެ. ދީން ގަބޫލުނުކުރާ މީހުންނަށާއި ލާދީނީ މީހުން (ސެކިއުލަރިސްޓުން ނުވަތަ އިލްމާނީން) ނަށް އޭނާ ރައްދު ދެއްވަނީ އިސްލާމީ މިންހަޖާއި ސައެންޓިފިކް އަދި ފިލޯސިފިކަލް މިންހަޖު (މެތަޑް) ތައް އެއްކޮށްލައްވައިގެން ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައެވެ.

ޕާކިސްތާނުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަބުލްއަޢުލާ އަލްމައުދޫދީ އާއި އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިއާ އަބުލްހަސަން އައްނަދުވީ ގެ ފިކުރުގެ އަސަރު ވަޙީދުއްދީން ޚާން ގެ ގެ ވިސްނުމަށް ކޮށްފައިވާކަން އޭނާގެ ފޮތްތަކައި ލިޔުއްވުންތަކާ އަދި ތަގްރީރިތަކުން ހާމަވެއެވެ.

ވަޙީދުއްދީން ޚާން ގިނަ ފޮތްތަކެއް ލިޔުއްވާފައިވެއެވެ. އޭގެތެރޭގައި "ރެލިޖަން އެންޑް ސައެންސް" "އެވިޑެންސް އޮފް ގޯޑް އިން ނޭޗާ އެންޑް ސައެންސް" އާއި "ވުމަން ބިޓްވީން އިސްލާމް އެންޑް ވެސްޓާން ސޮސައިޓީ" އާއި "އިންސާޗް އޮފް ގޯޑް" އަދި "އިސްލާމް އައުރް ޖަދީދް ޗެލެންޖް" ފަދަ ވަރަށް އިލްމީ ފަލްސަފީ އަދި މަންތިގީ (ލޮޖިކަލް) ފޮތްތައް ހިމެނެއެވެ. މީގެތެރެއިން ބައެއް ފޮތްތައް ދަނީ ދުނިޔޭގެ އެތަށް ބަހަކަށް ތަރުޖަމާކޮށް ދުނިޔޭގެ އެތަށް ބައެއް ޔުނިވަރުސިޓީއެއްގައި ރިފަރެންސް ފޮތްތަކުގެ ގޮތުގައި ބޭނުން ކުރަމުންނެވެ.

ވަޙީދުއްދީން ޚާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 އޮކްޓޯބަރު 1925 ގައި އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ އަވަށެއްގައެވެ. ތައުލީމު ހާސިލް ކުރެއްވީ އިންޑިއާގެ އެދުވަސްވަރުގެ އިސްލާމީ އިންސްޓިޓިއުޓެއް ކަމަށްވާ ޖާމިއަތުލް އިސްލާޙް އަލްއަރަބިއްޔަތުލް އިސްލާމިއްޔާ އިންނެވެ. އެ އިންސްޓިޓިއުޓުން ވަރަށް މޮޅަށް އިނގިރޭސިބަސް އުގެނިވަޑައިގެންނެވިއެވެ. އެއަށްފަހު އޭނާ އިލްމަށް އާދަޔާ ޚިލާފަށް މޮޅުވީ އަމިއްލައަށް ކުރެއްވި ދިރާސާތަކުންނާއި ފޮތްތައް ކިޔުއްވައި މުތާލިއާ ކުރައްވައިގެން ހޯއްދެވި މައުލޫމާތުންނެވެ.

އޭނާއަކީ ފޮތްތައް ވިދާޅުވުމަށް އާދަޔާ ޚިލާފު ޝައުގުވެރިކަމެއް ހުންނަ ބޭފުޅެކެވެ. ވަޙީދުއްދީން ޚާން ގެ ފިކުރަކީ ވަރަށް ބޮޑަށް އިލްމީ އަދި ތަހުލީލީ އުސްލޫބުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ފިކުރެކެވެ. އޭނާގެ ފޮތްތަކާއި މަޒްމޫނުތައްވެސް ބިނާވެގެންވަނީ ޒަމާނުގެ އިލްމީ އުސޫލުތަކުގެ މައްޗަށެވެ. ފަހުގެ ތާރީޚެއްގައި ވަޙީދުއްދީން ޚާން އަށްވުރެ ގިނައިން ފޮތް ވިދާޅުވާ ބޭފުޅަކު ނޫޅުއްވާކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ މަސައްކަތް ތަކުގެ ތެރޭގައި އިލްމީ ފޮތް ލިޔުއްވުމާއި ދީނީ އިރުޝާދު ދެއްވުމުގެ އިތުރުން އިންޑިއާގެ މުސްލިމުންގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރެއްވުމާއި ލަކްނޫގެ އިލްމުވެރިންގެ ޖަމްއިއްޔާ ކަމަށްވާ ނަދްވަތުލް އުލަމާއު އަށް ޚިދުމަތްކޮށްދެއްވުން ހިމެނެއެވެ. މީގެއިތުރުން އިސްލާމީ މަރުކަޒުގެ ނަމުގައި އިލްމީ އިދާރާއެއް އިފްތިތާހު ކުރައްވައި އެތަނުން ޗާޕު ކުރުމުގެ މަސައްކަތާއި ދީނީ ދަޢުވަތާއި އިރުޝާދު ދިނުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގެވިއެވެ. އޭނާގިނައަދަދެއްގެ މަޖައްލާވެސް ނެރުއްވިއެވެ.

ވަޙީދުއްދީން ޚާން ގެ ފިކުރަކީ ސުލްހެވެރި ފިކުރެވެ. ހަރުކަށި ކަމާއި ތަކްފީރާ ދުރު ފިކުރެކެވެ. މަންތިގާއި ފަލްސަފާއާއި އިލްމާއި ބުރުހާން އަދި އިލްމީ ހުއްޖަތްތަކުގެ މައްޗަށް ބިނާވެފައިވާ ފިކުރެވެ. ވަޙީދުއްދީން ޚާން 200 އަށްވުރެ ގިނަ ފޮތާއި އެތަށް ހާސް އިލްމީ ދިރާސާ ލިޔުއްވާފައިވެއެވެ. މިތަކެތި ގިނަ ލިޔުންތައް ލިޔުއްވާފައިވަނީ އިނގިރޭސިބަހާއި އުރުދޫ ބަހުންނެވެ.

ވަޙީދުއްދީން ޚާން އަވަހަރަވީ އުމުރުފުޅުން 96 ގައެވެ. މުސްކުޅި އުމުރުފުޅުގައިވެސް ވަޙީދުއްދީން ޚާން އަކީ ވަރަށް ހިންގުންތެރި ހަރަކާތްތެރި ބޭފުޅެކެވެ.

comment ކޮމެންޓް