ކޮމިޓީގެ ރުުހުމާއެކު ޝިފްލާގެ ނަން އަނެއްކާވެސް ތަޅުމަށް

ޝިފްލާ އިބްރާހިމް ---

ޓީވީ ޕްރެސެންޓަރު ޝިފްލާ އިބްރާހިމް ބްރޯޑްކާސްޓިންގް ކޮމިޝަނަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލި ތިން ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. ޝިފްލާގެ އިތުރުން ދެން ރައީސް ފޮނުއްވީ ފާތިމަތު ސައުސަން އަދި ޑރ. މުހައްމަދު އިބްރާހީމްގެ ނަމެވެ.

ރައީސްގެ ލިސްޓުގައި ޝިފްލާގެ ނަން އޮތީ ދެވަނައިގަ އެވެ.

ތިން ބޭފުޅުންނާ އިންޓަވިއުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރީ ޝިފްލާއަށް ރުހުން ދޭން ފެންނަ ކަމަށެވެ. ޝިފްލާގެ ނަން ފާސްކުރީ ކޮމިޓީގެ 11 މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެ ކުރިން ބްރޯޑްކޮމް އަށް ޝިފްލާ ކުރިމަތިލެއްވި ދެ ފަހަރު ވެސް ކޮމިޓީން ވަނީ އޭނާއަށް ރުހުން ދީފަ އެވެ. ނަމަވެސް ދެ ފަހަރު ވެސް މަޖިލީހުން ޝިފްލާގެ ނަން ފާސްކޮށްފަ އެއް ނުވެ އެވެ.

ޝިފްލާ އަކީ ދާއިރާގެ ތަޖުރިބާ ހުރި ފަރާތެކެވެ. ޝިފްލާ ވަނީ ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. ނޫސްވެރިކަމުގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ ޝިފްލާ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ސަންގު ޓީވީގަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ސަހާރަތުގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

comment ކޮމެންޓް