ގްރީން ބަލިކޮށް މާޒިޔާ ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި

މާޒިޔާއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ރޭ ގްރީންސްޓްސް ބަލިކޮށް މާޒިޔާއިން އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައި، ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުން މާޒިޔާ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މާޒިޔާއިން ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ކުޅުނު 13 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާއަށް 12 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ވެލެންސިއާއަށް މާޒިޔާގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. މީގެ އިތުރުން މާޒިޔާ އަތުން ބަލިވި ގްރީން އޮތީ ތާވަލުގެ ތިންވަނާގައި 14 މެޗުން 19 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަތަށް ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

އެ ހާފުގެ ފަހު މިނެޓުގައި ހިލޭ ޖެހުމަކުން މާޒިޔާގެ އުމެއިރު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. ހިލޭ ޖެހުމަށް ފަހު އުމެއިރުއަށް އަނިޔާވި އިރު، ދެވަނަ ހާފުގައި އުމެއިރުގެ ބަަދަލުގައި ކުޅެން އެރީ ހަސަން ނާއިޒު (ދާދު) އެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅު މާޒިޔާއިން ވަނީ މި މެޗުގައި ލީޑު ނަގާފަ އެވެ. ހަމްޒާ މުޙައްމަދު (ހަމްޕު) ހުރަސްކޮށްދިން ބޯޅަކުން މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާއެވެ. މިއީ މި ސީޒަނުގެ މެދުތެރެއިން މާޒިޔާއާ ގުޅުނު ޓަކާޝީ، އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މެޗުގެ ނަތީޖާ ރަނގަޅު ނަމަވެސް ކުޚުމާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މިކުޅުން ކުޅެގެން ލީގު ހޯދަން އުނދަގުވާނެ ކަމަށާއި ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް