އުތުރު ތިލަފަޅުގެ މައްސަލަ: ހެކި ދައްކަން ބުނެ ޕާޕާގެ ޗެލެންޗެއް ޝަމާލަށް

ސިފައިންގެ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު، އަދި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ (ޕާޕާ):-- ސަން ފައިލް ފޮޓޯ

އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެ ސިފައިންގެ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު، އަދި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ (ޕާޕާ) ދެއްކި ވާހަކަތައް ނަފީ ކުރާނެ ހެކި ދެއްކަން އޭނާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއަށް ޗެލެންޖު ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމްގައި ފަޔާޒް ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށާއި ހަނިމާދޫ އެއާޕޯޓުގެ ސިފައިން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެފަ އެވެ. އެކަމާ ހެދި ބަޔާނެއް ނެރި އެމްއެންޑީއެފްއިން ވަނީ ޕާޕާގެ ވާހަކަތައް ދޮގުކޮށް ރައްދު ދީފަ އެވެ. އެމްއެންޑީއެފްއިން ބުނީ، އެ ދެ ތަން ބަލަހައްޓަނީ އެމްއެންޑީއެފްއިން ކަމަށާއި އެ ދެ ތަނަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށެވެ.

އެމްއެންޑީއެފްގެ ބަޔާނަށް ރައްދު ދީ ފަޔާޒު މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ ދެއްކި ވާހަކަތަކީ ދޮގު ވާހަކަތަކެއް ނަމަ އެ ވާހަކަތައް ދޮގު ކުރެވޭނެ އެންމެ މުހިންމު ލިޔުމަކީ ރާއްޖެއާ އިންޑިއާއާ ދެމެދު ހެދި އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށެވެ. އެ އެއްބަސްވުން ސަރުކާރުން ހާމަ ނުކުރުމަކީ އަދި މަޖިލީޖަށްވެސް ހުށަހަޅާފައި ނުވުމަކީ އެއީ އޭނާ ދެއްކި ވާހަކަތަކީ ތެދެއްކަން ދަލީލު ކުރާ ކަމެއް ކަމަށް ފަޔާޒު ބުންޏެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ފަޔާޒު ދެއްކި ވާހަކަތަކަށް އެމްއެންޑީއެފްއިން ރައްދުދީ ބަޔާން ނެރެން ޖެހުނީ ކީއްވެތޯވެސް އޭނާ ސުވާލު އުފެއްދި އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރީ އެމްއެންޑީއެފްއިންތޯވެސް ސުވާލު އުފެއްދެވި އެވެ.

ފަޔާޒުގެ ބަޔާނުގައި ވަނީ، އޭނާ ދެއްކި ވާހަކަތައް ދޮގު ކުރެވޭ ވަރުގެ ހެކި ގަރީނާ އެމްއެންޑީއެފްގައި ހުރި ނަމަ އޭނާއާއެކު ލައިވް ޕްރޮގްރާމަކަށް އަރަން ޝަމާލްއަށް ޗެލެންޖު ކޮށްފަ އެވެ.

"... ލައިވް ޕްރޮގްރާމުގައި އަޅުގަނޑު ދައްކާފައި ހުރި ވާހަކަތައް ނަފީ ކުރެވޭނެ ވަަރުގެ ކާފީ ހެކި އެމްއެންޑީއެފްގައި ހުރި ގަރީނާ ދިވެހިރާއްޖޭގެ ދިފާއީ ބާރުގައި ހުރި ނަމަ އެ ހެކިތަކާއެކު ލައިވް ޕްރޮގްރާމެއްގައި އަޅުގަނޑާ އެކުގައި ޗެލެންޖަކަށް ވަޑައިގަތުމަށް ޝަމާލަށް ދައުވަތު އަރުވަން،" ފަޔާޒުގެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފްއިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ވަނީ ފަޔާޒު ސިފައިން ގޭގައި އުޅުނު އިރު އޭނާގެ ޖެހުުނު ސުލޫކީ މައްސަލަތައްވެސް ފާހަަގަކޮށްފަ އެވެ. އޭނާ އަކީ އަހުލާގީ މައްސަލަތަކާ ހެދި ޑީމޯޓުކޮށް، "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަން އެމްއެންޑީއެފްއިން ފާހަގަ ކުރި އެވެ.

އެކަމަށް ރައްދު ދެމުން ފަޔާޒު މިއަދު ނެރުނު ބަޔާނުގައި ފާހަގަކުރީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލްއަކީ ސިފައިންގެ ތެރޭގައި ބަޣާވާތް ކުރަން އުޅެގެން "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކި ކުރި ބޭފުޅެއް ކަމެވެ. އޭގެ އިތުރުންވެސް ޝަމާލްގެ މައްޗަށް "ބޮޑެތި ތުހުމަތުތަކެއް" ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ފަޔާޒަކީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާކޮށް ޖަލަށްލި މީހެކެވެ. އޭނާ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން، ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމްތައް ބާތިލުކޮށްފަ އެވެ.

comment ކޮމެންޓް