4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް އޯވާޑްރާފްޓު ނުކުރެވޭނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދުނު ނަމަވެސް 4.4 ބިލިަން ރުފިޔާ އަށް ވުރެ އިތުރަށް އޯވާ ޑްރޯ ނުކުރެވޭނެ ކަމަށާއި އެކަމަށް އެއްވެސް ޖާގައެއް ވެސް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ބޭންކު އެކައުންޓް އޯވާ ޑްރޯ ކުރުމަށް ދިން މުއްދަތު އތުރު އެއް އަހަރަށް ދަންމާލުމަށް އެދި ފިނޭންސް އިން މަޖިލީހަސް ހުށަހަޅާފައިވަ މައްސަލާގައި ބޭއްވި ވަގުތީ ކޮމެޓީގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާނު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 4.4 ބިލިއަން ރުފިޔާ އޯވާ ޑްރޯ ކުރަނީ، މިދިޔަ މުއްދަތުގެ ތެރޭ ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން އޯވާ ޑްރޯ ކުރާ އަދަދު ސެޓްލް ކުރާ ގޮތަށް ކަމަށެވެ.

"މިސާލަކަށް މި މަސް ނިމޭ އިރު މި ކުއާޓަރު ނިމޭނެ. މި ކުއާޓަރުގައި ޓެކްސް ރެވެނިއު ވެސް އިތުރުވާނެ. އެ ރެވެނިއު ވެސް އެ ވަންނަނީ ދައުލަތުގެ ޕަބްލިކް ބެންކު އެކައުންޓަށް. ޕަބްލިކް ބެންކު އެކައުންޓަށް ވަނީމާ މިސާލަކަށް މިއަދު އަޅުގަނޑުމެން ތިން ބިލިއަން ރުފިޔާ އޯވާ ޑްރޯ ކޮށްފައި ހުރީވިއްޔާމުން އޭގެ މާނައަކީ މި މަސް ނިމޭ އިރު ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ޖީއެސްޓީއެއް ލިބިއްޖެއްޔާ އިންނާނީ ދެ ބިލިއަން ރުފިޔާގެ އޯޑީ އެއް. އެއީ ހަމަ އޮޓަމެޓިކަލީ ސެޓްލް ވަމުންދާ އެއްޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ އިސްތިސްނާ ހޯދިއިރުވެސް އޯޑި އަކީ އޮޓަމެޓިކަލީ ސެޓްލް ވާނެ އެއްޗެއްކަން ދަންނަވާފައިވާ ކަމަށެވެ. އަދި 4.4 ބިލިއަނަށް ވުރެ އިތުރަށް އޯޑީ ކުރުމަށް އެމްއެމްއޭ އިން ޖާގަ ވެސް ނުދޭނެ ކަމަށާއި އެކަން އެގޮތަށް ނުވެސް ކުރެވޭނެ ކަމަށެވެ.

އެއަށްވުރެ އިތުރަށް އޯވާޑްރޯކުރަން ނުވެސް ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުުވި އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީ ވެސް ވޭތުވެ ދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށް ވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން 32 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ޖެނުއަރީ1، 2016 އިން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ.

މިިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައި ވަނީ އިގްތިސާދީ ގޮތުން ރާއްޖެ ފުން ވަޅުގަނޑަކަށް ވެއްޓުނު އިރު، ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި ކޮވިޑާ ގުޅިގެން ކުރަންޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަންޖެހުނު ހަރަދުތައް ހަމަޖައްސަން ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

އެ އިސްތިސްނާތަކަށް އަހަރެއްވާން ކައިރިވެފައިވާއިރު، އަދި އިގްތިސޯދީ އެ ފުން ވަޅުގަނޑުން އަރައިގަނެވިފައި ނުވާ ކަމަށާއި ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި ހުސްވި 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަނީ ދަށްވެފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އިގުތިސޯދީ ކުރިއެރުން ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެެ އިތުރުން މިނިސްޓަރު ފާހަގަކުރައްވާފައިވާ ގޮތުން، ކޮވިޑުގެ ކުރިއާ އަޅާބަލާއިރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ނުވަތަ އަން އެމްޕްލޯއިމެންޓް ރޭޓުވެސް ވަނީ އިތުރުވެފަ އެވެ. އަދި ވިޔަފާރިތަކުގެ ސޭލްސް ނުވަތަ ވިކުރާ އަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް