ރިޗަޑް ކުއެސްޓްގެ ތަޖުރިބާ: ރާއްޖޭގެ ސަގާފަތް ބަލާލަން ނުލިބުނު!

ސީއެންއެންގެ އެންމެ މަގުބޫލު އެއް މޫނު ކަމުގައިވާ، ސީއެންއެން ބިޒްނަސްގެ އެޑިޓަރ އެޓް ލާޖް ރިޗަޑް ކުއެސްޓް މިދިޔަ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތެއް ކުރީ އޭނާ ޕްރޮޑިއުސްކޮށް ހުށަހަޅާ ޕްރޮގްރާމް "ކުއެސްޓްސް ވޯލްޑްް އޮފް ވޮންޑާ"ގައި ދިވެހިރާއްޖެ ފީޗާކުރުމަށެވެ.

"އަހަރެންނަށް މިތަނުގައި ހުރެ ހުއްޓުމެއް ނެތި ކިޔައިދެވިދާނެ ރާއްޖޭގެ ރީތިކަމުގެ ފުރިހަމަކަމުގެ ލައްކަ ވާހަކައެއް. އިރުއޮއްސޭ މަނޒަރުގެ ރީތިކަމާއި، މަސްބާނަން ދިއުމުގެ ތަޖުރިބާއާއި، ފީނަން ދިއުމުގެ މަޖާ ވާހަކަތައް. ރާއްޖެއަށް ގޮސް ކުރާ ރީތި ހުރިހާ ކަމެއް އަހަރެން ކުރިން. އެކަމަކު އަހަރެން ރާއްޖެއިން ފުރީ ތިޔަ ގައުމާ ބެހޭގޮތުން ވަރަށް މަދު އެއްޗެއް އެނގިގެން. ސަގާފަތާ ބެހޭގޮތުން އެނގުނީ ވަރަށް މަދު އެއްޗެއް،" ކުްއެސްޓް އޭނާގެ ތަޖުރިބާގެ ވާހަކަ، ނިއުޔޯކްގައި ހުރެ ވީޑިއޯކޮންފަރަންސް މެދުވެރިކޮށް "ސަން"އަށް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ރާއްޖޭގައި ހުންނަނީ "ސަން، ސޭންޑް އެންޑް ސީ" ކަމުގައި ވިޔަސް ރާއްޖޭގެ ސަގާފަތް ޕްރޮމޯޓުކުރުމަށް ދިވެހިރާއްޖެއިން އެދެވޭ މަސައްކަތް ކުރަމުން ދާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އަދި ކޮވިޑް19 ގެ ހާލަތު އޮތުމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ދިވެހީންގެ ދިރިއުޅުމާއި ސަގާފަތް ބަލާލަންވެސް މި ދަތުރުގައި ފުރުސަތު ނުލިބޭ ކަމަށްވެސް އޭނާ ބުންޏެވެ.

"ރަށްރަށަށް ދެވުނު ނަމަ ދިވެހީންގެ ސަގާފަތާއި އާދަކާދަ ފެނުނީސް. އެއީ ރިސޯޓަކުން މާ ބޮޑަށް ފެންނާނެ ކަމެއް ނޫން. އެކަން ކުރެވުނު ނަމަ ރާއްޖެއާ ބެހޭ ވަރަށް ތަފާތު ތަޖުރިބާއެއް އަހަރެމެންނަށް ކުރެވުނީސް،" ކުއެސްޓް "ސަން"އަށް ބުންޏެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި މަތީ ފަންތީގެ ޓޫރިޒަމަށް ހާއްސަ، އަގުބޮޑު މަންޒިލެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮތަސް، އެއީ ރާއްޖެއިން ހަގީގަތުގައި ބޭނުންވާ ގޮތްތޯ އޭނާ ސުވާލުވެސް އުފެއްދިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަށް ބަލާއިރު، އަހަރެންނަށް ހީވަނީ މެދުފަންތީގެ ފަތުރުވެރިކަން ވަރަށް މުހިންމުހެން. ބެކްޕެކާސްވެސް އައިސް ގެސްޓްހައުސްތަކުގައި ތިބޭނެ، އެކަމަކު އެމީހުންވެސް އާމްދަނީއާ އެއްވަރަށް މެދުފަންތިއަށް އަރާނެ. އެކަމަކު މިހާރުވެސް މެދުފަންތީގެ ފަތުރުވެރިކަން ރާއްޖެއަށް ބޭނުންވާހެން ހީވޭ. މިއީ ރިސޯޓު އައިލެންޑްސް ހުރުމުން ހާސިލުކުރަން އުނދަގޫވެދާނެ ކަމެއް. އެކަމަކު ރާއްޖެއިން ބޭނުންވަނީ ހަމައެކަނި އެންމެ މުއްސަަނދި މީހުންގެ މަންޒިލެއްގެ ގޮތުގައި އޮންނަންބާ؟ އަހަރެންނަކަށް ހިއެއް ނުވޭ،" ކުއެސްޓް އޭނާގެ ހިޔާލު ފާޅުކުރިއެވެ.

މީގެ އިތުރުން ރާއްޖޭގައި އެތައް ޓޫރިސްޓް ރިސޯޓު ހިންގާ ރަށްރަށް ހުންނަ އިރު، ރިސޯޓުތަކާއި ޓޫރިޒަމް އިންޑަސްޓްރީން ތިމާވެއްޓާ ރަހުމަތްތެރިވުމަށް އަމަލުކުރަމުންދަނީ ކިހާވަރަކަށްކަން ރައްޔިތުން ސުވާލުކުރުން މުހިންމުކަމަށް ކުއެސްޓް ބުންޏެވެ.

"5 ތަރީގެ ރިސޯޓުތައް ހިންގަނީ ހުރިހާ އެއްޗެއް ބޭރުން އިމްޕޯޓުކޮށްގެން. ރިސޯޓުތަކަށް ދާންވެސް ބޭނުންވޭ ސީޕްލޭނާއި ސްޕީޑްބޯޓު. ރިސޯޓުތަކުން ތިމާވެށި ހިމާޔަތްކުރަން ބޭނުންކުރާ ސިޔާސަތުތައް އެމީހުން ކުރެ އަހަންޖެހޭ. އަހަރެންނަށް ފެނުނު ސޮނޭވާފުށި އަދި ރީތި ބީޗުގައި ކުރާ މަސައްކަތް. ތައުރީފު ހައްގު މަސައްކަތްތަކެއް އެއީ. އެކަމަކު، ރާއްޖޭގައި ބިން ހިއްކަންޖެހެނީ ކިހާވަރަކަށްތޯ، ރާއްޖެއަށް ބޭނުންވަނީ ކިތަށް 5 ތަރީގެ ރިސޯޓުތޯ، އަދި ރިސޯޓުތައް ފަންތިކުރާނެ ބެލެންސަކީ ކޮބާތޯ، މިއީ އުނދަގޫ ސުވާލުތަކެއް ވިޔަސް ކުރަންޖެހޭ ސުވާލުތަކެއް،" އޭނާ ބުންޏެވެ.

ކުއެސްޓްސް ވޯލްޑް އޮފް ވޮންޑާގައި ރާއްޖެ ފީޗާކުރާ އެޕިސޯޑު ސީއެންއެންއިން ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ 24 އޭޕްރިލް 2021 (ހޮނިހިރު ދުވަހު)ގެ ހެނދުނު ރާއްޖެ ގަޑިން 10:30 ގައެވެ.

comment ކޮމެންޓް