އޯވާޑްރޯގެ މައްސަލަ މިއަދު ކޮމެޓީ އިން ނިންމަން ފާސްކޮށްފި

މަޖިލީހުގެ ކޮމެޓީ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ މައްސަލަ އާ މެދު މިރޭ 12ގެ ކުރިން ގޮތެއް ނިންމަން އެ ކަމާ ގުޅޭ މައްސަލަ ދިރަސާ ކުރަން އެކުލަވަލި ކޮމެޓީ އިން ފާސްކޮށްފި އެވެ.

އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ

1. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (މުގައްރިރު)

2. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު (ނައިބު މުގައްރިރު)

3، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

4. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

5. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް

6. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު

7. މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

8. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

9. އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

ކޮމެޓީގައި މާވަށު ދައިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ދައުލަތުގެ ހަރަދާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އިން ކޮންމެ ކުއާޓާ އަކު މަޖިލީހަށް ހިއްސާކުރަން ޖެހޭ މައުލޫމާތު ގަވައިދުން ހިއްސާ ކުރަމުންދޭތޯ ބެލުމަށް އެދިލައްވައިފަ އެވެ. އަދި އެ މައްސަލާގައި ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލް ކޮމެޓީ އަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.

މިއަދާއި މިރޭ މަސައްކަތް ކުރައްވައި، މާދަމާއަށް ކޮމިޓީގެ ރިޕޯޓު ނިންމުމަށް ރިޔާސަތުން ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެ ނަމަ މާދަމާ ޖަލްސާއެއް ބާއްވައި، މައްސަލަ ނިންމަވާ ދެއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީ ވެސް ވޭތުވެ ދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށް ވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން 32 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ޖެނުއަރީ1، 2016 އިން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ.

މިިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައި ވަނީ އިގްތިސާދީ ގޮތުން ރާއްޖެ ފުން ވަޅުގަނޑަކަށް ވެއްޓުނު އިރު، ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި ކޮވިޑާ ގުޅިގެން ކުރަންޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަންޖެހުނު ހަރަދުތައް ހަމަޖައްސަން ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

އެ އިސްތިސްނާތަކަށް އަހަރެއްވާން ކައިރިވެފައިވާއިރު، އަދި އިގްތިސޯދީ އެ ފުން ވަޅުގަނޑުން އަރައިގަނެވިފައި ނުވާ ކަމަށާއި ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި ހުސްވި 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަނީ ދަށްވެފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އިގުތިސޯދީ ކުރިއެރުން ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެެ އިތުރުން މިނިސްޓަރު ފާހަގަކުރައްވާފައިވާ ގޮތުން، ކޮވިޑުގެ ކުރިއާ އަޅާބަލާއިރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ނުވަތަ އަން އެމްޕްލޯއިމެންޓް ރޭޓުވެސް ވަނީ އިތުރުވެފަ އެވެ. އަދި ވިޔަފާރިތަކުގެ ސޭލްސް ނުވަތަ ވިކުރާ އަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް