60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖަހައިދެނީ

ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖަހައިދޭން ނިންމައިފި އެވެ.

މީގެ ކުރިން ރާއްޖޭގައި ފައިޒާ ވެކްސިން ދީފައި ވަނީ ހާއްސަ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށްވެފައިވާ މީހުންގެ ތެރެއިން ތިރީގައި ލިސްޓް ކޮށްފައިވާ މީހުންނާއި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ތިރީގައިވާ ބަލި ހާލަތްތައް ހުންނަ ކުދިންނަށް މީގެ ކުރިން ވަނީ ފައިޒާ ވެކްސިން ދީފަ އެވެ.

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން/ކުދިން
  • ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން/ކުދިން
  • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން/ކުދިން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން/ކުދިން
  • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން/ކުދިން
  • ހަކުރުބަލީގެ ކުދިން
  • ތެލަސީމިއާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  • ޑައުންސިންޑްރޯމް ހުންނަ ކުދިން
  • ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
  • އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާކުދިން)
  • 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތައް
  • 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތައް

އެޗްޕީއޭ އިން ބުނީ ފައިޒާ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ޕޯޓަލްގައި ރެޖިސްޓާ ވެވޭނެ ކަމަށެވެ.

ރެޖިސްޓާ ވުމަށް tinyurl.com/j5jdehrz

ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަން ޖެހޭ ވެކްސިނެއްކަމުގައިވާތީ އެ ވެކްސިން މައިގަނޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން އަދި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފައިޒާ ވެކްސިން ޖަހާނީ އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.

ކޮވިޑް19 އިން ދިފާއުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ކޮވެކްސް ފެސިލިޓީ އިން ފައިޒާ ވެކްސިންގެ 5850 ޑޯޒް ރާއްޖެއަށް ފޮނުވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ އިތުރުން ކޮވިޝީލްޑު އަދި ސައިނޯފާމް ވެކްސިން ޖަހަ އެވެ. ކޮވިޝީލްޑައި ސައިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މިހާރު ފަށާފައިވާ އިރު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 283،973 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.

comment ކޮމެންޓް