ފްލޯއިޑް މެރުމުގެ ދައުވާ ފުލުސް އޮފިސަރު ޝޮވިންގެ މައްޗަށް ސާބިތުވެއްޖެ

ޝޮވިންގެ މައްޗަށް ވަނީ މީހަކު މެރުމުގެ ދައުވާ ސާބިތުވެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޭޕްރިލް 21): އެމެރިކާގެ މިނިސޯޓާގައި މިދިޔަ އަހަރު ޖޯޖް ފްލޯއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރުވި ހާދިސާއާ ގުޅިގެން، އޭނާ ހައްޔަރު ކުރުމުގައި ބައިވެރިވި ފުލުސް އޮފިސަރު ޑެރެކް ޝޮވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ސާބިތުވެއްޖެ އެވެ.

ތިން ހަފްތާއަށް ދެމިގެން ދިޔަ ޝަރީއަތަކަށް ފަހު ޝޮވިންގެ މައްޗަށް ސާބިތުވެފައި ވަނީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާ އެވެ. އަދި އޭނާގެ މައްޗަށް ހުކުމް ކުރަން ނިންމާފައި ވަނީ އަށް ހަފްތާ ފަހުންނެވެ.

އެ މައްސަލައިގައި ޝޮވިންގެ މައްޗަށް ސާބިތުވި އެންމެ ސީރިއަސް ދައުވާއާ ގުޅިގެން އޭނާ 40 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވިދާނެ އެވެ.

ފްލޯއިޑްގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ބޮޑެތި މުޒާހަރާތައް ބާއްވާފައިވޭ -- ފޮޓޯ: ރޮއިޓާސް

މިދިޔަ އަހަރުގެ މެއި 25ގައި ފުލުހުން، ފްލޯއިޑް ހައްޔަރު ކުރަން އުޅުނީ އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅުނު ކަމަށް ބުނެ މީހަކު ކުރި ޝަކުވާ އަކާ ގުޅިގެންނެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ޝޮވިން، ފްލޯއިޑްގެ ކަރުގައި ކަކޫ ވިއްދައިގެން ނުވަ މިނިޓަށް ވުރެ ގިނަ އިރު ވަންދެން ހުއްޓެވެ. އޭގެ ސަބަބުން ފްލޯއިޑަށް ނޭވާ ނުލެވޭ ކަމަށް އޭނާ 20 އަށް ވުރެ ގިނަ ފަހަރު ބުންޏެވެ.

އޭގެ ފަހުން ފްލޯއިޑްގެ ހަރަކާތްތައް ހުއްޓި، އެމްބިއުލާންސް ގެންދިޔަ އިރު އޭނާ މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ކަޅު ނަސްލުގެ މީހެއް ކަމަށްވާ ފްލޯއިޑްގެ ކަރަށް، ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޝޮވިން ކަކޫ އަރުވައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އޭގެ ފަހުން އާއްމުވި އެވެ. އަދި ނަސްލީ އިމްތިޔާޒުތަކާއި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތައް ކުރިއަށް ގެންދިޔަ އެވެ.

އޭގެ ފަހުން ޝޮވިން ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް