ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ކުރިއަށް

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެއަށް މިއަހަރު ވެސް ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބެއްޖެ އެވެ.

ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ކުރިއެރުމެއް އައިސްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެގޮތުން ލިސްޓުގެ 120 ވަނައިގައި އޮތުމަށް ފަހު 2019 ވަނަ އަހަރު ވަނީ 98 ވަނައަށް އަރައިފަ އެެވެ.

އަދި 2020 ވަނަ އަހަރުގެ އިންޑެކްސްގައި ރާއްޖޭގެ ނޫސްވެރިކަން ވަނީ 19 ދަރަޖަ ކުރިއަށް ޖެހިފަ އެވެ. އެއާއެކު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ވަނީ 98 އިން 79 އަށް އަރައިފަ އެވެ.

މި އަހަރު ރާއްޖެއިން އަނެއްކާ ވެސް އެ އިންޑެކްސްގައި ކުރިއެރުން ހޯދި އިރު، މިހާރު ރާއްޖެ އޮތީ 72 ވަނައިގަ އެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، އިންޑިއާ މިއަހަރު އޮތީ އިންޑެކްސްގެ 142 ވަނައިގަ އެވެ. އަދި ސްރީލަންކާ އޮތީ 127 ވަނައިގަ އެވެ.

އިންޑެކްސްގެ އެންމެ ކުރީގައި އުޅެނީ ނޯވޭ، ފިންލޭންޑް އަދި ސްވިޑަން އެވެ. އެންމެ ފުލުގައި ޗައިނާ އަދި ނޯތު ކޮރެއާ ހިމެނެ އެވެ.

comment ކޮމެންޓް