ފައިސާ ޗާޕުކުރުމުގެ މައްސަލަ ނުވަ މެމްބަރުންގެ ކޮމިޓީއަކުން ބަލަނީ

މަޖިލިސް: --- ފައިލް ފޮޓޯ/ މަޖިލިސް

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާތީ، ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން މައްސަލަ ބަލަން ނިންމައިފި އެވެ.

އިއްޔެ އެ މައްސަލާގައި ގޮތެއް ނުނިމު ކަމަށް ރިޔާސަތުން ވިދާޅުވެ، މައްސަލަ ވަނީ ނިންމައިލައިފަ އެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުމާ ކަންބޮޑުވުން އުފެދުނެވެ.

މައްސަލާގައި ގޮތެއް ނުނިމުނު ކަމަށް ރިޔާސަތުން ވިދާޅުވީ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ބަހުސްގެ ތެރެއިން، އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުން ފާސްނުވުމުންނެވެ. އެ ހުށަހެޅުމަށް މަޖިލީހުގައި އިއްޔެ އެހި ވޯޓުގައި 48 މެމްބަރުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެ ހުށަހެޅުމަށް އާއެކޭ ބުނީ 12 މެމްބަރުންނެވެ.

އެ ހުށަހެޅުން ފާސްނުވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމުނު ކަމަށެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ ވޯޓަށް އެހީ މައްސަލާގައި ހުށަހެޅި ތާއީދު ލިބުނު ގޮތަށް ކަމަށެވެ.

"އެގޮތުން ވަޒީރު އެދިވަޑައިގެންފައިވާ އެދިވަޑައިގަތުމާ ގުޅޭ ފަރުވާއެއް ލިބިފައި ނުވާތީވެ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ދެނެގަތުމަށް ޓަކައި، ނިންމުމަށް ޓަކައި އަޅުގަނޑު މިއަދު މި މަސައްކަތް މަޖިލީހުގައި އެޖެންޑާ ކުރީ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހުށަހަޅާއި، އެ ހުށަހަޅުމަށް ތާއީދު ދިނުމަށް މެމްބަރުންނަށް ފުރުސަތު އަރުވައިފަ އެވެ.

އެ މައްސަލާގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ ހުރިހާ ޕާޓީތަކާއި އަމިއްލަ މެމްބަރަކު ހިމެނޭ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން މައްސަލަ ބެލުމަށެވެ.

އެ ހުށަހެޅުން މިއަދު ތަޅުމުން ވަނީ ފާސްކޮށްފަ އެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ކޮމިޓީއަށް އަލިފުށީ ދާއިރާގެ މެމްބަރުން ވަނީ ނުވަ މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި ހުށަހަޅުއްވައިފަ އެވެ. އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ނުވަ މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައްވައި ހުށަހަޅުއްވައިފަ އެވެ.

އަލިފުށީ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ލިސްޓުގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހިމެނިވަޑައިގެންނެވި އެވެ. ނަމަވެސް އާޒިމް ހުށަހެޅުއްވީ ނާޝިޒްގެ ބަދަލުގައި އަލިފުށި ދާއިރާގެ މެމްބަރު ރަޝީދުގެ ނަމެވެ.

ނަމަވެސް ފަހުން ލިސްޓު އެއްގޮތް ކުރުމަށް ރިޔާސަތުން ދެއްވި ފުރުސަތުގައި، އަލިފުށި ދާއިރާގެ މެމްބަރު ވަނީ އޭނާގެ ލިސްޓު އަނބުރާ ގެންދަވައިފަ އެވެ. އެހެންކަމުން ތަޅުމުން ފާސްކުރީ އަލީ އާޒިމް ހުށަހެޅުއްވި ނުވަ މެމްބަރުންގެ ކޮމިޓީ އެވެ.

ކޮމިޓީގައި ތިއްބަވާ މެމްބަރުން:

1. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

2. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

3، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

4. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

5. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް

6. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު

7. މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

8. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

9. އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

އެ ނުވަ މެމްބަރުންގެ ކޮމިޓީ ފާސްކުރީ 48 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީ ފާސްވުމާ އެކު، ވަގުތުން ބައްދަލުވެ މިއަދާއި މިރޭ މަސައްކަތް ކުރައްވައި، މާދަމާއަށް ކޮމިޓީގެ ރިޕޯޓު ނިންމުމަށް ރިޔާސަތުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެ ނަމަ މާދަމާ ޖަލްސާއެއް ބާއްވައި، މައްސަލަ ނިންމަވާ ދެއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން 32 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ޖެނުއަރީ1، 2016 އިން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ.

މިިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައި ވަނީ އިގްތިސާދީ ގޮތުން ރާއްޖެ ފުން ވަޅުގަނޑަކަށް ވެއްޓުނު އިރު، ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި ކޮވިޑާ ގުޅިގެން ކުރަންޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަންޖެހުނު ހަރަދުތައް ހަމަޖައްސަން ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

އެ އިސްތިސްނާތަކަށް އަހަރެއްވާން ކައިރިވެފައިވާއިރު، އަދި އިގްތިސޯދީ އެ ފުން ވަޅުގަނޑުން އަރައިގަނެވިފައި ނުވާ ކަމަށާއި ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި ހުސްވި 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަނީ ދަށްވެފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އިގުތިސޯދީ ކުރިއެރުން ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެެ އިތުރުން މިނިސްޓަރު ފާހަގަކުރައްވާފައިވާ ގޮތުން، ކޮވިޑުގެ ކުރިއާ އަޅާބަލާއިރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ނުވަތަ އަން އެމްޕްލޯއިމެންޓް ރޭޓުވެސް ވަނީ އިތުރުވެފަ އެވެ. އަދި ވިޔަފާރިތަކުގެ ސޭލްސް ނުވަތަ ވިކުރާ އަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް