ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވެންސަށް އެދުމަށް ހުލުވާލި މުއްދަތުގައި އެލަވެންސް ހޯދުމަށް އެދި ހުށަހެޅި މީހުންނަށް އެލަވެންސް ދިނުމަށް 394.4 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާ އިރު މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 21,761 މީހަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފައިވެ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އަށް މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.
އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މިދިޔަ އަހަރުގެ މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ދެ ވަނަ ބުރު ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.
މި އެލަވެންސްގެ ތިންވަނަ ބުރެއް ތައާރަފު ކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރާއި ހަމައަށް އެލަވެންސަށް އެދުމަށް ހުޅުވާލި އެވެ.
މި އެލަވެންސް ދެނީ އެންސްޕާ މެދުވެރިކޮށެވެ.
ޖޮބް ސެންޓަރުން މިއަދު ބުނީ އިންކަމް ސަޕޯޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންގެ 99.9 ޕަސެންޓަށް އެލަވެންސް ދީ ނިންމާލެވިފައިވާ ކަމަށެވެ.
އަދި އެލަވެންސް އަށް އެދުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަނޭޅި ހުރި ބައެއް މީހުންނަށާއި ޑިސްޕިއުޓަށް ފަހު އަލުން ފުރުސަތު ދޭން ނިންމި ފަރާތްތަކުގެ ޕޭމެންޓު ޕްރޮސެސް ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުގެ ވެބްސައިޓުން ފެންނާނެ އެވެ.