އިނގިރޭސި ހުރިހާ ކުލަބަކުން ވެސް ސުޕަ ލީގަށް "ހޯހޯ" ކިޔައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ//ގެޓީ އިމޭޖެސް

ޔޫރޮޕުގެ ގަދަބާރުތަކުން އެކުވެގެން ފަށަން އުޅުނު ޔޫރޮޕިއަން ސުޕަ ލީގުގައި ވާދަކުރަން ނިންމާފައި އޮތް އިނގިރޭސި ހަ ކުލަބަކުން އެ މުބާރާތުގައި ވާދަނުކުރަން ނިންމައިފި އެވެ.

ފުޓުބޯޅައިގެ މައި އިދާރާތަކުގެ އިންޒާރުތަކަށް ބެލުމެއް ނެތި ޔޫރޮޕުގެ 12 ކުލަބަކުން ސުޕަ ލީގުގެ މަޝްރޫއު އިއުލާން ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ 12 ޓީމުގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ހަ ކުލަބު ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ހިމެނުނެވެ. ދެން އިތުރަށް އޮތީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް، އޭސީ މިލާންގެ އިތުރުން އިންޓަ މިލާނެވެ.

ސުޕަ ލީގު ދޫކޮށްލިކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި ކްލަބަކީ ސިޓީ އެވެ. އޭގެ ފަހުން ދެން އޮތް ފަސް ކްލަބުން ވެސް ކުރީ އެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ސްޓޭން ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

ނަމަވެސް އިނގިރޭސި ހަ ކުލަބުން މުބާރާތުގައި ވާދަނުކުރަން ނިންމުމާ ގުޅިގެން މި ބޯޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އަދި މުބާރާތުގައި ވާދަކުރަން ތިބި ކުލަބުތަކުގެ ތެރެއިން މެޖޯރިޓީ ވަކިވެފައިވާ އިރު، ދީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފައުންޑަރު މެމްބަރުންގެ ގޮތުގައި ތިބި ކްލަބްތަކުގެ މެޖޯރިޓީ އޭގެއިން ވަކިވެއްޖެ ނަމަ މުބާރާތް ޖެހޭނީ ހުއްޓާލާށެވެ. އެ ހިސާބުން އެ ޕްރޮޖެކްޓަށް ނިމުން އައީ އެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުން ރަސްމީކޮށް ސުޕަ ލީގުން ވަކިވިއިރު، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވެސް ވަރަށް އަވަހަށް ސުޕަ ލީގުން ވަކިވާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގު ފަށަން ފުރަތަމަ ޚަރަދުކުރަން ނިންމީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންއިންނެވެ. އެގޮތުން ލީގު ފެށުމަށް ކޮންމެ ކުލަބަކަށް 3.5 ބިލިޔަން ޔޫރޯ ލިބިގެންދާނެ އެވެ. އަދި ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިޔަން ޔޫރޯ ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށްވެސް ލިބޭ ފައިސާގެ އިނާމަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

comment ކޮމެންޓް