އިންޑިއާ އެޖެންސީއެއް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތައް ފުނޑާލުމުގެ ތުހުމަތު!

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

ހެލްތު މިނިސްޓްރީން، އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑާލަމުން އަންނަ ކަމުގެ ތުހުމަތު، ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އެޖެންސީ އޮފް ދަ މޯލްޑިވްސްއިން ކޮށްފި އެވެ.

އެ ޔޫނިއަން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ، އެމްޕްލޯއިމަންޓް އެޖެންސީތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން، އެކަމަށްޓަކައި ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ވިޔަފާރީގެ އުސޫލުން ހިންގަމުން އަންނަ އެޖެންސީތަކެއް ކަމަށެވެ.

އަދި 2015 ވަނަ އަހަރު ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނާ އެއްގޮތަށް، އެ މިނިސްޓްރީގައި ރަޖިސްޓްރީވެވިގެން، އެމިނިސްޓްރީއަށް ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ހެލްތް ޕްރޮފެޝަނަލުން ގެންނަމުން ދިޔައީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އެޖެންސީތަކުން ކަމަށެވެ.

އެ ޔޫނިއަން އިން ބުނީ، މިދިޔަ މާޗު މަހުގެ ތިން ވަނަ ދުވަހު ހެލްތު މިނިސްޓްރީން ކުރި އިއުލާނަކުން، މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަގާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަގާމުތަކަށް ބިދޭސީން ރެކްރޫޓްކުރަމުން ގެންދިޔަ ގޮތަށް ބަދަލުގެނެވި، ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނުން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާ ކަމަށެވެ.

"އެދުވަހުން ފެށިގެން އެޕްލިކޭޝަންތައް ބަލައިގަންނަމުންދާނީ، އެކެނޑިޑޭޓެއްގެ ޕާސަނަލް އީމެއިލުން ކަމަށާއި އެނޫން ގޮތަކަށް ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ވަނީ އާންމުކޮން އަންގާ އިއުލާންކޮށްފައި،" އެ ޔޫނިއަން އިން ބުންޏެވެ.

ނަމަވެސް، މިމަހުގެ 17 ވަނަ ދުވަހު، އިންޑިއާގެ ނޫސްތަކުގައި އިންޑިއާގެ އެމްޕްލޯއިމަންޓް އެޖެންސީއެއް ކަމުގައިވާ ނޯރަކާ ރޫޓްސް ކިޔާ ބަޔަކު މެދުވެރިކޮށް ހެލްތު މިނިސްޓްރީން 520 މަގާމަށް މީހުން ހޯދަން އިއުލާނުކޮށްފައިވާކަން އެ ޔޫނިއަން އިން ފާހަގަކުރި އެވެ.

އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް އެއްފަރާތްކުރުން ކަމަށާއި ހެލްތު މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތަކީ، ގާނޫނާ ހިލާފަށް، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވިޔަފާރިތައް ސީދާ ފުނޑުފުނޑު ކޮށްލުން ކަމަށް އެ ޔޫނިއަން އިން ތުހުމަތު ކުރެ އެވެ.

"ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެޖެންސީތައް ބާކީ ކޮށް، ސީދާ އިންޑިއާގެ އެޖެންސީތައް މެދުވެރިކޮށް، މިނިސްޓްރީ އޮފް ހެލްތުން ބޭނުންވާ ފަންނީ މުވައްޒިފުން ހޯދަން ކުރާ މަސައްކަތް، މި އެސޯސިއޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިކަން ހުއްޓުވައިދެއްވުމަށް، ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

comment ކޮމެންޓް