މަޖިލިސް ރައީސް ވަކިކުރަން އެމްޑީޕީ އެއްވެސް މެމްބަރަކު ނޫޅޭނެ: ޕީޖީ ލީޑަރު

އާޒިމް: --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެމްޑީޕީގެ އެއްވެސް މެމްބަރެއް ރައްޔިތުންގެ މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަސައްކަތް ނުކުރާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެއްގޮތަށް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ މަޖިލިސް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅޭގޮތުން މިރޭ "ސަން" އިން ސުވާލު ކުރުމުން އާޒިމް ބުނީ، އެމްޑީޕީގެ އެއްވެސް މެމްބަރެއް އެކަން ނުކުރައްވާނެ ކަމަށެވެ.

"ނުކުރާނެ، ނުކުރާނެ. އެންމެ މެމްބަރެއްވެސް އެކަމެއް ނުކުރާނެ. ނުކުރާނެ. އެއްވެސް މެމްބަރެއް ނުކުރާނެ،" އެމްޑީޕީ މެމްބަރުން ރައީސް ނަޝިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް މަސައްކަތް ކުރޭތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވި އެވެ.

ތަކުރާރުކޮށް އެ ސުވާލު ކުރުމުންވެސް ވަރަށް ޔަގީން ކަމާއެކު އާޒިމް އަނެއްކާވެސް ވިދާޅުވީ، "ނުކުރާނެ" ކަމަށެވެ.

އެއީ ދޮގު ވާހަކައެއްތޯ އަނެއްކާވެސް ސުވާލު ކުރުމުން އާޒިމް ވިދާޅުވީ، އެއީ ދޮގުކަމެއް ތެދު ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެހެންނަމަވެސް އެއީ އެމްޑީޕީ އެއްވެސް މެމްބަރަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އައި ޑޯންޓް ނޯ ދޮގުތޯ، ތެދުތޯ. އެކަމަކު އެއްވެސް މެމްބަރަކު އެކަން ނުކުރާނެ،" އެމްޑީޕީ ތެރެއިން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ދެކެވޭ ވަހަކަތަކަކީ ދޮގެއްތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީޕއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީ މަޖިލިސް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

"ނަގޫ ގޮއް މިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ،" ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެބޭފުޅުން އެކުގައި ތިއްބެވި ފޮޓޯއަކާއެކު ޓޮމް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދަން އުޅޭ ކަމަށް ވާހަކަ ދެެކެވެން މި ފެށުނީ، މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ސަރުކާރުން އެދުނު ގޮތަށް ގޮތެއް ނުނިމި ޖަލްސާ ނިންމާލާފައި ވަނިކޮށެވެ.

މެމްބަރު ހަސަން އަފީފު ހުށަހެޅުއްވީ އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށެވެ. އެ ހުށަހެޅުމަށް މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެ ހުށަހެޅުމަށް އާއެކޭ ބުނީ 12 މެމްބަރުންނެވެ.

އެ ހުށަހެޅުން ފާސްނުވުމުން ރައީސް ނަޝީދު ވިދާޅުވީ އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމުނު ކަމަށެވެ.

"މި ހުށަހެޅުން ފާސްނުވުމުން، މިއަދުގެ މުޅި މައްސަލަ އާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ފާހެއް ނުވި. އެހެންވީމާ، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެން އެދިވަޑައިގަތުމާ ގުޅޭގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެފައި ވަނީ ރައީސް ނަޝިދު އެކަން ކުރެއްވީ މަޖިލިސް ގަވައިދާއި އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލާ ހިލާފަށް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝިދުގެ ގާތް މެމްބަރުން ވަނީ އެމަނިކުފާނުގެ އަމަލު ކުރެއްވި ގޮތް ދިފާއު ކުރައްވާފައެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ހުށަހެޅި ގޮތާމެދު ގޮތެއް ނުނިމުނީ ބައެއް ވަޒީރުން، އެމްޑީޕީ ލީޑާޝިޕާ މަޝްވަރާނުކޮށް، ބައެއް މަޖިލިސް މެމްބަރުން މެދުވެރިކޮށްް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވުމުންނެވެ.

އެމްޑީޕީ މެމްބަރުންގެ ތެރޭގައި ނުތަވަސްކަމެއް އުފެދިފައި މިވަނީ، ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަން ބޭނުންވެވަޑައިގަންނަވާކަން ރައީސް ނަޝީދު، ރައީސް ސޯލިހަށް ދަންނަވާފައިވަނިކޮށެވެ. އެކަމާ ގުޅިގެން ފަހުން ދެ ރައީސުންވެސް ވިދާޅުވެފައި ވަނީ އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

https://sun.mv/151343

comment ކޮމެންޓް