ފައިސާ ޗާޕު ކުރަން ހުއްދަ ނުލިބުނީ ބައެއް ވަޒީރުން ނުފޫޒު ފޯރުވާތީ: އާޒިމް

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް އިއްޔެ މަޖިލީހުން ހުއްދަ ނުދިނީ ބައެއް ވަޒީރުން މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ބަހުސްގެ ތެރެއިން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވީ އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށެވެ. އެ ހުށަހެޅުމަށް މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެ ހުށަހެޅުމަށް އާއެކޭ ބުނީ 12 މެމްބަރުންނެވެ.

އެ ހުށަހެޅުން ފާސްނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމުނު ކަމަށެވެ.

މަޖިލީހުގެ ރައީސް އެހެން ނިންމެވި ނަމަވެސް އާންމު އުސޫލެއްގެ ދަށުން މަޖިލީހުން މައްސަލައެއް ބޭރުކޮށްލާ ނަމަ ބޭރުކޮށްލަން ވަކިން ވޯޓަކަށް އަހަން ޖެހޭނެ އެވެ. އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސް ނުވާ ނަމަ ދެން އެމައްސަލަ ފޮނުވަން ޖެހޭނީ މާލިއްޔަތު ކޮމިޓީ އަށެވެ.

ނަމަވެސް އިއްޔެ އެ މައްސަލައާ މެދު މަޖިލީހުގެ ރައީސް ތަފާތު ގޮތަކަށް އަމަލުކުރެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

އިއްޔެ ކަން ހިނގައި ދިޔަ ގޮތް އޮޅުންފިލުވައިދެއްވައި ކުރެއްވި ޓުވީޓެއްގައި އާޒިމް ވިދާޅުވީ އިއްޔެ މަޖިލީހުގައި ފެނިގެން ދިޔައީ، މެމްބަރުންނަށް ބައެއް ވަޒީރުން ނުފޫޒު ފޯރުވަން އުޅުމުގެ ނަތީޖާ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމްޑީޕީގެ ލީޑަޝިޕްއާ މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން،" އާޒިމް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް މެމްބަރު ވިދާޅެއް ނުވެ އެވެ. އެކަމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން ވެސް ވިދާޅުވީ، އިތުރަށް ދަންނަވާނެ އެއްޗެއް ނެތް ކަމަށެވެ.

"މިގޮތަށް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން." އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް