ފައިސާ ޗާޕުކުރުމުގެ މައްސަލާގައި ރިޔާސަތުން މި ހެއްދެވީ ކިހިނެތް؟

މަޖިލިސް ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަނީ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ މަޖިލީހުގެ ގަވާއިދާ ހިލާފުވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު ބައެއް މެމްބަރުން ވިދާޅުވަނީ އެމަނިކުފާނު ކަން ކުރެއްވީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ސާފުވަނީ އިއްޔެ މަޖިލީހުގެ ތަޅުމުގައި ފެނިގެން ދިޔައީ އާންމު އުސޫލާ ހިލާފު މަންޒަރެއް ކަމެވެ.

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދުނީ އިއްޔެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މިނިސްޓަރުގެ ސިޓީގައި ވިދާޅުވީ ޕެންޑެމިކް ހާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގެ (ހ)ގައި ބަޔާންކުރާ ގުދުރަތީ ކާރިސާއެއް އޮތްކަމަށާއި މިދިޔަ ހަތަރު ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި، އަންއެމްޕްލޮއިމެންޓު ރޭޓު މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާ އެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓަށް ލޮޅުން އައިސްފައި ވުމާ އެކު އެ މާއްދާގެ (ށ)ގައި ބަޔާންކުރާ އިގުތިސޯދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ މާލީ ހަލަތު ތަންދޭ ކަމެއް ނޫން ކަމަށާއި މިވަގުތު އާންމު ހާލަތަށް ރުޖޫއަވާން މަސައްކަތް ކޮށްފި ނަމަ، ރާއްޖޭގެ އިގްތިސޯދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓައި ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށާއި ދައުލަތް ހިންގުމަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް އެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އޮގަސްޓް 27، 2020: މާލިއްޔަތު ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީރުގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލުކުރުން ސަސްޕެންޑުކުރުމަށް ދީފައިވާ ހުއްދަ 2021 އޭޕްރީލް 26 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދިނުމަށެވެ.

އެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔަ އިރު، ޖުމްލަ ދެ ހުށަހެޅުމެއް ލިބިފައިވެ އެވެ. އެއީ ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް އެ ހުއްދަ ދިނުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ހުށަހެޅުއްވުމާއި، އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.

ޝަރީފްގެ ހުށަހެޅުއްވުމަށް އެއްވެސް މެމްބަރަކު ތާއީދު ނުކުރައްވާތީ، އެ ހުށަހަޅުމަށް ވޯޓަކަށް ނާހަ އެވެ. ނަމަވެސް އަފީފުގެ ހުށަހެޅުއްވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ތާއީދުކުރެއްވުުން އެ ހުށަހެޅުމަށް ވޯޓަށް އެހި އެވެ. ވޯޓުގައި 48 މެމްބަރުން ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. އެ ހުށަހެޅުމަށް އާއެކޭ ބުނީ 12 މެމްބަރުންނެވެ.

"މި ހުށަހެޅުން ފާސްނުވުމުން، މިއަދުގެ މުޅި މައްސަލަ އާ ގުޅޭ ގޮތުން އެއްވެސް ގޮތަކަށް ފާހެއް ނުވި. އެހެންވީމާ، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެން އެދިވަޑައިގަތުމާ ގުޅޭ ގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ،" ރިޔާސަތުން އެންގެވި އެވެ.

ނަމަވެސް މިއީ އާންމު އުސޫލުން މަޖިލީހުގައި ކަން ހިނގާ ގޮތެއް ނޫނެވެ. އާންމު އުސޫލެއްގެ ދަށުން މަޖިލީހުން މައްސަލައެއް ބޭރުކޮށްލާނަމަ ބޭރުކޮށްލަން ވަކިން ވޯޓަކަށް އަހަން ޖެހޭނެ އެވެ. އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސް ނުވާނަމަ ދެން އެމައްސަލަ ފޮނުވަން ޖެހޭނީ މާލިއްޔަތު ކޮމިޓީ އަށެވެ.

ނަމަވެސް ދާއިމީ ކޮމިޓީއަށް ފޮނުއްވުމުގެ ބަދަލުގައި، ރިޔާސަތުން ވަނީ މައްސަލަ ނިމުނީ ކަމަށް ނިންމަވައިފަ އެވެ. މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ނިޒާމު ހުރިހާ މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ކަންކަމުގައި އަމަލުކުރައްވާ އިރުގައި އެކަމަކުން ދެން ވެގެންދާނެ ގޮތް މެމްބަރުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

ނަމަވެސް މައްސަލަ ނިމުނު ގޮތާ އިއްޔެ ދެވުނު ވޯޓާއެކު ދެން ވެގެން ދިޔަ ގޮތް ހުދު މެމްބަރުންނަށް ވެސް ސާފެއް ނޫނެވެ. މައްސަލަ ނިމުނީ ކަމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ހިޔާލު ދެކަފި ވެފަ އެވެ. މައްސަލަ ބޭރު ކޮށްލި ކަމެއް ނޫން ކަމެއް ވެސް ނޭނގެ އެވެ.

"މައްސަލައާ މެދު މަޖިލިސް މެމްބަރުން އަދި ގޮތެއް ނުނިންމާ"

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް މަސައްކަތް ކޮށްފައި ހުރި އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، ވަގުތީ ކޮމިޓީއަކުން މައްސަލަ ކުރިއަށް ގެންދަން ފާސް ނުވާ ހިސާބުން ދެން މައްސަލަ ފޮނުވަން ޖެހޭނީ އެ މައްސަލައަކާ ގުޅޭ ދާއިމީ ކޮމިޓީއަށެވެ. އިއްޔެ މައްސަލާގައި ނަމަ މާލިއްޔަތު ކޮމިޓީ އަށެވެ. ނޫން ނަމަ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިގެން، މަޖިލިސް މެމްބަރުން މައްސަލާގައި ގޮތެއް ނިންމުން ކަމަށެވެ.

"އަދި އަޅުގަނޑަށް ފެންނަ ހިސާބުގައި މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ގޮތެއް ނިންމަވާފައެއް ނުވޭ،" ނާޝިޒް ވިދާޅުވި އެވެ.

މި މަހުގެ 26ގެ ކުރިން މި މައްސަލާގައި ގޮތެއް ނިންމަން ޖެހޭނެ އެވެ. އެ ހިސާބަށް ގޮތެއް ނުނިމިއްޖެ ނަމަ، އޯވަޑްރޯ ކުރުމުގެ ހުއްދައެއް މަޖިލީހުން ނުދެވޭނެ އެވެ. ނާޝިޒް ވިދާޅުވީ އެގޮތަށް ދިމާވެއްޖެ ނަމަ، ސަރުކާރު "ޝަޓް ޑައުން" އަކާ ދިމާލަށް ދިއުން އެކަށީގެންވާ ކަމަށެވެ.

"އިއްޔެގެ މަރުހަލާ ނިމިގެން ދިޔަ އިރު، ދެން ކުރިއަށް ދަންވީ ކޮން މަގަކުން ކަމެއް ވެސް ސާފެއް ނުވެ،" މެމްބަރު ވިދާޅުވި އެވެ.

"މިއީ މަޖިލީހުގެ ތާރީހުގައި ކަޅު ދުވަހެއް"

މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް، ފައިސާ ޗާޕުކުރަން ހުއްދަ ދޭން ހުށަހެޅުއްވި މެމްބަރު ޝަރީފް ވިދާޅުވީ އެންމެ ކުޑަމިނުން މާލިއްޔަތު ކޮމިޓީއަށް މައްސަލަ ގެންގޮސް ނުވަތަ މަޖިލިސް ތަޅުމުގައި ވޯޓަށް އަހައިގެން ނަމަވެސް މައްސަލައިގައި ގޮތެއް ނިންމަން ވާނެ ކަމަށެވެ.

ޝަރީފް ސިފަކުރެއްވީ މިއީ ސަރުކާރު "ލޮކްޑައުން" އަކަށް ފޮނުވާލުން ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި، ހުށަހެޅުނު މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއަދަކީ މަޖިލިސްގެ ތާރީހުގައި ކަޅު ދުވަހެއް،" ޝަރީފް ވިދާޅުވި އެވެ.

"މިހެންވީ ބައެއް ވަޒީރުން ނުފޫޒު ފޯރުވަން އުޅުމުން"

އިއްޔެ ކަން ހިނގައި ދިޔަ ގޮތް އޮޅުންފިލުވައިދެއްވުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އިއްޔެ މަޖިލީހުގައި ފެނިގެން ދިޔައީ، މެމްބަރުންނަށް ބައެއް ވަޒީރުން ނުފޫޒު ފޯރުވަން އުޅުމުގެ ނަތީޖާ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމްޑީޕީގެ ލީޑަޝިޕްއާ މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން،" އާޒިމް ވިދާޅުވި އެވެ.

ނަމަވެސް އިތުރަށް އެކަމާ ގުޅިގެން އާޒިމް އެއްޗެއް ވިދާޅެއް ނުވި އެވެ.

"މީ ވިސްނާ ނުލާ ކަން ކުރީމަ ވާ ގޮތް، ރިޔާސަތުގެ އިހުމާލެއް ނެތް"

އަފީފުގެ ހުށަހެޅުމަށް ތާއީދުކުރެއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ރިޔާސަތުން މައްސަލާގައި ނިންމެވީ ރަނގަޅަށް ކަމަށެވެ. އަދި ވަގުތީ ކޮމިޓީއަކަށް ފޮނުވަން ތާއީދު ނުލިބުމަކީ އެ މައްސަލަ ކޮމިޓީއަކަށް ބަލައިގަންނަން ފާސްނުވުން ކަމަށާއި މައްސަލާގައި ގޮތެއް ނުނިމުން ކަމަށެވެ.

"މެޖޯރިޓީ މި ބުނަނީ ކޮމިޓީއަކަށް ފޮނުވާނެ ކަމެއް ނެތޭ. ވަކި ކޮމިޓީއަކަށް ނުފޮނުވާ، ވަކި ކޮމިޓީއަކަށް ފޮނުވަން. އެހެން ކަމަށް ވަންޏާ ވެސް ހުށަހެޅުމެއް އޮންނަން ޖެހޭނެ. އެއްވެސް ފަހަރަކު ފެނުނު ކޮމިޓީއެއް ނަގާ ނިންމާފައި އޮއްވާ، އެ ކޮމިޓީއަކަށް ނުފޮނުވީމާ ދެން އެހެން ކޮމިޓީއަކަށް ރިޔާސަތުން [މައްސަލައެއް] ފޮނުވިތަން؟ އެ އިޖުރާއަތު؟ އެބަ އޮތްތަ އެހެން ކަންތައް ކޮށްފަ؟" ބޮންޑޭ ސުވާލު އުފެއްދެވި އެވެ.

ބޮންޑޭ ވިދާޅުވީ އިއްޔެ އެގޮތަށް ދިމާވީ މެމްބަރުން ވިސްނާ ނުލާ ވޯޓު ދިނުމުން ކަމަށެވެ. ބޮންޑޭ ތުހުމަތު ކުރެއްވި ގޮތުގައި ކޮމިޓީއަކަށް މައްސަލަ ފޮނުވަން މެމްބަރުން ނޫނެކޭ ވިދާޅުވީ ވަޒީރުންނާ ގުޅިގެން ކަމެއް ފޮރުވަން މަސައްކަތް ކުރާތީ އެވެ.

"ކޮމިޓީއަކަށް ގެންގޮސް އޭގައި ބެލުންތަކެއް ބަލަން އެމީހުން [މެމްބަރުން] ބޭނުން ނުވީ. އެހެންވީމާ ކަމެއް ސިއްރު ކުރާކަން އެބަ އެނގޭތާ ވަޒީރުންތަަކަކާ ގުޅިގެން. ކޮމިޓީއަކަށް ގެންގޮސްގެން ހަތަރު ބިލިއަން ހޭދަކޮށްފައި އޮތް ގޮތް ބަލަން އުޅުނީމާ، އުހުން ބަލާނެ ކަމެއް ނެތޭ ވަގުތުން ހުއްދަ ދޭށޭ. ދެން މަވޯޓާ ޝަރީފް [އިބްރާހީމް ޝަރީފް] އަރާފައި މި ބުނަނީ، އަވަހަށް ފާސްކޮށްދޭށޭ ނޫނީ ކޮވިޑް19 އާ ގުޅިގެން ދަތިވެފައި ތިބި މީހުންނަށް ލާރި ނުދެވޭނޭ. ވަރަށް ދަތި ވާނޭ. އަބަދުވެސް ޖައްސާ މަޅިއެއްތާ އެއީ،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ދެން އެ މައްސަލާގައި ހެދޭނެ ގޮތެއް އަދި މުޅިން ސާފު ނުވާ ކަމަށެވެ. ނަމަވެސް ވިސްނާ ނުލައި އިއްޔެ މެމްބަރުން ވޯޓު ނުދިނުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އޭގައި ރިޔާސަތުން ކުރައްވާނެ ކަމެއް ނެތް. އޭގައި ދެން ވޯޓް ދެއްވި ފަރާތުން ވިސްނަން ޖެހޭނީ އެފަދަ ކަމެއް ތަކުރާރު ނުކުރަން،" މެމްބަރު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުމާއި ވަޒީރުންގެ ނުފޫޒު އޮތް ނަމަވެސް، މަޖިލީހަށް ހުށަހެޅޭ މައްސަލައެއް ނިންމަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިންނެވެ. އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ އިއްޔެ ރިޔާސަތުން އެގޮތަށް އެންގެވި ނަމަވެސް، މަޖިލީހަށް ހުށަހެޅިފައި އޮތީ ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވި މުއްދަތު އިތުރުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެވެ. ވޯޓަށް އެހީ އެކަމަކަށް ނޫނެވެ. ވޯޓަށް އެހީ އެ މައްސަލަ ވަގުތީ ކޮމިޓީއަކުން ދިރާސާ ކުރުމާ ގުޅޭ ގޮތުންނެވެ. އެހެންކަމުން މަޖިލީހަށް ހުށަހެޅިފައި އޮތް ކަމަކަށް މެމްބަރުން ވޯޓެއް ނުދެ އެވެ. އެހެންކަމުން މައްސަލާގައި ގޮތެއް ނުނިމުނު ކަމަށް ރިޔާސަތަށް ކަނޑައެއް ނޭޅޭނެ އެވެ.

ރިޔާސަތުން، މަޖިލީހުގެ އާންމު އުސޫލާ ބީރައްޓެހި ގޮތަކަށް އިއްޔެ އަމަލުކުރެއްވި އިރު، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ މަޝްވަރާއަކަށް މަޖިލިސް ރައީސް ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ރައީސް ވަނީ މަޖިލިސް ރައީސްގެ އެދުމާ ދެކޮޅުހައްދަވައިފަ އެވެ.

ބައެއް ބޭފުޅުން ސިފަކުރައްވާ ގޮތުގައި، އިއްޔެ މަޖިލީހުން ފެނިގެން ދިޔައީ ދެ ރައީސުންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރެވެ. މިއީ ސަރުކާރު "ޝަޓް ޑައުން" ކޮށްލައި ސީދާ ސަރުކާރަށް ޖެއްސުން ކުރުމަށް މަޖިލިސް ތެރެއިން ކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް