އޭއޭއޭ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭއޭއޭގެ ބޯޓުތައް- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ދަރިވަރުންގެ ކޯސް ހުއްޓިފައި އޮތުމާ ގުޅިގެން އަނެއްކާ ވެސް އެތަނުގެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 18 މަހުން ފުރިހަމަކޮށްދިނުމަށް އެއްބަސްވެފައިވާ ކޯސް ނުނިމި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާތާ ހަ މަސް ހޭދަވީއިރުވެސް، އައްޑޫ ޕްލައިން ސްކޫލުގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިއުނދަގޫތަކަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށެވެ.

އަދި މި އޭޕްރީލް އިން ފެށިގެން އެތަނުގައި އުދުހޭނެ އެއްވެސް ބޯޓެއް ނެތްކަމަށް ވަނީ ބުނެފަ އެވެ.

"މި ހާލަތުގައި ވެސް ސްކޫލުގެ ފަރާތުން ރަސްމީކޮށް ދަރިވަރުންނަށް އެއްވެސް ސިފައެއްގައި ހުރިހާ ބޯޓުތައް ގްރައުންޑުވި ކަން އަންގާފައިނުވާއިރު މި މައުލޫމާތަކީ ސިވިލް އޭވިއޭޝަނުގެ އޮފިޝަލަކު ދަރިވަރުންނާ ހިއްސާކުރި މައުލޫމާތެއްކަން ފާހަގަ ކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބޯޓުތައް ގްރައުންޑުވުމަކީ ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް ލިބެމުންދާ ގެއްކުންތަކުގެ ސިލްސިލާ އަށް އިތުރުވި ބޮޅެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ބަޔާނުގައި ބުނީ ފްލައިން ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ވެގެންދާއިރު، އެފަދަ ކަންތައް ތަކުރާރު ވުމުގައި ސްކޫލު ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތާ ހަވާލުވެގެންތިބި ފަރާތްތަކުން، އެ ފަރާތްތަކުގެ ޒިންމާ އެންމެ އެކަށީގެންވާގޮތެއްގަިއ އަދާ ނުކުރާ ކަމަށް ފާހަގަވާ ކަމަށެވެ.

އޭއޭއޭގެ ދަރިވަރުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހިއްސާ ނުކުރާ އިދާރާއެއް މަދުވާނެކަން ފާހަގަކޮށް ބަޔާނުގައި ބުނީ ދަރިވަރުންނަށް ފުރައްސާރަ ކުރާ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށެވެ. އެ މައްސަލަ ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި ދަރިވަރުންގެ ކޯސް ފުރިަހަމަ ކުރުމަށް ރާއްޖެއިން ބޭރށް ފޮނުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ވާހަކަ އަށާއި، ދަރިވަރުންނާމެދު އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވި ވާހަކައާއި ރައްޔިތުންގެ މަޖިލީހުން އެ މައްސަލާގައި ފާސްކޮށްފައިވާ ރިޕޯޓުގައިވާ ކަންތައްތަކާ ގުޅުގެން އަމަލީގޮތުން އެއްވެސް ހައްލެއް ނުލިބި، ދިގުލައިގެން ގޮސްފައިވާކަން ފާހަގަވާ ކަމަށެވެ.

"ދަރިވަރުންގެ ކޯސް ހުއްޓިފައި ވަނީ ޕާފޯމެންސް ދަށްވެގެން ނޫނެވެ. ދަރިވަރުންނަށް ރަނގަޅުގޮތްތަކެއް ހޯދައިދިނުމުގެ އިހުލާސްތެރިކަމެއް ސްކޫލުގައި ނެތީމައެވެ." އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަން އިން ނެރުނު ބަޔާނުގައި ބުންޏެވެ.

https://sun.mv/149366

comment ކޮމެންޓް