ވެކްސިން ފުރިހަމަކޮށް ދެ ހަފްތާވުމުން މިހާރު މާލެއިން ރަށްރަށަށް ދެވޭނެ

ކޮވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތައް، ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު މާލެ އިން ދަތުރު ކުރެވޭ ގޮތަށް ލުއި ދީފި އެވެ. ނެގެޓިވް ނަތީޖާ އެއް އޮތް ނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ.

ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު، ދަތުރު ފަތުރު ކުރުމުގައި ލުއި ދޭނެ ގޮތްތަކާ ގުޅޭގޮތުން އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

އެ މިންވަރަށް ވެކްސިން ދެވިފައިވާ ރަށްތައް އެޗްޕީއޭ އިން އާންމުކުރަން ޖެހޭނެ އެވެ. ނަމަވެސް އެޗްއީއޯސީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އެއްވެސް ރަށެއްގައި އާބާދީގެ 60 ޕަސެންޓަށް ވެކްސިން ފުރިހަމަ ކުރެވިފައި ނުވާ ކަމަށެވެ.

އުސޫލުގައި ބުނެފައި ވަނީ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

ނަމަވެސް ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ.

އެޗްޕީއޭ އިން ރޭ ވަނީ ކޮވިޑު ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެ މަތި ރަށްތައް އާންމުކޮށްފަ އެވެ.

އެޗްޕީއޭ އިން ރޭ އާންމުކޮށްފައިވާ ގޮތުން މާލެ ސަރަހައްދު ހިމެނޭގޮތަށް ކޮވިޑު ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެ އިތުރު ހަތް ރަށެއް އެބައޮތެވެ. ދެން ހިމެނެނީ ޅ. ނައިފަރާއި ބ. މާޅޮސް، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިއްޔެވެ.

އެހެންކަމުން މިއަދުން ފެށިގެން މާލެއިން އެހެން ރަށަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، ވެކްސިން ފުރިހަމަކޮށް، ދެ ހަފްތާ ހަމަވެ، ނެގެޓިވް ޕީސީއާރް އެއް އޮތް ނަމަ، ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އެވެ.

ނަމަވެސް ބައެއް ރަށްރަށަށް އަރައިފޭބުން އަދިވެސް އޮތީ މަނާކޮށްފަ އެވެ. އެ ރަށްތަކަކީ:

  • ކ. ގުޅި
  • ކ. މާފުށި
  • ކ. ހުރާ
  • ކ. ދިއްފުށި
  • ޅ. ނައިފަރި
  • ޅ. ފެލިވަރު
  • ޅ. ހިންނަވަރު
  • އދ. މާމިގިލި
  • ތ. ވިލުފުށި
  • ތ. ވޭމަންޑޫ
  • ތ. ކިނބިދޫ
  • ތ. އޮމަދޫ
  • ތ. ގާދިއްފުށި
  • ތ. މަޑިފުށި
  • ބ. މާޅޮސް
  • ބ. އޭދަފުށި
  • އއ. ބޮޑުފުޅަދޫ

އެޗްޕީއޭގެ އުސޫލު ބުނާގޮތުން ފަތުރުވެރިން ހިމެނޭހެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުމެއް ނުވާނެއެވެ. އަދި އެ ފަރާތްތަކުން ކަރަންޓީނު ފުރިހަމަ ކުރާކަށްވެެސް ނުޖެހޭނެ އެވެ.

comment ކޮމެންޓް