ބީއެމްއެލްއާއި ޕޮމޭލޯ ޕޭ ގުޅިގެން ޓޫރިޒަމް ވިޔަފާރިތަކަށް ޑިޖިޓަލް ޕޭމަންޓްގެ ލުއި ގޮތްތަކެއް

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތްދޭ ބޭރުގެ ކުންފުންޏެއް ކަމަށްވާ ޕޮމޭލޯ ޕޭއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އައު ހިދުމަތްތައް ތައާރަފުކުރުމަށް އެއްބަސްވެއްޖެ އެވެ.

އެ އެއްބަސްވުމާއެކު ބީއެމްއެލް ވިޔަފާރި ކަސްޓަމަރުންނަށް ބައިނަލްއަގްވާމީ މުއާމަލާތްތަކުން ލިބޭ އާމްދަނީ އިތުރުކޮށް، ކުރިއަށްވުރެ ފެންވަރު ރަނގަޅު އެންއެފްސީ ޓެކްނޮލޮޖީ މެދުވެރިކޮށް ސްމާޓްފޯނުން ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭނެ އެވެ.

ޕޮމޭލޯ ޕޭގެ ކޯ ފައުންޑާ އަދި ސީއީއޯ ވިންސެންޓް ޗޮއި ވިދާޅުވީ، އެކުންފުނިން ފަހިކޮށްދޭ އައު ހިދުމަތްތަކާއެކު ޕޭމަންޓް ބަލައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޕޮމޭލޯ ޕޭއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކުން ކުރާ މަސައްކަތްތަކަށް ލުއި ގޮތްތަކެއް ފަހިވެފައިވާ ކަމަށެވެ.

ޕޮމޭލޯ ޕޭއިން އަންނަނީ 2019ގެ އޮކްޓޫބަރު މަހުން ފެށިގެން "ޕޭމަންޓް އޭޒް އަ ސާވިސް (ޕީއެއޭއެސް) ޕްލެޓްފޯމެއް ބީއެމްއެލްއަށް ފޯރުކޮށްދެމުންނެވެ.

އޭގެ ސަބަބުން ބީއެމްއެލް ވިޔަފާރި ކަސްޓަމަރުންނަށް އިންޓަނޭޝަނަލް ސްކީމްތަކާއި ވޮލެޓްތައް ލިބޭނެ ގޮތް ވަނީ ފަހިވެފަ އެވެ.

comment ކޮމެންޓް