މިފަހަރު ބާޒާރުގައި ކަނޑޫދޫ މިރުސް ރަނަށް ނުވި! ކީއްވެ؟

މާރުކޭޓުގައި މީހަކު ކަނޑުދޫ މިރުސް ހޮވަނީ: ޔުގެންޑާ މިރުހާއި އެކު މަދު ގޮޅިއެއްގައި ކަނޑޫދޫ މިރުސް ހުރި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެންމެ ކުޅި މިރުހުގެ ގޮތުގައި މުޅި ރާއްޖެއަށް "ބްރޭންޑް"ވެ ނަން މަޝްހޫރުވެފައިވާ ކަނޑޫދޫ މިރުގެ އަގު ކޮންމެރޯދަ މަހަކާ ދިމާކޮށް ބާޒާރުގައި "ރަނަށް"ވެ އެވެ. އެކަމަކު، މިފަހަރު އެކަންވީ ދިމާ އިދިކޮޅަށެވެ.

ކަނޑޫދޫ މިރުހުގެ އަގު އެންމެ ފުރަތަމަ އިންތިހާއަށް އުފުލުނީ 2019ގެ ރޯދައިގަ އެވެ. އޭގެ އަގު ކިލޯއެއް 1300 ރުފިޔާއާ ހިސާބުގައި އުޅެފައި ފަހުން ދަށަށް ދިޔައީ އެވެ. އަދި 2020ގައި އެއަށް ވުރެވެސް މައްޗަށް ދިޔަ އެވެ. އެއީ ކޮވިޑްއާއި އެހެނިހެން ސަބަބުތައް މަސްހުނިވެގެންނެވެ. އެ އަހަރު ކިލޯއެއް 2300 ރުފިޔާއަށްވުރެ އަގުބޮޑުކޮށްވެސް ވިއްކި އެވެ.

އެކަމަކު، މިފަހަރުގެ ރޯދަމަސް ފެށި އިރުވެސް، ކަނޑޫދޫ މިރުހުގެ އަގު ހުރީ ދަށްކޮށެވެ. ކިލޯއެއް 500 ރުފިޔާއާ ހަމައިގައި ހުރެފައި މިހާރު ކިލޯއެއް 150 ރުފިޔާ އާއި 250 ރުފިޔާގައި ގައިވެސް އެބަ ހުއްޓެވެ.

މިފަހަރު ބާޒާރުގައި މިރުސް ގިނަ

ކަނޑޫދޫގެ ދަނޑުވެރިއެއް ކަމަށްވާ ސޯލިހު ހުސެއިން ކިޔައިދިން ގޮތުގައި މިފަހަރު އެހާ ބޮޑަށް އަގު ވެއްޓިފައި ވަނީ، މިރުސް ގިނައިން ލިބެން ހުރުމުންނެވެ. ކަނޑޫދޫގައިވެސް އަދި އެހެން ރަށްރަށުގައިވެސް މިރުސް ހައްދައިގެން ރޯދަމަހާ ދިމާކޮށް، ބާޒާރަށް އަޅާލީ ފޮށިފޮށީގަ އެވެ.

"އަގު ދަށަށް ދަނީ ހަމަ މިފަހަރު [ކަނޑޫދޫ] މިރުސް ގިނަވީމަ. މިދިޔަ އަހަރާ އަޅާބަލާއިރު ގިނަވީމަ،"

މިފަހަރު މިރުސް އެހާ ގިނައީ، ކަނޑޫދޫގެ އިތުރުން ލ. ގަމުގައިވެސް ފުޅާކޮށް ކަނޑޫދޫ މިރުސް ހައްދާތީ ކަމަށް ސޯލިހު ބުންޏެވެ.

ކަނޑޫދޫ ބައެއް ދަނޑުވެރިން މިހާރު އެ މީހުންގެ މިރުހާއެކު ބިން ބޮޑު ގަމަށް ހިޖުރަވެސް ކޮށްފި އެވެ. އެ މީހުން އެތަނުގައި ކަނޑޫދޫ މިރުސް ގަދައަށް ހައްދަ އެވެ.

ކަނޑޫދޫ މިރުސް: މިރުސް ކިލޯއެއް ހުރީ 950 އާއި 1000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ކަނޑޫދޫގެ އެހެން ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު ހަސަންވެސް ބުނީ، މިފަހަރު އެ މިރުސް ބާޒާރުގައި މާ ގިނައީ ކަމަށެވެ. އެއީ ގަމުގައިވެސް މިރުސް ހައްދާތީ ކަމަށް އޭނާ ބުންޏެވެ. ކޮވިޑް ރޯގާއާ ހެދި އޭގެ ޑިމާންޑުވެސް ދަށަށް ގޮސްފައިވާތީ ކަމަށްވެސް އޭނާ ލަފާ ކުރި އެވެ.

"ކަނޑޫދޫ މިރުސް ކުޑަތަންކޮޅެއް ގިނަވުމާއެއްކޮށް، މާރުކޭޓަށް ރާއްޖޭގެ ރައްޔިތުންނަށް އަރައި ފޭބުމަށް މި އުޅޭ ރޯގާއާ ހެދި ދަތިވެފައި ހުންނާތީ އަޅުގަނޑަށް ހީވަނީ އަގު ދަށަށް ގޮސްގެން މި އުޅެނީ،" މުހައްމަދު ހުސެއިން ބުންޏެވެ.

ލަންކާގައި ހައްދައިގެން އިމްޕޯޓު ކުރަނީ

އެހާ ބޮޑަށް ވެއްޓުނީ، ކަނޑޫދޫ މިރުސް ލަންކާގައި ހައްދައިގެން ގިނަ އަދަދަކަށް ރާއްޖެއަށް ގެނެސް ބާޒާރު ފުރާލުމުން ކަމަށްވެސް ބައެއް މީހުން ބުނެ އެވެ. ބ. އަންހެންފުށީގައި ދަނޑު ހައްދާ ގަމީރާ އާދަމްވެސް ބުނީ އެހެންނެވެ.

ގަމީރާވެސް މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް އަންހެންފުށީގައި ކަނޑޫދޫ މިރުސް ހެއްދި އެވެ. އެކަމަކު، މިފަހަރު އަގު ދަށަށް ދިޔުމުން ލިބުނީ "ލަނޑެއް" ކަމަށް އޭނާ ބުންޏެވެ.

ގަމީރާ ބުނި ގޮތުގައި، ލަންކާ ކުންފުންޏަކުން އެ ގައުމުގައި ކަނޑޫދޫ މިރުސް ހަައްދައިގެން، ދިވެހި އެޖެންޓަކު މެދުވެރިކޮށް، ރޯދަ މަހާ ދިމާލަށް ބާޒާރަށް "ވަކި މިނެއް ނެތި" އަޅާލީ ކަމަށެވެ.

"ލަންކާގައި ބަޔަކު ވަރަށް ބޮޑަށް މީތި ހައްދާފަ ވަނީ. ހައްދައިގެން ރާއްޖޭގައި އެޖެންޓެއް ހުރެގެން ރާއްޖެއަށް އެތެރެ ކުރަނީ،"

އޭޕްރީލް 12، 2021: މީހަކު ބާޒާރުގައި މިރުސް ހޮވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަމީރާ ބުނި ގޮތުގައި އެއީ ދިވެހި ދަނޑުވެރިންގެ އަގު ވައްޓާލުމެވެ. އޭނާ ހުރީ އެކަމާ ހެދި ހިތްހަމަނުޖެހިފަ އެވެ. ބުނީ، ދަނޑުވެރިންނަށް ގެއްލުން ނުވާ ގޮތަށް ރާއްޖެއަށް އެތެރެ ކުރާ އެއްޗެހި ކޮންޓްރޯލު ކުރަން ޖެހޭ ކަމަށެވެ.

ގަމުގައި ހެއްދިޔަސް ލަންކާގައި ހެއްދިޔަސް، ކަނޑޫދޫ މިރުސް ކަނޑޫދޫގައި ހެއްދުމުން ނޫނީ އޭގެ އަސްލު ރަހަ ނާންނަ ކަމަށް އެ ރަށު ދަނޑުވެރިން ބުނެ އެވެ. ގަމުގައި ހައްދާ ކަނޑޫދޫ މިރުހާއި ސީދާ ކަނޑޫދޫގައި ހައްދާ މިރުހުގައި ތަފާތު ކަމެއް ހުންނަ ކަމަށް އެ މީހުން ބުނެ އެވެ. އެއީ ގަމުގައި ހައްދާ މިރުސް ކުޅި މަޑުވުމެވެ. މުހައްމަދު ހަސަން ލަފާ ކުރާ ގޮތުގައި އެ ދައްކަނީ ދެ ރަށުގެ ބިމުގައި ހުރި ތަފާތެވެ.

comment ކޮމެންޓް