ތެދުވެރި ނިޔަތެއް ނެތް ނަމަ ބަރުލަމާނީ ގެނަޔަސް ވާނީ ފެއިލް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ކިތަންމެ މޮޅު ވެރިކަމުގެ ނިޒާމެއް ގެނައި ނަމަވެސް، ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ އިހްލާސްތެރި ނިޔަތް ނެތް ނަމަ، އެ ނިޒާމެއް ފެއިލް ވާނެ ކަމަށް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން އެދިފައިވާތީ، އެކަމަށް މިއަދު ބަހުސްކުރައްވަމުންނެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭ އިން ވަނީ ދައުލަތް ހިންގުމަށް ބޭނުންވާ 4.4 ބިލިއަން ރުފިޔާގެ އޯވާ ޑްރާފްޓެއްވެސް ދޫކޮށްފަ އެވެ.

މެމްބަރު ޝިޔާމް މިއަދު ވިދާޅުވީ ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތަކާ އަކުރުތަކުގެ ބަދަލުގައި މިހާރު ސަސްޕެންޑު ކުރަންޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާތީ، ރައީސުލްޖުމްހޫރިއްޔާ ސަސްޕެންޑުކުރަންވީ. މި ގައުމުގެ ރައްޔިތުން ދަރުވަމުން މި ދަނީ. ރައްޔިތުން ބޮލުގަ ދަރަނި އަޅުވަމުން މިދަނީ. ރައީސުލްޖުމްހޫރިއްޔާ ސަސްޕެންޑުކުރަން އެބަޖެހޭ. ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ އިސްތިއުފާ ދެއްވަން،" މެމްބަރު ވިދާޅުވި އެވެ.

ފައިސާ ޗާޕުކޮށްގެން ރައްޔިތުން ބަނޑަށް ޖެއްސުން ނޫން ކަމެއް ކޮށްފައިވޭތޯ މެމްބަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. މެމްބަރު ވިދާޅުވީ 4.4 ބިލިއަން ރުފިޔާ އެއްކޮށް ކަހަލަ ގޮތަކަށް ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށާއި، އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް ދެ ބިލިއަން ހަރަދު ނުކުރެވުމަކީ ދެރަކަމެއް ކަމަށެވެ. އަދި އެ ފައިސާ ސަރުކާރުން ބޭނުން ކުރީ ކީއްކުރަންތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.

"މި ގައުމުގެ ދަރަނި މެނޭޖުކުރަން މިއަދު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާގާބިލު ޓީމަށް ނޭނގޭތީ ދުނިޔޭގެ މާލީ އިދާރާތަކުން އެބަ ޖޯކު ޖަހާ. އެންމެ ގައުމަކަށް ބަރޯސާވެފަ އޮތް އޮތުން އަޅުގަނޑުމެންނަށް މި ފެންނަނީ އެމީހުން ވެސް މިހާރު ދެވަނަ ވިސްނުމަކަށް ދާތަން. އިންޑިއަން އެގްޒިމް ބޭންކުން މިއަދު ދެވަނަ ވިސްނުމަކަށް ދަނީ ދިވެހިރާއްޖޭގެ ދަރަނި މެނޭޖު ނުކުރެވޭތީ. ޗެނަލް ކުރެވިފަ ހުރި ބައެއް ފެސިލިޓީތައް މިހާރު ދިނުމާ ދޭތެރޭ އިންޑިއަން އެގްޒިމް ބޭންކުން އެ ދަނީ މިހާރު ވިސްނަމުން. ވަރަށް ރަނގަޅަށް އެބަޖެހޭ މިކަމާ ދޭތެރޭ ވިސްނާ މިއަށް ގޮތެއް ނިންމަން،" މެމްބަރު ވިދާޅުވި އެވެ.

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ހުއްދަ ދިނުމާމެދު މީގެކުރިން މަޖިލީހުގެ ރިޔާސަތުން ވެސް ކަންބޮޑުވުން ފާޅުކުރިކަން މެމްބަރު ފާހަގަ ކުރެއްވި އެވެ. މެމްބަރު ވިދާޅުވީ ފަހުން އެ ހުއްދަ ދޭން ނިންނީ ކަންކަން ރަނގަޅުކުރާ ގޮތަށް ކަމަށް ވާއިރު، އެގޮތަށް އެކަންކަން ރަނގަޅު ކޮށްފައިވޭތޯ އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުން ސާފުނުކޮށް އަނެއްކާވެސް ދީފައިވާ ހުއްދަ އިތުރުކުރުމަކީ ރައްޔިތުންގެ މޫނުމަތީގައި ޖެހުން ފަދަ ކަމެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ މިހާރު އޮތް ރިޔާސީ ނިޒާމަށް ހުތުރުވާ ގޮތަށް ވެރިކަންކުރައްވާ ރައީސް އެއް ކަމަށެވެ. އަދި ރިޔާސީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު، ރައީސް ސޯލިހު ގެއްލުވާލާފައިވާ ކަމަށެވެ.

"މިހާރު މިއޮތް ރިޔާސީ ނިޒާމަށް ހުތުރުވާ ގޮތަށް ވެރިކަން ކުރާ ރައީސެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ. ރައްޔިތުން ރިޔާސީ ނިޒާމަށް ކުރާ އިތުބާރު ގެއްލުވާލި ރައީސެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ. ކޮން ފަދަ ފޮނި މީރުކަމެއްތޯ ރައީސް ޔާމީންގެ ޒައާމަތުގައި މި ރިޔާސީ ނިޒާމުގެ ތެރެއިން ލިއްބައިދެމުން ދިޔައީ. އެހެން ނަމަވެސްނާގާބިލު މީހަކު، ނާގާބިލު ރައީސަކު، ނާގާބިލު ޓީމެއް ގޮވައިގެން އައިސް ކުރަމުންދާ ކަންކަން އަޅުގަނޑުމެނނަށް އެބަ ފެނޭ. ދިވެހި ގައުމު ބަނޑަށް ޖައްސައިފި. ދިވެހި ރައްޔިތުން ބަނޑަށް ޖައްސައިފި،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މިހާރު ފެންނަމުންދަނީ ސަރުކާރުގެ މާލީ ސިޔާސަތު ފެއިލްވެފައިވާ މިންވަރު ކަމަށެވެ. ކޮންމެ އަހަރަކު ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތަކާއި އަކުރުތައް ސަސްޕެންޑުކޮށްގެން ގައުމު ހިންގުމުގެ ވިސްނުން ރައީސް ސޯލިހު ގެންގުޅުއްވާ ނަމަ، މިއަދުން މިއަދަށް ސަރުކާރު އެއްކޮށް އިސްތިއުފާ ދޭން ވެސް މެމްބަރު ގޮވާލެއްވި އެވެ.

މެމްބަރު ވިދާޅުވީ ވަރަށް މަދުން ނަމަވެސް، ރަނގަޅު ކަންތައްތަކުގައި ބަރުލަމާނުން މަސައްކަތް ކޮށްގެން ރަނގަޅު މަގަށް އަޅުވާފައިވާ ކަމަށާއި އެހެންކަމުން ބަރުލަމާނެއް އޮތަތީ އުފާކުރައްވާ ކަމަށެވެ. ނަމަވެސް މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ، ސަރުކާރުގައި ތިބި "ހަރު ބަނބުކޭލުގައި" އަތްލަން ނުކެރޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑު އުފާކުރަން މިތަނުގައި ބަރުލަމާނެއް އޮތީތީވެ މިއަދު. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަނީ، ހަރު ބަނބުކޭލުގަ، ދޮން ބަނބުކޭލުގަ އަތް ލާކަށް ނުކެރޭ. މުޅި ދައުލަތް ފެއިލް ވެގެން މިދަނީ. މި މަޖިލީހުގަ މި އޮތް ސުޕަ މެޖޯރިޓީ، ދޮން ބަނބުކެޔޮ ކަނޑާ ދޭކަށް ނުކެރޭ ރައްޔިތުންނަކަށް. ނާގާބިލު ވަޒީރުން ކަނޑާ. އެތަންތަން ފުރިހަމަކޮށްދީ، ރައްޔިތުން އެބަ ބޭނުންވޭ ކަންކަން އިސްލާހުކުރަން. ރައްޔިތުން އެބަ ބޭނުންވޭ މި ގައުމު ތަރައްގީގެ މަގުގައި ކުރި ބޯއްޓާ ހަމައަށް ދާން. އެކަމަކު ބަލަދު އަރަފަ ތިބި ބައެއް އެއްޗެހި، ބައެއް ބަނބުކެޔޮ ތިބީމަ މި ފެންނަނީ އެ ބަނބުކެޔޮތައް ރައްޔިތުންނަށް ކަނޑާ ނުދެވޭތަން. ދޮން ވިޔަސް. ހަރު ވިޔަސް،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ސަރުކާރުގެ ނިޔަތާ މެދު ވެސް މިއަދު ސުވާލު އުފައްދަވައިފަ އެވެ. މެމްބަރު ވިދާޅުވީ ކިތަންމެ ރީތި ނިޒާމެއް ގެނައި ނަމަވެސް، އިހްލާސްތެރިކަން ނެތް ކަމަށް އޭގެން ވާނެ ފައިދާއެއް ނެތް ކަމަށެވެ.

"ބަރުލަމާނީ ނިޒާމު ވެސް ގެނެވިދާނެ. އެކަމަކު އޮންނަން މި ޖެހެނީ އިހްލާސްތެރި ހިތެއް. ތެދުވެރި ނިޔަތެއް. އެ ނެތިއްޔާ ކޮންމެ ނިޒާމެއް ވެސް ވާނީ ފެއިލް. ވަކިން ހާއްސަކޮށް މި ކަހަލަ ނާގާބިލު ވެރިން ލައިގެން ވާނީ ފެއިލް،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމަށް ބޭނުންކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހަށް ދަންނަވާފައި ވަނިކޮށެވެ. އަދި އެއާއެކު އަނެއްކާ ވެސް ނިޒާމުގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް