މިހާރު ނޫހުގެ އެޑިޓަރާ އެކު ހެޑް އޮފް ބިޒުނަސް ޑިވޮލަޕްމަންޓް ޝަމްއޫން ވެސް އިސްތިއުފާދީފި

"މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފާ އެކު އެ ނޫހުގެ ހެޑް އޮފް ބިޒުނަސް ޑިވޮލަޕްމަންޓް ހުސައިން އަފީފު (ޝަމްއޫން) ވެސް އިސްތިއުފާދީފި އެވެ.

"މިހާރު"ގެ ހިންގުމުގެ އިސް ރޯލެއް އަދާކުރުމާ އެކު، އެ ނޫހާއި އެ ނޫހުގެ ލައިފްސްޓައިލް މެގަޒިން "ދޯ" އަދި އިނގިރޭސި ނޫސް "ދި އެޑިޝަން"ގައި އެކްޓިން ސީއީއޯއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަމްއޫން އިއްޔެ "ސަން" އަށް ވިދާޅުވީ އޭނާ އެ ނޫހުން ވަކިވީ މޫސަ އާއި ރާއްޖޭގެ ސީނިއާ ބައެއް ޖާނަލިސްޓުންނާ އެކު މީޑިއާ ކުންފުންޏެއް އުފެއްދުމުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. އަދި އަލަށް އުފައްދާ މީޑިއާގެ ޑިވެލޮޕްމަންޓް މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލަށް ގާއިމްކުރެވޭ މީޑިއާ ވެގެންދާނީ ރާއްޖޭގެ މީޑިއާ އިންޑަސްޓްރީގައި ތިބި އެންމެ ފުންނާބުއުސް ބޭފުޅުންގެ އުފެއްދުންތައް، އެންމެ ފަހުގެ ޓެކްނޮލޮޖީތަކުގެ އެހީގައި މި ޒަމާނުގެ އޯޑިއަންސްތައް ބޭނުންވާ ގޮތަށް ގެނެސްދޭނެ ޕްލެޓްފޯމަކަށް،" ޝަމްއޫން ވިދާޅުވި އެވެ.

މާކެޓިން އަދި ސޭލްސްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޝަމްއޫން ވަނީ، "މިހާރު"ގެ އިތުރުން، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަމިއްލަ މީޑިއާ ކަމަށްވާ "ހަވީރު"ގައި ވެސް އިސް މަގާމްތަކެއް ފުރުއްވައިފަ އެވެ.

"ހަވީރު" އާއި "މިހާރު"ގައި ޖުމްލަ 17 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޝަމްއޫން ވަނީ އެ ދެ ކުންފުނި ކުރިއަރުވައި ކުންފުނީގެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ އާ ވިސްނުންތަކާއި ޕްރޮޑަކްޓްތައް ވުޖޫދަށް ގެނެސް، ކާމިޔާބު އެއްޗެހިތަކަކަށް ހެދުމުގައި ވެސް އިސް ރޯލެއް އަދާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި، މިފަހުން ނެރުނު "ބްރޭންޑްސް އޮފް މޯލްޑިވްސް" އާއި "މިހާރު އެވޯޑް"ގެ އިތުރުން، އެކި މުނާސަބަތުތަކާ ގުޅިގެން ނެރޭ ހާއްސަ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް