ފަސް ޕަސެންޓަށްވުރެ ކޮވިޑް ކޭސްތައް މަތި ރަށްތައް އިއުލާނުކޮށްފި

ބަޔަކު ފުރަން ލޯންޗަށް އަރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަސް ޕަސެންޓަށް ވުރެ ކޮވިޑު ޕޮޒިޓިވިޓީ ރޭޓު މަތިރަށްރަށް އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން ރޭ އާންމުކޮށްފައިވާ ގޮތުން މާލެ ސަރަހައްދު ހިމެނޭގޮތަށް ކޮވިޑު ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެ އިތުރު ހަތް ރަށެއް އެބައޮތެވެ. ދެން ހިމެނެނީ ޅ. ނައިފަރާއި ބ. މާޅޮސް، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިއްޔެވެ.

ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު، ދަތުރު ފަތުރު ކުރުމުގައި ލުއި ދޭނެ ގޮތްތަކާ ގުޅޭގޮތުން އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ ރަށެއްގައި ބަލިއުޅޭ ނިސްބަތް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރު ކުރާނަމަ ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުންވާނެ އެވެ.

އެޗްޕީއޭގެ އުސޫލު ބުނާގޮތުން އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާ ނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލެވޭނެ އެވެ.

ފަސްދޮޅަސް ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ޑޯޒްތައް ހަމަނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ފުރިހަމަވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް
ހުޅުވައިލާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

ނަމަވެސް ރަށެއްގައި ބަލި އުޅޭ ނިސްބަތް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުންވާނެ ކަމަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުންވާނެ ކަމަށް ބުންޏެވެ.

އެޗްޕީއޭގެ އުސޫލު ބުނާގޮތުން ފަތުރުވެރިން ހިމެނޭހެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުމެއް ނުވާނެއެވެ. އަދި އެ ފަރާތްތަކުން ކަރަންޓީނު ފުރިހަމަ ކުރާކަށްވެެސް ނުޖެހޭނެ އެވެ.

comment ކޮމެންޓް