ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން ނިންމައިފި

އޭޕްރީލް 10، 2021: މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށެވެ.

އެގޮތުން ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއާ ދެމެދު ކަމަށެވެ.

މަރްޔަމް ހަސަންއަށް ލިބިފައިވަނީ 222 ވޯޓެވެ. އަދި ހައްވާ އަބްދުލްހާދީއަށް ލިބިފައިވަނީ 224 ވޯޓެވެ. މައްސަލަ ޖެހިފައިވަނީ އެހެން ދެ ރަށަކަށް ނިސްބަތްވާ ދެމީހުން ގާދިއްފުށީ ކައުންސިލަށް ވޯޓުލުމުންނެވެ.

ލ. މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓުލުމާއި ކައުންސިލް ދެ މެމްބަރެއްގެ ދެމެދުގައި ވޯޓު ލުމެވެ.

ކައުންސިލް ރައީސް ހޮވަން އަލުން ވޯޓުލުން ކުރިއަށްދާނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާންއާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު މޫސާއާ ދެމެދުގަ އެވެ.

މީގެ އިތުރުން މާވަށު ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެމްޑީޕީގެ ފަރާތުން ކުރިމަތިލި ހަސަން ޝިހާބްއާއި ޕީޕީއެމްގެ ފަރާތުން ކުރިމަތިލި އިބްރާހިމް އަބޫބަކުރުއާ ދެމެދުގަ އެވެ. އެ ދެފަރާތަށް ވެސް އެއް އަދަދަކަށް ވޯޓު ލިބިފައިވާއިރު، އަލުން ވޯޓުލާން ޖެހުނީ ދާއިރާއަށް ނިސްބަތްނުވާ ބަޔަކު ވޯޓުލުމުންނެވެ.

ޝަރީފް ވިދާޅުވީ އެ ދާއިރާތަކުގައި އަލުން ވޯޓުލާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

comment ކޮމެންޓް