ސުޕަ ލީގުގެ ވާދަވެރިންނަށް ވޯލްޑްކަޕާއި ޔޫރޯ ނުކުޅެވޭނެ

ޔޫރޯ 2016ގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ --- ފޮޓޯ: އޭޕޯ

ޔޫރޮޕުގެ ބޮޑު 12 ކުލަބަކުން ގުޅިގެން ފަށަން ތައްޔާރުވާ ޔޫރޮޕިއަން ސުޕަ ލީގުގައި ވާދަކުރާ އެއްވެސް ކުޅުންތެރިއަކަށް ފީފާއާއި ޔޫއެފާގެ އެއްވެސް މުބާރާތެއްގައި ވެސް ނުކުޅެވޭނެ ކަމަށް ޔޫއެފާގެ ރައީސް އަލެކްސެންޑަރާ ކެފެރިން ވިދާޅުވެއްޖެ އެވެ.

ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރިއިރު އޭގައި ބައިވެރިވެފައިވާ ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

މި މުބާރާތުގެ ފޯމެޓް ރާވާފައިވާ ގޮތުން މުބާރާތުގައި ޖުމްލަ 20 ޓީމެއް ވާދަކުރާނެއެވެ. އޭގެ ތެރެއިން 15 ޓީމަކީ ފައުންޑާ ކުލަބުތަކެވެ. އެގޮތުން މިހާތަނަށް 12 ކުލަބެއް ހިމެނޭއިރު، އަވަސް މުސްތަޤުބަލެއްގައި އިތުރު ތިން ކުލަބެއް ފައުންޑަ ކުލަބުތަކުގެ ލިސްޓަށް އިތުރު ވެގެންދާނެއެވެ. ދެން މި މުބާރާތުގައި ވާދަކުރާ އަނެއް ފަސް ޓީމު ކޮލިފައިވާނީ އެ ޓީމުތަކުން ހޯދާ ކާމިޔާބީތަކަށް ބެލުމަށްފަހުއެވެ.

އެހެން ނަމަވެސް ސުޕަ ލީގު ރަސްމީކޮށް އިއުލާންކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޔުއެފާ އާއި ފީފާ އިން ވަނީ ސުޕަ ލީގު ބަލައިގަންނަން ބޭނުންނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި އެއަށްފަހު ފުޓުބޯޅަ އާއިލާގެ އިސްފަރާތްތަކުން އެކަމަށް ނުރުހުން ފާޅުކުރަމުން އަންނަ އިރު، އިންޒާރުތަކާ އެކު ވެސް އެ މުބާރާތް ކުޅެފި ނަމަ ވަރުގަދަ އަދަބުތަކެއް ލިބޭނެ ކަމަށް ފީފާއާއި ޔޫއެފާއިން ވަނީ މިއަދު ބުނެފަ އެވެ.

ޔޫއެފާގެ ރައީސް އަލެކްސެންޑަރާ ކެފެރިން މިއަދު ވިދާޅުވީ، ފައިސާގެ ދަހިވެތިކަމުގައި ބަޔަކު ފުޓުބޯޅަ ހަލާކު ކުރަނ މިކުރާ މަސައްކަތާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލުމަކީ އުފާ ކުރާ ކަމެއް ކަމަށާއި، އެދުންވެރިކަމާ އެކު ވަކި ބަޔަކު ބޭނުން ވެގެން ކުރާ މަސައްކަތް ނާކާމިޔާބު ކުރާނެ ކަމަށެވެ.

"މި ލީގުގައި ވާދަކުރާ ކުލަބުތަކުގެ ކުޅުންތެރިންނަށް ފީފާ ވޯލްޑް ކަޕާއި، ޔޫރޯ ފަދަ މުބާރާތްތަކުގައި ނުކުޅެވޭނެ. މިކަން ނާކާމިޔާބު ކޮށްލުމަށް އަހަރަމެން ކުރަމުން މިދާ މަސައްކަތުގައި ސާބިތުވެ ތިބޭނަން." ކެފެރިން މިއަދު ޔޫއެފާގެ ވެބްސައިޓުގައި ވިދާޅުވި އެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ސްޓޭން ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

comment ކޮމެންޓް